logo
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު---

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު---

އައު އީޖާދުތަކުގެ މައްޗަށް ބިނާކޮށް، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއް ބިނާކުރުން މުހިއްމު: ރައީސް

profile

ޖިނާން ޙުސައިން ޖަބީން - 16 އޮކްޓޯބަރު 2026 - 11:56

އެންމެންނަށް ރައްކާތެރި، ފައިދާހުރި އަދި އަގުހެޔޮ ކާބޯތަކެތި ލިބޭކަން ކަށަވަރުކޮށްދޭ، އައު އީޖާދުތަކުގެ މައްޗަށް ބިނާވެފައިވާ، ދެމެހެއްޓެނިވި އަދި ވިލުންތެރި ކާބޯތަކެތީގެ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަން ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.

https://wamco.com.mv/

އެމަނިކުފާނު މިފަދައިން ގޮވާލައްވާފައިވަނީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ މީސްމީޑިއާގައި ޝާއިއުކުރެއްވި ބަޔާނެއްގައެވެ. މިއަހަރުގެ ކާބޯތަކެތީގެ ދުވަހުގެ ޝިއާރު ކަމަށްވާ "އިނޮވޭޓް ޓުޑޭ- ނަރިޝް ޓުމޯރޯ" އަކީ، މިއަދު އަޅުގަނޑުމެން ނިންމާ ނިންމުންތަކާއި، ކުރާ ވުނަތަކަކީ، އޭގެ ސަބަބުން އަންނަން އޮތް ޖީލުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަން ބައްޓަން ވެގެންދާނެ ގޮތް، ހަނދާންކޮށްދޭ ޝިއާރެއްކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އައު އީޖާދުތަކަށް ވުނަކޮށް، ގައުމުގައި ކާބޯތަކެތި އުފައްދާ މިންވަރު ފުޅާކޮށް، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުން، ދިވެހިރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވި، ރައްޔިތުންނަށް ދުޅަހެޔޮ، އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދައިދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

View post on Twitter

ރާއްޖެފަދަ ޖަޒީރާ ގައުމަކަށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވިފައި އޮތުމަކީ، ގައުމީ ވިލުންތެރިކަމަށާއި، ދެމެހެއްޓެނިވި އިގުތިސާދަށްޓަކައި، ކޮންމެހެން މުހިންމު ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އައު ޓެކްނޮލޮޖީތައް ބަލައިގަތުމާއި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަށާއި، ދަނޑުވެރިންނާއި މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ދިވެހިންގެ އިޖުތިމާއީ ދިރިއުޅުން ދެމެހެއްޓުމަށް ބޭނުންވާ ގުދުރަތީ ވަސީލަތްތައް ޙިމާޔަތްކުރުމަށް، އެމަނިކުފާނު ބާރުއަޅުއްވާފައި ވެއެވެ.

މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތަފްސީލުވެސް ރައީސްގެ ބަޔާނުގައި ހާމަކުރައްވާފައި ވެއެވެ. އޭގެތެރޭގައި، މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭކަން ކަށަވަރުކުރުމާއި، މަސް ރައްކާކުރުމާއި އަދި މަހުގެބާވަތްތައް އުފެއްދުމަށް ބޭނުންވާނެ ޢުމްރާނީ ތަރައްގީގެ ވަސީލަތްތައް ފުޅާކުރުންފަދަ، ފިޔަވަޅުތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން، ދަނޑުވެރިކަން ތަރައްގީކުރުމަށްޓަކައި، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން އެކި ރަށްރަށުގައި ފެށިފައިވާ މަޝްރޫއުތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަށާއި، ތާޒާ މޭވާ ހެއްދުމަށްޓަކައި، ދަނޑުވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، ރަށްރަށުގައި ހުރި ހުސްބިންތައް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބޭނުންކުރުމަށް ހިތްވަރުދެއްވާފައި ވެއެވެ.

ރާއްޖޭގައި ކާބޯތަކެތި ފޯރުކޮށްދޭ ވިއުގަތައް ވަރުގަދަކުރުމަށާއި، ދަނޑުވެރިންނާއި މަސްވެރިން އުފައްދާ ތަކެތި ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި، ދަނޑުވެރިކަމުގެ ދާއިރާއަށް ވުނަކުރާނެ އިތުރު ގޮތްތައް ހޯދުމަށް، ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި، ދިވެހި އުފެއްދުންތެރިންގެ މައުލޫމާތާއި ތަޖުރިބާގެ އަލީގައި، އައު އީޖާދުތައް ބޭނުންކޮށްގެން، އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ މިންވަރު މަދުކުރުމަށާއި، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނިޒާމުގެ ވިލުންތެރިކަމާއި ދެމެހެއްޓެނިވިކަން އިތުރުކުރެވިދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމަކީ އެންމެންގެ ޒިންމާއެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަށާ، ދަނޑުވެރިކަމާއި މަސްވެރިކަންކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް، އެންމެހާ ދިވެހިން އެކުގައި މަސައްކަތްކުރުމަށް، ރައީސް ގޮވައިލެއްވިއެވެ. އަދި އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ހުރިހާ ދިވެހިންނަށް ވެސް، އަގުހެޔޮކޮށް، ފައިދާހުރި ކާބޯތަކެތި އިތުބާރާ އެކު ލިބިގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ދިވެހިރާއްޖެއަކީ ދަނޑުވެރިންނާއި މަސްވެރިން ބާރުވެރިކުރެވިފައިވާ، ކާބޯތަކެތި އުފައްދާ މިންވަރު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާ، އަދި ކޮންމެ ގެއަކަށްވެސް ފައިދާހުރިކާނާ، ހެޔޮ އަގުގައި ލިބެން ހުންނަ ޤައުމެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރުމަށް ގޮވައިލައްވަމުންނެވެ.

https://wamco.com.mv/
tel:+9607331319