މާލެއިން ކުނި ނަގައިދިނުމަށް އެންމެ ފަހުން މާލެ ސިޓީ ކައުންސިލުން ވެމްކޯގައި އެދިއްޖެ
އަލީ ޝާމިލް ހަސަން - 30 ޑިސެމްބަރު 2022 - 15:40
މާލެ ސިޓީ ކައުންސިލުން ކުނި ނަގަނީ
މާލެއިން ކުނި ނަގައިދިނުމަށް މާލެ ސިޓީ ކައުންސިލުން އެންމެ ފަހުން ވެމްކޯގައި އެދިއްޖެއެވެ. ވެމްކޯއިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޔޫސުފް ސިރާޖު ވިދާޅުވީ ހަމަ އެ ދުވަހު މާލެ ސިޓީ ކައުންސިލްގެ ފަރާތުން ވެމްކޯއަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށެވެ. އެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން ފޮނުވި އެ ސިޓީގައި ފަހާގަ ކޮށްފައި އޮތީމާލެ ތެރެ ހަޑިވެގެންދާ އެންމެބޮޑު ސަބަބަކީ މާލޭގެ މަގުތަކަށް އާންމުން ކުނި އެޅުން ކަމަށް ސިރާޖް ވިދާޅުވިއެވެ. އަދި މާލެއިން ކުނި ނަގައިދިނުމަށް ސިޓީ ކައުންސިލުން ވެމްކޯއަށް އިލްތިމާސްކޮށްފައިވާކަން ވެސް ހާމަ ކުރެއްވިއެވެ.
"ދެން އަޅުގަނޑު ހަމަ ފާހަގަ ކޮށްލަން ބޭނުންވޭ، މި ސިޓީގަ ވެސް ސިޓީ ކައުންސިލްގެ ކަންބޮޑުވުންތައް ފާޅުކޮށްފަ އެބައޮތް. މާލެތެރެ ވަރަށް ބޮޑަށް ހަޑިވެގެންދާ ކަމުގަ. ހަޑިވެގެންދާ އެންމެ ބޮޑު ސަބަބަކީ މާލެ ސިޓީގެ މަގުތަކަށް އާންމު ފަރާތްތަކުން އަޅާ ކުނީގެ މައްސަލަ ގޮތުގަ ސިޓީ ކައުންސިލުން ފާހަގަ ކޮށްފައި އެބަ އޮތް. އަދި އެ ކުނިތައް ނެގުމަށް ނުވަތަ ނަގައިދިނުމަށް ސިޓީ ކައުންސިލުން އަންގާ އިލްތިމާސް ކުރާ ވާހަކަ މީގަ މި އޮތީ" ސިރާޖު ވިދާޅުވިއެވެ.
މި ސިޓީގައި މި ކަމަށް ހަވާލާދީފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި، އާންމު ޞިއްހަތު ރައްކާތެރި ކުރުމުގެ ޤާނޫނާއި، ކުނި މެނޭޖް ކުރުމުގެ ޤާނޫނާއި، އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު އަމަލްތައް ހުއްޓުމވުމުގެ ޤާނޫނަށެވެ.
ޔޫސުފް ވިދާޅުވީ ސިޓީ ކައުންސިލުން ރިޢާޔަތްކޮށްފައިވާ އެއްވެސް ޤާނޫނެއްގައި ވެމްކޯއިން ހިލޭ ޚިދުމަތް ދޭން ޖެހޭނެ ކަމަށް ބަޔާން ކޮށްފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ވެމްކޯއާއި މާލެ ތެރެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފި ނަމަ، އެ ކުންފުނިން އޮތީ އެ ކަމަށް ތައްޔާރަށް ކަމަށް ސިރާޖު ވިދާޅުވިއެވެ.
އެހެން ނަމަވެސް މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ ވެމްކޯއާއި އެ މަސައްކަތް ރަސްމީކޮށް ހަވާލުނުކޮށް، އެ ކުންފުނި ލައްވައި މަސައްކަތް ކުރުވުމަށެވެ.
މާލޭގެ މަގުތަކާއި، އާންމުތަންތަނުން ކުރި ނަގައި ސާފު ކުރުމަށް އެ ކައުންސިލުން ވެމްކޯއާ އެކު ހެދި އެއްބަސްވުން އައު ނުކުރުމަށް ނިންމުމާ އެކު، އެއްބަސްވުން ހަމަވެ، ވެމްކޯއިން ވަނީ ހަމަ އެކަނީ އެ ކުންފުނީގައި ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ޚިދުމަތް ދޭން ފަށާފައެވެ. މާލޭގެ މަގުމައްޗަށް ޤަވާއިދާ ޚިލާފަށް އަޅާފައިހުންނަ ކުނި ނެގުން އެ ކުންފުނިން ހުއްޓާލިއެވެ.
މާލެ ތެރެ ސާފު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުންދާނެ ކަމަށް އެ ކައުންސިލުން އޭރު ބުންޏެވެ.
އެހެން ނަމަވެސް މާލޭގެ މަގުތަކާއި، އާންމު ތަންތަން ސިޓީ ކައުންސިލަށް ސާފެއް ނުކުރެވުނެވެ. އެހެން ކަމުން އަނެއްކާ ވެސް ސިޓީ ކައުންސިލުން މި މަސައްކަތް ކޮށްދިނުމަށް އެދެން ޖެހުނީ ވެމްކޯގައެވެ.
ބުރާސްފަތި ދުވަހު ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ އެމްޑީ ޔޫސުފް ސިރާޖު ވިދާޅުވީ ސިޓީ ކައުންސިލުން ގެންދިޔައީ ވެމްކޯއަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން ކަމަށާ، އަދި ކުންފުނީގެ މަސައްކަތް ވަރަށް ބޮޑަށް އަންޑަރެސްޓިމޭޓް ކުރަމުން ކަމަށެވެ. މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވަނީ އެކި ފަހަރު މަތިން ވެމްކޯއާ ގުޅުވައި ވާހަކަފުޅު ދައްކަވާފައެވެ. އެ ގޮތުން ވިދާޅުވަމުން ގެންދެވީ ވެމްކޯއަށް މާލެ ތެރެ ސާފުކޮށް ނުބެހެލެހެއްޓޭ ކަމަށެވެ.
ވެމްކޯއާއި ސިޓީ ކައުންސިލާ ދެމެދު ހެދި އެއްބަސްވުން ހަމަވި ނަމަވެސް އެ ވެމްކޯގައި ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެ ކުންފުނިން އަންނަނީ ދެ ޚިދުމަތެއް ދެމުންނެވެ. އެއީ ޑޯރ ސްޓޮޕް ސަރވިސްގެ އިތުރުން ބިލްޑިންގ ސަރވިސްގެ ޚިދުމަތެވެ.
މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ވީ އެއްބަސްވުމަކީ ސައްބީސް ޑިސެންބަރު ދެ ހާސް ސޯޅައިގައި ސޮއިކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުން ހަމަވެފައިވީ ޑިސެންބަރު ސައްބީސް ދެހާސް ބާވީހުގައެވެ.
ގުޅުން ހުރި ޙަބަރުތައް
ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން
ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން
"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން
ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން