
ރާއްޖެ-މެލޭޝިއާ މަޝްވަރާތަކަކީ މުސްތަޤްބަލަށް އެޅުނު ވަރުގަދަ ބިންގަލެއް: ރައީސް

އާމިނަތު ޝަޒްލާ - 18 ސެޕްޓެމްބަރު 2026 - 10:07
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅުގައި ކުރިއަށްގެންދިޔަ ރަސްމީ މަޝްވަރާތަކަކީ ދެ ޤައުމުގެ މުސްތަޤްބަލަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ ދަޢުވަތަކަށް މި މަހުގެ 14 އިން 15 އަށް މެލޭޝިއާގެ ބޮޑުވަޒީރު ދާތޯ ސެރީ އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅިގެން، ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވައި 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ވިޔަފާރި އާއި އިންވެސްޓްމަންޓް، ތަޢުލީމީ އަދި ސިއްޙީ ދާއިރާގެ އިތުރުން ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ، އިސްލާމީ ކަންތައްތަކާއި ދިފާޢީ ދާއިރާއިން ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމު ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.
މީގެއިތުރުން ދެ ޤައުމުގެ މަރުކަޒީ ބޭންކުތައް މެދުވެރިކޮށް ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީއެއް ދިނުމަށް މެލޭޝިއާ ސަރުކާރުން ނިންމެވި ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް މަޝްވަރާތައް ފެށުމަށް ނިންމެވި ނިންމެވުމަކީ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް އައު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ މެލޭޝިއާގެ ބޮޑުވަޒީރު، ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ ޕީއެންސީގެ ކޮންގްރެސްއަށް ފޮނުއްވި ޚާއްޞަ މެސެޖަށްޓަކައިވެސް އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މި މަޝްވަރާތަކުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި، ޒަމާންވީ އަޚްވަންތަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އދގެ ޢާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ އިސް ވެރިންނަށް އެމެރިކާއިން ފުރުޞަތު ދީފި
9 ގަޑިއިރު ކުރިން

ޕީއެންސީގެ އިންތިޚާބީ އަދި އިސް މަޤާމުތަކަށް އައްޔަންކުރެއްވި ބޭފުޅުން މަޤާމުގެ އިޤްރާރުވެއްޖެ
10 ގަޑިއިރު ކުރިން

ޘަވާބާއި ދަރުމައަށް އެދި ޢާއިލާއަށް ޚަރަދުކުރުމަކީ އަޅުކަމެއް: ޚުޠުބާ
13 ގަޑިއިރު ކުރިން

ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެ ހޯދި ކުރިއެރުމަށް ފަސްޓްލޭޑީ ތައުރީފު ކުރައްވައިފި
ދުވަހެއް ކުރިން


