
ރައީސް ޔާމީން
ރާއްޖޭގައި މިހާރު އޮތީ ކޮރު، ކަސްބީ ހާރިޖީ ސިޔާސަތެއް - ރައީސް ޔާމީން

އަހުމަދު ޒަލީފު - 23 ޑިސެމްބަރު 2022 - 19:11
މި ސަރުކާރު އައީ ކުރީ ސަރުކާރަށް ނުހޯދުނު ބޭރު އެހީ ހޯދުމަށް ކަމަށާއި ނަމަވެސް ރާއްޖޭގައި މިހާރު އޮތީ ކޮރު އަދި ކަސްބީ ހާރިޖީ ސިޔާސަތެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
" ހާރިޖީ ސިޔާސަތަކީ ކަސްބީ ސިޔާސަތެއް. ވަރަށް ކަސްބީ ސިޔާސަތެއް. ލޯ ހުޅުވާށޭ ބުނީމަ ލޯ ހުޅުވާނެ މިއަދު. ދެންވެސް ހުޅުވާށޭ ބުނާތަނެއް ހުޅުވަން ޖެހޭނީ. އެހެން ދަންނަވަން މި ޖެހެނީ ކީއްވެގެންތޯ. އެއީ އަބަދު ނާށިގަނޑު ހިފައިގެން އުޅެން ޖެހޭތީ. އަޅުގަނޑުމެންނަށް ހުޅަނގަކަށް ދަތުރެއް ނުކުރެވޭ. ދެކުނަކަށް ދަތުރެއް ނުކުރެވޭ . އިރަކަށް ދަތުރެއް ނުކުރެވޭ. ހަމަ އެކަނި ޖެހެނީ އުތުރަށް ދަތުރު ކުރަން." ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ވެރިކަން ބަދަލު ވެއްޖެ ނަމަ މި ސަރުކާރުގެ ހުރިހާ ވަގުން ދުވެ ފިލާނެ ކަމަށެވެ
"މިސަރުކާރު ބަދަލުވެއްޖެ ނަމަ އަޅުގަނޑު ދިވެހި ރައްޔިތުންނަށް އަރުވަން އޮތް ޔަޤީން ކަމަކީ ހަމަ އެއްވެސް ޝައްކެއްނެތް ގޮތުގައި އަޅުގަނޑު ދޭނީ ޒީރޯ ޓޯލަރެންސް ޓު ކޮރަޕްޝަންއޭ. އެކަމަކު މިތާ މިތިބަ ވަގުންގެ ހަމަ އެންމެ މީހަކުވެސް ސަރުކާރު ބަދަލުވާއިރަކު ނުތިބޭނެ. އެއީ ކަށަވަރު ކަމެއް " ރައީސް ޔާމީން ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ފޮރިންގ މިނިސްޓަރ ޝާހިދަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
" ޝާހިދަށް ކެރޭނެބާ ޗާގޯސް އަށް ދިވެހި ކަނޑު ވިއްކާލި މައްސަލަ ތަޙުޤީޤުކޮށްލަން. މިއުޅެނީ ފޮނުވި ސިޓީގަނޑު ދައްކާލަން ނުކެރިގެން. އެހެންވީމަ މި މީހުންގެ ހާލު ހުރީ މި ހިސާބުގައި. ރައްޔިތުންނާއި ހަމައަށް ވެރިކަމެއް އަންނަނީ އުންމީދުތަކެއް އެނގިގެން. " ރައީސް ޔާމީން ވިދާޅުވިއެވެ.
“ފެލާލައިފި” ނަމުގައި މި ޖަލްސާ ކާނިވާ ސަރަހައްދުގައި ކުރިއަށްގެންދިޔަ އިރު އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުމަށް އަންނަ އާދިއްތަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.