
އިންޑޮނޭޝިއާގެ ޕަޕުއާގެ މާރުކޭޓެއްގައި ރޯވެ، 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ

އާމިނަތު ޝަޒްލާ - 07 ސެޕްޓެމްބަރު 2026 - 15:41
އިންޑޮނޭޝިއާގެ އިރުމަތީގައިވާ ސެންޓްރަލް ޕަޕުއާ ސަރަހައްދުގެ މާރުކޭޓެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ސެންޓްރަލް ޕަޕުއާގެ ޕަނިއައި އަވަށުގައި ހުރި މާރުކޭޓެއްގައި މެންދަމުން އަލިވި ފަހުގެ ވަގުތެއްގައެވެ. ރޯވި އަލިފާންގަނޑު ވަރަށް ހަލުވިކަމާއެކު ކައިރީގައި ހުރި ފިހާރަތަކަށާއި އާންމުން ދިރިއުޅޭ އިމާރާތްތަކަށް ފެތުރިގެން ދިޔަކަމަށް މައުލޫމާތު ލިބެއެވެ.
ސަރަޙައްދީ ފުލުހުންގެ ތަރުޖަމާނު ހެންރީ ޖޭ. މަނުރުންގް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްފަހު އެ ސަރަޙައްދު ބަލައި ފާސްކުރިއިރު، އެއްކޮށް ފިހިގެން މަރުވެފައިވާ 11 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި 5 ބޮޑެތި މީހުންގެ އިތުރުން، އުމުރުން 2 އަހަރާއި 9 އަހަރާ ދެމެދުގެ 6 ކުޑަކުދިން ހިމެނޭކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން، މި ހާދިސާގައި 20 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، ރައްކާތެރިކަން ހޯދުމަށްޓަކައި 148 މީހަކު ވަނީ އެމީހުންގެ ގެދޮރު ދޫކޮށް އަމާން ސަރަޙައްދުތަކަށް ބަދަލުވެފައެވެ.
މި އަލިފާންގަނޑު ނިއްވާލުމަށްޓަކައި އަލިފާން ނިއްވާ ލޮރީތަކާއި ވޯޓަރ ކެނަންތައް ބޭނުންކޮށްގެން ސަލާމަތީ ބާރުތަކުން ކުރި މަސައްކަތް ތިން ގަޑިއިރަށްވުރެ ދިގުދެމިގެން ދިޔައެވެ. އަލިފާން ނިއްވުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވީ، އަލިފާނުގެ ބާރުގަދަކަމުންނާއި އެ ސަރަހައްދުގެ ފިހާރަތަކާއި ގެދޮރު އެއްތަނެއްގައި ތޮއްޖެހިފައި ހުރުމުގެ ސަބަބުންނެވެ. މި ހާދިސާގައި މަދުވެގެން 40 އަށްވުރެ ގިނަ ފިހާރައާއި ގެދޮރު ވަނީ އެއްކޮށް އަނދައި އަޅިއަށް ވެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ޚާއްޞަ ތަޙުޤީޤެއް ހިންގަމުންނެވެ.
އިންޑޮނޭޝިއާއަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނޭޅުމުގެ ސަބަބުން އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ގިނައިން ހިނގާ ޤައުމެކެވެ. އެގޮތުން ފާއިތުވި ޑިސެމްބަރު މަހު ސެންޓްރަލް ޖަކާޓާގެ 7 ބުރީގެ އޮފީސް އިމާރާތެއްގެ އެންމެ ތިރީ ބުރީގައި އޮތް ޑްރޯން ބެޓެރިއެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި 22 މީހުން މަރުވެފައިވާއިރު، 2023 ވަނަ އަހަރު އެ ޤައުމުގެ އިރުމަތީގައިވާ ދަގަނޑުގެ މަސައްކަތް ކުރާ ކާރުޚާނާއެއްގައި ހިނގި ގޮވުމެއްގައި ވެސް 12 މީހަކު މަރުވެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އިލެކްޝަންސް ޗީފްއާ ދެކޮޅަށް ކުރިއަށްދާ އިހުތިޖާޖާ ގުޅިގެން ދިއްލީގެ ބައެއް މެޓްރޯ ސްޓޭޝަންތައް ބަންދުކޮށްފި
17 ގަޑިއިރު ކުރިން

ސަރުކާރުގެ ސިޔާސަތުތަކަށް ރައީސް ޔާމީންގެ ތޫނު ސުވާލުތަކެއް!
ދުވަހެއް ކުރިން

ވެރިއަކު ދިވެހީންގެ ބިމަކަށް ޢައްދާރުވުން! ބޮޑު އަނިޔާއެއް
ދުވަހެއް ކުރިން

މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެމްބަރު 14 ގައި ބޭއްވުމަށް ނިންމައިފި
2 ދުވަސް ކުރިން


