
ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތްއެޅުމަކީ ޤާނޫނުގައި އޮންނަ ކަމެއް ނޫން: ރައީސް މައުމޫން

އާމިނަތު ޝަޒްލާ - 15 ސެޕްޓެމްބަރު 2026 - 17:58
ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައިވެސް އޮންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިރޭ އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ "މާފު ކުރައްވާށެވެ. ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ދިވެހިރާއްޖޭގެ ޤާނޫނެއްގައިވެސް ނުވަތަ ޤަވާޢިދެއްގައިވެސް އޮންނަ ކަމެއް ނޫނެވެ،" މިފަދައިންނެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވިއިރު މިރޭވަނީ ކޮންގްރެސް ޕާޓީގެ މަތީމަޖިލިސް އިފްތިތާޙީ ޖަލްސާގައި ބައިވެރިވި ހުރިހާ ބޭފުޅުން ގައުމީ ސަލާމަށް މޭމައްޗަށް އަތް ނަގާފައި ވަނެކޮށެވެ.
ޤައުމީ ސަލާމް ކިޔާއިރު ކަނާތް މޭމަތީގައި ބާއްވައިގެން ހުރުމުގެ އާދައަކީ ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައި، ޚާއްޞަކޮށް އެމެރިކާ ފަދަ ޤައުމުތަކުގައި ޤައުމީ ސަލާމަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް، ދިވެހިރާއްޖޭގައި ޤައުމީ ސަލާމް ކިޔާއިރު މިގޮތަށް މޭމަތީގައި އަތްއެޅުމަކީ ޤާނޫނީ ގޮތުން ނުވަތަ ރަސްމީ ޕްރޮޓޮކޯލްގެ ދަށުން ލާޒިމުކުރާ ކަމެއް ނޫންކަން ފާހަގަކުރައްވައި ރައީސް މައުމޫން މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ، ފަހަކަށް އައިސް ރަސްމީ އެކި ޖަލްސާތަކާއި އިވެންޓްތަކުގައި ބައެއް ފަރާތްތަކުން ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތްއަޅައިގެން ތިބޭ މަންޒަރު ފެންނަމުންދާ ދަނޑިވަޅެއްގައެވެ.
ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ޤައުމީ ސަލާމް ކިޔާއިރު ޢަމަލުކުރަމުން އަންނަ ރަސްމީ އުޞޫލަކީ، ސީދާ ކޮޅަށް ހުރެ، ސިފައިންނާއި ފުލުހުން ފިޔަވައި އާންމު ރައްޔިތުން ދެއަތް ތިރިއަށް ދޫކޮށްލައިގެން ސަމާލުގައި ތިބުމެވެ. ސަލާމް ނެގުމަކީ ޔުނީފޯމް އެޅި ޚިދުމަތްތަކަށް ޚާއްޞަވެފައިވާ ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސް: ރައީސް
9 ގަޑިއިރު ކުރިން

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ
14 ގަޑިއިރު ކުރިން

ސިޔާސީ މަސްރަޙު އިޞްލާޙުކުރުމުގައި މިސާލު ދައްކާނަން: ރައީސް
14 ގަޑިއިރު ކުރިން

ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމިރޭޓްސް އަދި ޤަތަރު އެއާވޭސްއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
14 ގަޑިއިރު ކުރިން


