logo

މީރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 497 މިލިއަން ރުފިޔާ ހޯދައިފި

profile

މުޙައްމަދު ފަޟްލޫން - 11 ސެޕްޓެމްބަރު 2026 - 12:35

ދައުލަތަށް ލިބެންޖެހި ނުލިބި ހުރި ފައިސާ ހޯދުމަށް މީރާ އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ މަހު އެކަނިވެސް 497 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.

https://wamco.com.mv/

މިއީ ވޭތުވެދިޔަ މަހު މީރާއަށް ބަލައިގަތް ޖުމްލަ އާމްދަނީގެ 3.01 އިންސައްތައެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު ޖުމްލަ އާމްދަނީގެ ގޮތުގައި 2.42 ބިލިއަން ރުފިޔާ (98.08 މިލިއަން އެމެރިކާ ޑޮލަރު) ވަނީ ބަލައިގަނެފައެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 14 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ލަފާކުރި އަދަދަށްވުރެ 24 އިންސައްތަ އިތުރު ޢަދަދެކެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އާމްދަނީން ނަގާ ޓެކްސް (އިންކަމް ޓެކްސް) ބަޔާން ހުށަހެޅުމުގެ ސުންގަޑި އޮގަސްޓް 2 އަށް އިތުރުކުރުމާއި، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) އަދި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ލިބުނު ފައިސާ ހިމެނެއެވެ.

އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެއީ 1.25 ބިލިއަން ރުފިޔާއެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 490 މިލިއަން ރުފިޔާއެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތަފުސީލަށް ބަލާއިރު

ނޯޓިސް ފޮނުވައިގެން: 302 މިލިއަން ރުފިޔާ

އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން: 105 މިލިއަން ރުފިޔާ

ޑިއުސް ކްލިއަރެންސް މަރުހަލާގެ ތެރެއިން: 77 މިލިއަން ރުފިޔާ

ފޯނު މެދުވެރިކޮށް ގުޅައިގެން: 7 މިލިއަން ރުފިޔާ

ބޭންކް އެކައުންޓްތައް ފްރީޒްކޮށްގެން: 4.60 މިލިއަން ރުފިޔާ

އެކްޝަން ޕޮލިސީގެ ދަށުން ފިޔަވަޅު އަޅައިގެން: 8.9 ލައްކަ (0.89 މިލިއަން) ރުފިޔާ

https://wamco.com.mv/
tel:+9607331319