logo

ވަޒީފާގެ ފުރުސަތު ނެތީތަ؟ ނޫނީ އަދާކުރަން ނުކެރެނީތަ؟

profile

އައިޝަތު އިބްރާހިމް - 13 މާރިޗު 2025 - 07:57

ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް ނެތްވާހަކަ އަކީ ގިނަ ޒުވާނުންގެ ޝަކުވާއެވެ. ސްކޫލު ދައުރު ނިންމާ މުޖުތަމައަށް ނިކުމެ މަގުއޮޅިގެންދަނީވެސް ވަޒީފާއެއްނެތީމާއޭ ބުނާއަޑުވެސް އަހަމެވެ. އެހެން ނަމަވެސް މިއީކީ އަދި މުޅިއަކުން ކަމުދާ ތެދު ވާހަކައެއް ކަމަކަށް ޤަބޫލު ކުރަން ދައްޗެވެ.

https://wamco.com.mv/

ދިވެހި ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް ކިތަންމެހާވެސް ބޮޑަކަށް އެބައޮތެވެ. ވަޒީފާ އަދާކުރަން ނުކެރެނީއެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ ބޮޑުގޮނޑީގައި އޭސީ ކޮޓަރީގައި އިދެ ގެންނަ ފައިލްގައި ސޮއިކޮށްލާ ވަރުގެ ވަޒީފާއެވެ. އެހެންނަމަވެސް ހުރިހާ އެންމެން މިވިސްނުން ގެންގުޅެފިނަމަ އިޤްތިޞާދީ ބޮޑު އަނދަވަޅަކަށް ރާއްޖެ ވެއްޓިދާނެ ކަމުގެ ބިރު އެހާމެ ބޮޑެވެ.

ވާހަކައެއް ބުނަން ހެއްޔެވެ. އެއްވެސް މީހަކަށް އެއްފަހަރާ އަރާ ބޮންތިއަކު ނުހިފޭނެއެވެ. އެންމެ މަތީގައި ހުންނަ ކިތަންމެ ބޭނުންވިޔަސް ކޮންމެ ކަމެއްވެސް ކުރަންވާނީ އެކަމުގެ ހުރިހާ ހަރުފަތެއް ގިރާކޮށްފައެވެ. ނުފިރުކެނީސް ދުވަން އުޅެފިނަމަ އަގަވަތަށް ވެއްޓިދާނެކަން ދަންނަން ޖެހޭނެއެވެ.

ދިވެހިރާއްޖޭގައި އެކި ކަންކޮޅުތަކަށް ނަޒަރު ހިންގާލިޔަސް ވަޒީފާގެ ފުރުސަތުތައް އެހާމެ ގިނައެވެ. ރެސްޓޯރަންޓް ތަކުން ފެށިގެން ކޮންސްޓްރަކްޝަން ދާއިރާއަށް ބެލި ކަމުގައި ވީނަމަވެސް ރާއްޖޭގައި ވަޒީފާގެ ފުރުސަތު ނުހަނު ގިނައެވެ. އަދި އަހަރެމެންގެ ތެރެއަށް ދާދި ފަހުން އުފެނު ވެމްކޯއަށް ބެލިޔަސް ވަޒީފާ އެއޮތީ ހަމަ ކުރަން ކެރުނު ވަރަކަށެވެ. ދެރައީ މިއީ ދަށު ދަރަޖައިގެ މަސައްކަތްތައް ކަމަށް ދެކި އެކަމަށް ކުރިމަތިލާން ޒުވާން ޖީލަން ނުކެރުމެވެ.

އެވޭލާ ޒަމާނަށް ބަލާއިރު ދިވެހިރާއްޖޭގައި މިފަދަ މަސައްކަތްތައް ކުރަނީ ހަމަ ދިވެހިންނެވެ. ގޭގަ ސިމެންތި ޖަހަނީ ހަމަ ދިވެހިންނެވެ. ރަށްރަށުގައި ބުރަކޮށް ދަނޑު ހައްދަނީ ހަމަ ދިވެހިންނެވެ. އަދި ކިއެއްތަ ކޮންސްޓްރަކްޝަން ދާއިރާއަށް ބެލިކަމުގައި ވީނަމަވެސް އެންމެ އުހުގައި އޭރުގައި މަސައްކަތުގައި އުޅުނީ ހަމަ ހީވާގި ދިވެހިންނެވެ. ދެން މިއަދު މިވަނީ ކީއްހެއްޔެ؟

ބުނާތީ އަޑު އިވެނީ ރާއްޖޭގައި ހުރި ރުކަށްވުރެ، މި ބިމުގައި މަސައްކަތްކުރާ ބިދޭސީންގެ ނިސްބަތް އިތުރު ވުމުން އަންނަ ވާހަކައެވެ. މިއީކީ އަދި މުޅިން ތާކުން ތާކު ޖެހޭ ވާހަކައެއް ނޫންކަން އެނގެއެވެ. ދިވެހި ރާއްޖޭގައި ބިދޭސީން ތިބޭހާ ދުވަހަކު ރާއްޖޭގައި ވަޒީފާގެ ފުރުސަތު ނެތޭ ދެންނެވޭކަށް ވެސް ނެތެވެ. އެހެނީ މިކަމާ ވިސްނާލުމުން އެނގި ހާމަވަނީ އެމީހުން ގެންނަން ޖެހެނީވެސް ވަޒީފާ އަދާ ކުރާނެ ދިވެހިން ނެތީމައެވެ. ނުވަތަ ބައެއް ކަހަލަ ވަޒީފާ ދިވެހިންނަށް ކަމުނުދާތީވެއެވެ.

