
ރައީސް އުކުޅަހު ކައުންސިލާއި ބައްދަލުކުރައްވައިފި

މުޙައްމަދު ފަޟްލޫން - 05 އޯގަސްޓު 2026 - 13:26
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް ބޭނުންވާ މުހިއްމު ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.
މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ ރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އިތުރު ހައުސިންގ ޔުނިޓްތަކެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އިތުރު ސަރަހައްދެއް ހިއްކުމަށާއި، އަލަށް ހިއްކާފައިވާ ސަރަހައްދުގައި ފެނާއި، ނަރުދަމާ، އަދި ކަރަންޓުގެ ޚިދުމަތް ގާއިމުކޮށް، މަގުތައް ހެދުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، އިންޖީނުގެ ބޮޑުކުރުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގައި ހުރި ގޮންޖެހުންތަކާއި، ރަށުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާ ޙަވާލުކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި މަސްވެރިންނަށާއި އާންމުންނަށް ލުއިފަސޭހަވާނެހެން އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށްވެސް މި ބައްދަލުވުމުގައި އެދިވަޑައިގެންފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ހުށަހެޅި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި، އުކުޅަހުގައި މިހާރު ކުރިއަށްދާ އަދި ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލާ ހިއްސާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ތިލަފުށީގެ ކުނި ކުނބުރުދޫއަށް ގެންދިއުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށްދިނުމަށް އެމްޑީޕީ އިން އެދިއްޖެ
3 ގަޑިއިރު ކުރިން

އއ. އުކުޅަހުގައި ކުރިއަށްގެންދެވި ގަސް އިންދުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
5 ގަޑިއިރު ކުރިން
އައިރީނާގެ ދާއިމީ މަންދޫބަކަށް ޠާރިޤް އައްޔަންކުރަން ރުހުން ދީފި
5 ގަޑިއިރު ކުރިން

މިއަދުގެ ހާލަތަށް ވިސްނައި ބަދަލުނުކޮށް ދެން ކޮޅަކަށް ނުހުރެވޭނެ: ޝިފާޒް
7 ގަޑިއިރު ކުރިން


