
18 އަތޮޅެއްގެ އާސާރުތައް ޑޮކިއުމެންޓް ކުރެވިއްޖެ: ހީނާ

ރިޟްވާން މޫސާ - 01 ޖުލައި 2026 - 06:51
ރާއްޖޭގެ 18 އަތޮޅެއްގައި ހުރި އާސާރީ ތަންތަން ދިރާސާކޮށް، އެ ތަންތަނުގެ މައުލޫމާތު ކިތާބުކުރުން ނުވަތަ ޑޮކިއުމެންޓް ކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ހީނާ ވަލީދުގެ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ އަދާ ހަމަ ބައްލަވާލެއްވުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާ އަށް އެކަމަނާ ވަނީ ހާޒިރުކޮށް މެންބަރުން ސުވާލު ކުރައްވާފަ އެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 400 އަށްވުރެ ގިނަ އާސާރީ ތަންތަން މިހާތަނަށް ލިސްޓުކުރެވިފައިވާ ކަމަށެވެ.
އާސާރީ ތަންތަން ދިރާސާކޮށް، އެ ތަންތަނުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ މި މަސައްކަތްތައް ކުރިއަށް ގެންދަނީ ޖަޕާނުގެ ކިޔޯޓޯ ޔުނިވާސިޓީ ގުޅިގެން "މެރިޓައިމް ސާވޭ" ގެ ނަމުގައި ހާއްސަ މަޝްރޫއެއްގެ ގޮތުގައި ކަމަށެވެ.
ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ އއ. އަދި އދ. އަތޮޅުގެ މަސައްކަތްތައް ކަމަށާއި، ޖުލައި މަހުގެ ތެރޭގައި އެ ދެ އަތޮޅުގެ މަސައްކަތް ނިމުމުން މާލޭގެ އާސާރުތައް ކިތާބުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މާލޭގެ މަސައްކަތާއެކު މުޅި ރާއްޖޭގެ ހުރިހާ އާސާރުތަކެއް ޑޮކިއުމެންޓްކޮށް ކިތާބުކުރުމުގެ މަސައްކަތްތައް ނިމޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ކުރާ މަސައްކަތްތަކުގެ ތަފްސީލުވެސް ހިއްސާކުރެއްވިއެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ މަހު ޔުނެސްކޯއަށް ހުށަހެޅި ނޮމިނޭޝަން ފައިލް އެ އިދާރާއިން މިހާރު ބަލައިގެންފައިވާ ކަމަށާއި، މިހާރު އެޕްލިކޭޝަން އޮތީ އިވެލުއޭޝަން މަރުހަލާގައި ކަމަށް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރަނީ ހއ.އުތީމުގައި: ހީނާ ވަލީދު
10 ގަޑިއިރު ކުރިން

އެންސްޕާގެ ކޯލް ސެންޓަރެއް އައްޑޫ ސިޓީގައި
11 ގަޑިއިރު ކުރިން

މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް މިމަހު ކުރިއަށްދަނީ
12 ގަޑިއިރު ކުރިން

ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާތަކެއް!
ދުވަހެއް ކުރިން


.gif&w=3840&q=75)