
ދިރާގާއި އެމްޑަބްލިޔުއެސްސީން ވިއްކާލި ހިއްސާތައް ސަރުކާރަށް އަނބުރާ ގަންނަނީ

ރިޟްވާން މޫސާ - 07 ސެޕްޓެމްބަރު 2026 - 11:18
ދިރާގާއި ސަރުކާރުގެ ފެން ކުންފުނި މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ވިއްކައިލި ހިއްސާތައް ސަރުކާރަށް އަނބުރާ ގަންނަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ އެންމެ މުހިންމު އެއް ކަމެއްގެ ގޮތުން ކުރަން ނިންމެވީ ދިރާގުގެ ސަރުކާރުގެ ހިއްސާ 51 ޕަސެންޓަށް ބޮޑުކުރުން ކަމަށެވެ.
އެއީ މީގެ ކުރިން އެމްޑީޕީ ސަރުކާރުން ވިއްކައިލި ހިއްސާތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއީ ސަރުކާރުގެ ވަރަށް ބޮޑު ހަރު މުދަލެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ކުރައްވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިރާގު އެންމެ ފުރަތަމަ އުފެދިގެން އައީ ދިވެހި ސަރުކާރުގެ 55 ޕަސެންޓު ހިއްސާއާއި، އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔާލެސް ކުންފުނީގެ 45 ޕަސެންޓު ހިއްސާ އޮންނަ ގޮތަށެވެ. ނަމަވެސް 2009 ވަނަ އަހަރު އޭރު އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދިރާގުގައި އޮތް ދައުލަތުގެ ހިއްސާގެ ތެރެއިން ހަތް ޕަސެންޓް، 40 މިލިއަން ޑޮލަރަށް ކޭބަލް އެންޑް ވަޔާލެސްއަށް ވިއްކާލުމުން، ދިރާގުގައި އޮތް ސަރުކާރުގެ ހިއްސާ ވަނީ 48 ޕަސެންޓަށް ދަށްވެފައެވެ.
އޭގެ ފަހުން 2011 ވަނަ އަހަރު ސަރުކާރުން ވަނީ އެ ކުންފުނީގައި އޮތް ހިއްސާގެ ތެރެއިން އިތުރު 6.2 ޕަސެންޓު އާންމުންނަށް ވިއްކައި، ދިރާގަކީ އާންމު ހިއްސާދާރުން ހިއްސާވާ ޕަބްލިކް ކުންފުންޏަކަށް ބަދަލު ވެސް ކޮށްފައެވެ.
ދިރާގުގެ އިތުރުން ދެން އެމްޑަބްލިއުއެސްސީގައި އޮތް ޖަޕާނުގެ ހިޓާޗީ ކުންފުނީގެ ހިއްސާ ސަރުކާރަށް ގަންނަން ނިންމާފައިވާ ކަމަށް ރައީސް ވަނީ މިއަދު އިއުލާނުކުރައްވައިފައެވެ. މިހާރު އެމްޑަބްލިއުއެސްސީގެ 80 ޕަސެންޓް ހިއްސާއަކީ ސަރުކާރެވެ. ބާކީ 20 ޕަސެންޓު ހިއްސާ ކޮންޓްރޯލް ކުރަނީ ހިޓާޗީންނެވެ.
ހިޓާޗީއަށް އެމްޑަބްލިއުއެސްސީގެ 20 ޕަސެންޓު ހިއްސާ ވިއްކާލީ ވެސް ނަޝީދު ދަރުކާރުގައި ޖެނުއަރީ 2010 ގައެވެ.
ގުޅުން ހުރި ޙަބަރުތައް

ރިޔާސީ ޕްރައިމަރީގައި ތާއީދުކުރައްވަނީ ފައްޔާޒް އަށް: ރައީސް ނަޝީދު
29 މިނިޓު ކުރިން

އިންޑޮނޭޝިއާގެ ޕަޕުއާގެ މާރުކޭޓެއްގައި ރޯވެ، 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ
18 ގަޑިއިރު ކުރިން

ދިރާގުގެ އިތުރު ހިއްސާ މި ވަގުތު ސަރުކާރަށް ގަތުމަކީ ބޭކާރު ހަރަދެއް: ރައީސް ނަޝީދު
ދުވަހެއް ކުރިން
ހުރުމުޒް ކަނޑުއޮޅި ހުޅުވާލި ކަމަށް ބުނެ ޓްރަމްޕް ހަދަނީ ހުސް ދޮގު: އީރާން
ދުވަހެއް ކުރިން


