
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

އާމިނަތު ޝަޒްލާ - 15 ސެޕްޓެމްބަރު 2026 - 12:49
މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ޢަދަދު މި ހަފުތާ ފެށުނުއިރު އިތުރަށް ދަށަށް ގޮސްފައިވާ ކަމަށް ކަނޑުދަތުރުފަތުރާ ބެހޭ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ކަނޑުދަތުރުފަތުރުގެ މަޢުލޫމާތު ދިރާސާކުރާ ކެޕްލަރ ކުންފުނީގެ ވަގުތީ ހިސާބުތައް ދައްކާ ގޮތުން، ސެޕްޓެންބަރު 14 ވަނަ ދުވަހު އެ ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ 4 އުޅަނދެވެ. އޭގެ ކުރީ ދުވަހު އެ ޢަދަދު 10 ގައި އުޅުނުއިރު، އެ ދުވަހު ކަނޑުއޮޅިން ބޭރުވީ މުދާ ބަރުކޮށްފައިވާ އެއް ބޯޓާއި ހުސްކޮށް ދިޔަ ބޯޓެކެވެ. އަދި އެތެރެވީ ހުސްކޮށް ދަތުރުކުރި ދެ ތެޔޮ ޓޭންކަރެވެ. މި ތަފާސްހިސާބުތަކުގައި ޓްރެކިންގ ސިސްޓަމް (އޭއައިއެސް) ނިއްވާލައިގެން ދަތުރުކުރި އުޅަނދުތައް ހިމަނާފައެއް ނުވެއެވެ.
އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ) އާ ޙަވާލާދީ ފާރސް ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރެއް ކަނޑުއަޑީގެ މައިނެއްގައި ޖެހި ގޮވުމުގެ ސަބަބުން ވަނީ އަލިފާނުގެ ޙާދިސާއެއް ހިނގާފައެވެ. ނަމަވެސް މި ޙާދިސާ ހިނގި ސީދާ ވަގުތެއް ހާމަކޮށްފައެއް ނުވެއެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާ ބެހޭގޮތުން އީރާނާއެކު ބޭއްވުމަށް ހަމަޖެހިފައި އޮތް މަޝްވަރާތައް ގަލްފުގެ ޢަރަބި ޤައުމުތަކުން މިހާރު ވަނީ ފަސްކޮށްފައެވެ. މިއީ ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށާއި، ދުނިޔޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ.
މީގެއިތުރުން، ޔަމަނަށް ސަޢޫދީ ޢަރަބިއްޔާއިން ދެމުންދާ ވައިގެ ޙަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ސަޢޫދީގެ ދެކުނުގައިވާ ޚަމީސް މުޝައިޠުގެ އަސްކަރީ ވައިގެ މަރުކަޒަށް މިސައިލާއި ޑްރޯން ޙަމަލާތަކެއް ދީފައިވާނެ ކަމަށް ޔަމަނުގެ ޙޫޘީ ޖަމާޢަތުން ވަނީ އިޢުލާނުކޮށްފައެވެ. މި ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މަތިންދާބޯޓު ބާއްވާ ހޭންގަރުތަކަށާއި، ރާޑަރުތަކާއި، ރަންވޭތަކުގެ އިތުރުން ހަތިޔާރު ގުދަންތަކަށް ކަމަށް އެ ޖަމާޢަތުން މަޢުލޫމާތުދެއެވެ.
ކެޕްލަރގެ ރިޕޯޓުތައް އިތުރަށް ދައްކާގޮތުގައި، ބާބުލްމަންދަބު ކަނޑުއޮޅިން ސެޕްޓެންބަރު 14 ވަނަ ދުވަހު ދަތުރުކުރީ މުދާ އުފުލާ 21 އުޅަނދެވެ. މިއީ އޭގެ ކުރީ ދުވަހު ދަތުރުކުރި 28 އުޅަނދާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ދަށްވުމެކެވެ. ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ޣައިރުޤާނޫނީ ހަނގުރާމައެއް ފެށުމުގެ ކުރިން، ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 125 ބޮޑެތި ވިޔަފާރި އުޅަނދު ދަތުރުކުރެއެވެ. އޭގެ ތެރޭގައި ތެޔޮ ޓޭންކަރުތަކާއި، ގޭސް އުފުލާ އުޅަނދުފަހަރާއި، ބަލްކް ކެރިއަރުތަކުގެ އިތުރުން ކޮންޓޭނަރު އުފުލާ ބޯޓުފަހަރު ހިމެނެއެވެ. މިއީ ދުނިޔޭގެ ބާޒާރަށް ނެރޭ ސާފުނުކުރާ ތެލާއި، ދިޔާކުރި ޤުދުރަތީ ގޭހުގެ (އެލް.އެން.ޖީ) 20 އިންސައްތައެވެ.
ގުޅުން ހުރި ޙަބަރުތައް

ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތްއެޅުމަކީ ޤާނޫނުގައި އޮންނަ ކަމެއް ނޫން: ރައީސް މައުމޫން
9 ގަޑިއިރު ކުރިން

ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސް: ރައީސް
9 ގަޑިއިރު ކުރިން

ސިޔާސީ މަސްރަޙު އިޞްލާޙުކުރުމުގައި މިސާލު ދައްކާނަން: ރައީސް
14 ގަޑިއިރު ކުރިން

ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމިރޭޓްސް އަދި ޤަތަރު އެއާވޭސްއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
14 ގަޑިއިރު ކުރިން


