
ޘަވާބާއި ދަރުމައަށް އެދި ޢާއިލާއަށް ޚަރަދުކުރުމަކީ އަޅުކަމެއް: ޚުޠުބާ

އާމިނަތު ޝަޒްލާ - 18 ސެޕްޓެމްބަރު 2026 - 08:32
ޘަވާބާއި ދަރުމައަށް އެދި ތިމާގެ ޢާއިލާއަށް ޚަރަދުކުރުމަކީ މަތިވެރި އަޅުކަމެއް ކަމަށާއި، މާލީ ގޮތުން ހަރުދަނާ މުޖުތަމަޢެއް ބިނާވުމުން އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކު ޒިންމާދާރުވާނެ މުޖުތަމަޢެއް ބިނާވެގެންދާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މަޢުޟޫއަށެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މާތް ﷲ އިންސާނުންނަށް ދެއްވި މަތިވެރި ނިޢުމަތްތަކުގެ ތެރޭގައި މުދަލުގެ ނިޢުމަތް ހިމެނެއެވެ. އަދި އެއީ އިންސާނާ އަބުރުވެރި ދިރިއުޅުމެއް އުޅުމަށާއި ދުންޔަވީ އެންމެހައި ޙާޖަތްތައް ފުއްދުމަށް ލައްވާފައިވާ ވަސީލަތެކެވެ. ހަމައެއާއެކު، މުދަލަކީ އިންސާނާއާ ޙަވާލުކުރެވިފައިވާ އަމާނާތެއްކަން ހަނދާންކޮށްދެއްވަމުން، ޤިޔާމަތްދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ ބެހޭ ގޮތުން މީސްތަކުންނާ ސުވާލުކުރައްވާނެ ކަމަށް މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވާކަން ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
މީގެއިތުރުން، ހޭދަކުރުމުގައި އިޤްތިޞާދުކޮށް، މެދުމިން އިޚްތިޔާރުކުރުމަކީ މުދަލުގައި ބަރަކާތްލައްވައި، ތަނަވަސްކަން ދެމެހެއްޓުމަށް މަގުފަހިވާ މުހިންމު ސަބަބެއް ކަމަށާއި، އިސްރާފުކުރުމުގެ ނަތީޖާއަކީ މާލީ ގޮތުން ދަތިހާލުގައި ޖެހި ނިކަމެތިވުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ދިރިއުޅުމުގައި ކުރިމަތިވެދާނެ ބަލިމަޑުކަމާއި މާލީ ތަދުމަޑުކަން ފަދަ ކުއްލި ކަންކަމަށް ތައްޔާރުވުމުގެ ގޮތުން މުސްތަޤުބަލަށްޓަކައި މުދަލާއި ފައިސާ ރައްކާކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައި ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ސަބަބަކީ ފަހަށް ރައްކާކުރުމުގެ އާދައަކީ ކުއްލިއަކަށް ދިމާވާ ދަތި ހާލަތްތަކާ ކުރިމަތިލުމުގެ ހިތްވަރު ލިބި، މީސްތަކުންގެ ގާތުން ސަލާންޖަހަންޖެހޭ ފަދަ ނިކަމެތި ހާލަތްތަކުން އިންސާނާ ދުރުކޮށްދޭނެ ކަމަކަށް ވާތީއެވެ.
ދަރަނީގެ މުޢާމަލާތްތަކާ ގުޅޭގޮތުން ޚުޠުބާގައި ވިދާޅުވީ، ދަރަންޏަކީ އެ ކަމާ މެދު ނުހަނު ސަމާލުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ދަރަނީން ރައްކާތެރިވުމަށް އެދި ރަސޫލާ ދުޢާކުރައްވާފައިވާކަން ފާހަގަކުރައްވައި، ދަރަންޏަކީ ދަރަނިވެރިޔާގެ ބޮލުގައި އެޅިފައިވާ އަމާނާތެއް ކަމަށާއި ދަރަނިދޭ މީހާގެ ޙައްޤެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ދަރަނި ނަގަންވާނީ ކޮންމެހެން އެ ކަމަށް ބޭނުންވެ، އެ އަދާކުރެވޭނޭ މަގު ތަނަވަސްވެފައިވާ ނަމަ ކަމަށާއި، ދަރަންޏެއް ނަގަން ޖެހިއްޖެ ޙާލަތެއްގައި ވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން ވަނީ، މާލީ މުޢާމަލާތްތައް ކުރުމުގައި ޢަދުލުވެރިކަމާ އެކު ދެމިހުރުމަކީ އީމާންކަމުގެ މަތިވެރި ޢަލާމާތެއްކަން ހަނދާންކޮށްދެއްވާފައެވެ. އަދި ގަނެވިއްކުމުގައި މުއުމިނު އަޅާ ތެދުވެރިވާނެ ކަމަށާއި، މުޢާމަލާތްތަކުގައި އަމާނާތްތެރިވެ، ދަރަނި އަދާކުރުމުގައި ފަރުވާތެރިވެ، މީސްތަކުންގެ ޙައްޤުތަކާ މެދު ރައްކާތެރިވުމަށް މިއަދުގެ ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ހަމައެއާއެކު، މުދާ ހޭދަކުރުމުގައި ޢަދުލުވެރިވުމަށާއި، ދަރަނީން ރައްކާތެރިވުމަށާއި، ފަހަށް ރައްކާކުރުމާއި މުދަލުގައި ހިމެނޭ ޙައްޤުތަކާ މެދު ޢާއިލާގެ މެންބަރުންނަށް ނަސޭހަތްތެރިވުމަށް ވެސް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އދގެ ޢާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ އިސް ވެރިންނަށް އެމެރިކާއިން ފުރުޞަތު ދީފި
9 ގަޑިއިރު ކުރިން

ޕީއެންސީގެ އިންތިޚާބީ އަދި އިސް މަޤާމުތަކަށް އައްޔަންކުރެއްވި ބޭފުޅުން މަޤާމުގެ އިޤްރާރުވެއްޖެ
10 ގަޑިއިރު ކުރިން

ރާއްޖެ-މެލޭޝިއާ މަޝްވަރާތަކަކީ މުސްތަޤްބަލަށް އެޅުނު ވަރުގަދަ ބިންގަލެއް: ރައީސް
12 ގަޑިއިރު ކުރިން

ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެ ހޯދި ކުރިއެރުމަށް ފަސްޓްލޭޑީ ތައުރީފު ކުރައްވައިފި
ދުވަހެއް ކުރިން


