
އދގެ ޢާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ އިސް ވެރިންނަށް އެމެރިކާއިން ފުރުޞަތު ދީފި

އާމިނަތު ޝަޒްލާ - 18 ސެޕްޓެމްބަރު 2026 - 12:35
އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި، އަންނަ ހަފުތާގައި ނިއު ޔޯކުގައި ބާއްވާ އެކުވެރި ދައުލަތްތަކުގެ (އދ) ޢާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ އިސް ވެރިންނަށް ފުރުޞަތު ދޭނެ ކަމުގައި އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ބުނީ، އދގެ މައި އިދާރާ ހިންގާ ޤައުމުގެ ހައިސިއްޔަތުން އެމެރިކާއިން އަދާކުރަންޖެހޭ ބައިނަލްއަޤުވާމީ ޒިންމާތަކާ އެއްގޮތަށް، މި ހުއްދަ ދެނީ އީރާނުގެ މައި ވަފުދަށް އެކަނި ކަމަށެވެ. މި ނިންމުމުގެ ދަށުން އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން އަދި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއަށް ވިސާ ލިބިވަޑައިގަންނަވާނެ ކަމުގައި ކަމާބެހޭ މަޞްދަރަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި އަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީ އިސްރާއީލުން ގުޅިގެން އީރާނަށް ހަމަލާ ދިނުމާ ގުޅިގެން ފެށުނު މި ހަނގުރާމަ ހުއްޓުވުމަށްޓަކައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ އީރާނާއެކު ދޭތެރެދޭތެރެއިން މަޝްވަރާތައް ބާއްވާފައެވެ. އެ ހަމަލާތަކުގެ ރައްދުގައި އީރާނުން ވެސް ވަނީ ޔަހޫދީންގެ އަމާޒުތަކަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ޤައުމުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
އެމެރިކާއިން ހާމަކުރި ގޮތުގައި، އެ ޤައުމުގައި ހުންނަވާ މުއްދަތުގައި އީރާނުގެ ވަފުދަށް ދަތުރުފަތުރުގެ ހަރުކަށި ހުރަސްތަކެއް ކުރިމަތިވާނެއެވެ. އަދި އަގުބޮޑު މުދާ ގަތުން ވެސް އެ ބޭފުޅުންނަށް މަނާވާނެއެވެ. މީގެ ކުރިން ވެސް އެމެރިކާއިން ވަނީ އީރާނުގެ ވަފުދުގެ ދަތުރުތައް އދގެ މައި އިދާރާއާއި، އދގައި ހުންނަ އެ ޤައުމުގެ މިޝަނާއި، ސަފީރުގެ ގެކޮޅު އަދި އެއާޕޯޓާ ދެމެދަށް ހަނިކޮށްފައެވެ. 1947 ވަނަ އަހަރުގެ މައި އިދާރާގެ އެއްބަސްވުމުގެ ދަށުން ބައިނަލްއަޤުވާމީ ޑިޕްލޮމެޓުންނަށް އެތެރެވުމުގެ ފުރުޞަތު ދިނުން ޢާންމުކޮށް ލާޒިމުވި ނަމަވެސް، ޤައުމީ ސަލާމަތީ ސަބަބުތަކަށްޓަކައި ވިސާ ހިފެހެއްޓުމުގެ އިޚްތިޔާރު އޮންނަ ކަމަށް އެމެރިކާއިން ބުނެއެވެ.
މީގެ އިތުރުން، ބައިނަލްއަޤުވާމީ ޓްރައިބިއުނަލްތަކަށް މައްސަލަ ހުށަހަޅައިގެން ޔަހޫދީ އިސްރާއީލާއި ފަލަސްޠީނުގެ މައްސަލަ ބައިނަލްއަޤުވާމީ ފެންވަރަށް ގެންދިއުމަށް މަސައްކަތް ކުރުމުގެ ސަބަބުން، އދގެ ބައްދަލުވުންތަކަށް ފަލަސްޠީނުގެ އޮފިޝަލުން އެމެރިކާއަށް އެތެރެވުން މަނާކުރުމަށް މިދިޔަ އަހަރުން ފެށިގެން އަޅާފައިވާ ފިޔަވަޅު ޓްރަމްޕްގެ ސަރުކާރުން ވަނީ މި އަހަރު ވެސް ދަމަހައްޓާފައެވެ. މި ހަރުކަށި ނިންމުމާ ގުޅިގެން، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއަށް މިފަހަރުގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއިން ވިސާ ދޫނުކުރާ ކަމުގައި އެ ޤައުމުގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޕީއެންސީގެ އިންތިޚާބީ އަދި އިސް މަޤާމުތަކަށް އައްޔަންކުރެއްވި ބޭފުޅުން މަޤާމުގެ އިޤްރާރުވެއްޖެ
10 ގަޑިއިރު ކުރިން

ރާއްޖެ-މެލޭޝިއާ މަޝްވަރާތަކަކީ މުސްތަޤްބަލަށް އެޅުނު ވަރުގަދަ ބިންގަލެއް: ރައީސް
12 ގަޑިއިރު ކުރިން

ޘަވާބާއި ދަރުމައަށް އެދި ޢާއިލާއަށް ޚަރަދުކުރުމަކީ އަޅުކަމެއް: ޚުޠުބާ
13 ގަޑިއިރު ކުރިން

ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެ ހޯދި ކުރިއެރުމަށް ފަސްޓްލޭޑީ ތައުރީފު ކުރައްވައިފި
ދުވަހެއް ކުރިން