އެންމެނަށް ވަޒީފާ ސިޔާސަތުގެ ދަށުން ސަރުކާރުން ދަނީ ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހޯދާ ދެމުންނެވެ. ދިވެހިން ކުރިން ހަޑިކަމެއް ކަމަށް ދެކެމުން އައި ކިތަންމެ ވަޒީފާއަކުން ދިވެހި މޫނުތަށް ފެނި އެއީ ހަޑި ވަޒީފާއެއް ނޫންކަމާއި ބަދަލު ކުރަން ޖެހިފައިވަނީ ދިވެހިންގެ ވިސްނުންކަން ވަރަށް ރަނގަޅަށްވެސް މަދު ދިވެހި ދަރިންކޮޅެއްވަނީ ސާބިތުކޮށްދީފައެވެ.

މި ދައްކަނީ ވެމްކޯއިން ކުރަމުން އަންނަ ބުރަބޮޑު އެހެން ނަމަވެސް އަގު ނުކުރެވޭނެ މަސައްކަތުގެ ވާހަކައެވެ. ދިވެހިންގެ "ކަޓު" ވިސްނުން ބަދަލުކޮށްލުމަށް ހަމަގައިމުވެސް "ވެމްކޯ"އިން ނެގީ ބޮޑު ރިސްކެކެވެ. މިއަދު އެ މުއައްސަސާއަށް ނަޒަރު ހިންގާލުމުން އެމީހުން އެކުރި މަސައްކަތް ވަރަށް ކާމިޔާބުކަން ފެނި ހާމަވެގެން ދަނީ ޝައްކެތްވެސް ނެތް މިންވަރާ ގާތަށެވެ.

މިއަދު ދިވެހި މުޖުތަމަޢަށް ބޭނުންވަނީ "ވެމްކޯ" ފަދަ އަދި އިތުރު ދެތިން މުއައްސަސާއެކެވެ. ދިވެހިންނަށް ވާނެކަން ޤަބޫލުކޮށް ދިވެހިން ވަޒީފާގެ މާޙައުލަށް ނެރެން ކެރޭ މުއައްސަސާތަކެކެވެ. ކޮންސްޓްރަކްޝް ދާއިރާއިން ފެށިގެން ވެއިޓަރުންނާ ހަމައަށް ބިދޭސީގެ ނުފޫޒުގެ އަހަރެމެންގެ ވަޒީފާތަކަށް އަތް ގަދަކޮށްފައިވާއިރު، މިފަދަ ކަންކަން ކޮންޓްރޯލްކޮށް މޮނިޓަރ ކުރުމަށް މުއައްސަސާއެއް އުފެއްދިއްޖެ ނަމަ ދިވެހިންގެ ތެރެއިން މިފަދަ ވަޒީފާގެ މާޙައުލުގައި އުޅޭ ދިވެހިންގެ ނިސްބަތް އިންތިހާއަށް ގިނަވެ ކުރި އަރައިގެން ދާނެކަމީ އެއްވެސް ޝައްކެއްނެތް ކަމެކެވެ.

މިއަދުވެސް ދިވެހި މުޖުތަމަޢުގައި ވަޒީފާގެ ފުރުސަތު ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އެބައޮތެވެ. ވަޒީފާ އަދާ ކުރަން ނުކެރެނީއެވެ. ކުއްޖަކާ ލޯބީގެ ގޮތުން ގުޅިއްޖެނަމަ އެކުއްޖާގެ ލޯބި ހޯދަން ގަދަ އަޅާ މަސައްކަތް ކުރާވަރަށް ވަޒީފާއެއް ހޯދަންވެސް ހަމަ އެހާ ގަދަ އަޅާ މަސައްކަތްކޮށްފިނަމަ ހަމަގައިމުވެސް، މަގުތަކުގައި ގަނަ ތަޅަން ހުންނާކަން ނުޖެހޭނެއެވެ.

ކޮންމެވެސް ވަޒީފާއެއް ލިބޭނެކަމީ ޝައްކެތްވެސް ނެތް ކަމެކެވެ. އެއީ ތިމާ އެންމެ ހިތް އެދޭ އެންމެ ގަޔާވާ ވަޒީފާއަކަށް ނުވި ނަމަވެސް އެކަން ކުރަން ހިތްވަރުލާން ޖެހޭނެއެވެ އަދި ކުރަން ކެރެން ވާނެއެވެ. އެއްވެސް މަސައްކަތަކީ ހަޑި އަދި ހުތުރު މަސައްކަތަކަށް ނުވާތީއެވެ.

ބުރަކޮށް މަސައްކަތްކޮށް ލިބޭ އާމްދަނީން ތިމާއަށާއި ތިމާގެ އަނބިދަރިން ނުވަތަ ބަލަން ޖެހިފައިވާ މައިންބަފައިން ނުވަތަ އެނޫންވެސް މީހުންނަށް ޚަރަދުކުރަން ލިބުމަކީ ކިހާ ހިތްހަމަ ޖެހޭ ކަމެއްކަން އެނގޭނަމަ ވަޒީފާއަކީ ހަޑި އަދި ހުތުރު ވަޒީފާއެއްތޯ ނުބަލާނެއެވެ. އަމިއްލަޔަށް އިޚްތިޔާރުކުރާ މަގަކުން ގޮސް މަގު އޮޅުނީ ވަޒީފާއެއް ނެތީމައޭ ބުނާ މީހުންނަށް ބުނެލަން އޮތީ މިހެންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay