
ޑިޖިޓަލް ވަސީލަތްތަކާއެކު ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ މަގުތައް ފަހިވެގެންދާނެ: ރައީސް

މުޙައްމަދު ފަޟްލޫން - 26 ފެބްރުއަރީ 2026 - 07:59
ޑިޖިޓަލް ވަސީލަތްތަކާއެކު ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ މަގުތައް ފަހިވެގެންދާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
މި ޚިޠާބުގައި އެމަނިކުފާނު ވަނީ، ރައްޔިތުންގެ ބަސް އަހައިގެން، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމުގެ ޢަޒުމް އައުކުރައްވާފައެވެ. އަދި ލާމަރުކަޒީ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، މި ނިޒާމުގެ ތެރެއިން ޚިދުމަތް ދިނުމުގައި ދެމިތިއްބެވި އެންމެހައި މުވައްޒަފުންނަށް އަރިސްކުރެއްވިއެވެ.
ރާއްޖޭގެ ޖިއޮގްރަފީ އުފެދިފައިވާ ގޮތުން، ވަކިވަކި ރަށްތަކަކަށް ބެހިފައިވުމާއެކު، އިހުޒަމާނުއްސުރެ ދައުލަތުގެ ޚިދުމަތްތައް ބައްޓަންކުރެވިފައިވަނީ ލާމަރުކަޒީ އުޞޫލުންކަން ތާރީޚީ ލިޔުންތަކުން އެނގެން އޮތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން މި ނިޒާމު އިތުރަށް ބާރުވެރިކޮށް ހަރުދަނާކުރުމަށް ފަހި ފުރުޞަތުތަކެއް ލިބިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ލާމަރުކަޒީ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ބޮޑުކުރުމަށާއި، މި ޚިދުމަތްތައް ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އެގޮތުން، ކައުންސިލްތަކުގެ މާލީ ތަނަވަސްކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޤާނޫނީ ބާރާއި ޙައްޤު ހައިސިއްޔަތު ހޯދައިދިނުމަށް ކުރެވުނު މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނަވުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި ގޭންގު ކުށްތައް ފަދަ ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި ހުރިހާ ރަށެއްގައި އެކަންކަމަށް ދާއިމީ ޙައްލު ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.






.gif&w=3840&q=75)