
އެމްޑީޕީ އަދި މުސަޅު ހެދިގެން އުޅޭކަށް ނުވެ އެވެ!

މުހައްމަދު މުޝްރިފް - 07 އޭޕްރީލު 2026 - 13:52
ރޭސް ފެށުމަށް ފަހު މުސަޅު ވަކި ހިސާބަކަށް ދުވެފައި ބޮޑާކަމާއެކު އޮށޯވެ ނިދުމުގެ ސަބަބުން ކަންޒުކަހަބު ރޭސް ނިންމީ އެވެ. މިއީ އަޅުގަނޑުމެން ކުޑައިރުއްސުރެ އަޑުއަހަމުން އަންނަ އިބްރަތްތެރި ވާހަކައެކެވެ. ނަމަވެސް، މިއަދުގެ ދިވެހި ސިޔާސީ މަސްރަހަށް ބަލާއިރު، މިއީ ހަމައެކަނި ކުޑަކުދިންނަށް އޮތް ފިލާވަޅެއް ނޫނެވެ. މިއީ ސިޔާސީ ގޮތުން "ބޮޑާވެ، ނިދިފައި" ތިބޭ ބަޔަކަށް ލިބޭނެ ގެއްލުމުގެ ދިރިހުރި މިސާލެކެވެ.
އޭޕްރީލް 4، 2026 ގައި ބޭއްވުނު "ޓްރިޕަލް އިލެކްޝަން" ނުވަތަ ތިން އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ދުވަހެކެވެ. މި ވޯޓުން ލިބުނު ކާމިޔާބީއާއެކު، އިދިކޮޅު އެމްޑީޕީގެ ލީޑަޝިޕާއި އެކްޓިވިސްޓުންގެ ފަރާތުން ފެންނަނީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. މި ނަތީޖާގެ ސަބަބުން ޕާޓީގެ ރޫހު އާވެ، އަންނަ ރިޔާސީ އިންތިޚާބު މިހާރުވެސް ކާމިޔާބުވެފައިވާ ކަމުގެ އިހުސާސެއް އެ ޕާޓީގެ ތެރޭގައި ވަނީ އުފެދިފައެވެ. ނަމަވެސް، މި އުޅޭ އުޅުމުން ހީވަނީ އެމްޑީޕީ "މުސަޅު" ހެދިގެން ރޭސް ނިމުނީކަމަށް ގަބޫލުކޮށްގެން އުޅޭ ހެންނެވެ.
ޕީއެންސީއަށް ނާކާމިޔާބުވީ ކީއްވެ؟
ސަރުކާރު ހިންގާ ޕީއެންސީއަށް މި އިންތިޚާބުތަކުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީ ބައިވަރު ސަބަބުތަކާ ހުރެއެވެ. އެންމެ ބޮޑު ސަބަބަކީ އިގްތިސާދީ ގޮންޖެހުންތަކެވެ. ތަކެތީގެ އަގުބޮޑުވުމާއި، ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ނުފެނުމަކީ ރައްޔިތުންގެ ނުރުހުން ވޯޓު ފޮއްޓަށް ބޭރުކޮށްލި ސަބަބެކެވެ. މީގެ އިތުރުން، ބޮޑެތި ވަޢުދުތައް ފުއްދުމުގެ ދުވެލި ލަސްވުމާއި، ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި އޮތް ހިތްހަމަނުޖެހުން މި ވޯޓުން ފެނިގެންދިޔައެވެ.
ނަމަވެސް، މިއީ އެމްޑީޕީގެ ސިޔާސަތުތަކަށް ރައްޔިތުން މާބޮޑަށް ރުހިގެން ދިން ވޯޓެއްގެ މާނައެއް ނޫނެވެ. މިއީ ސަރުކާރުގެ ހިނގުމާމެދު ހިތްހަމަނުޖެހިފައި ތިބި ރައްޔިތުން، ދައުރުގެ ބާކީ އޮތް ބައިގައި ކަންތައްތައް އިސްލާހުކޮށް، މަގު ބަދަލުކުރުމަށް ސަރުކާރަށް ދިން ވަރުގަދަ މެސެޖެކެވެ. ރައްޔިތުން "ނޫނެކޭ" މި ބުނީ، ސަރުކާރުން ރައްޔިތުންގެ އުންމީދުތަކާ އެއްވަރަށް މަސައްކަތް ނުކުރެވޭކަން ހަނދާންކޮށްދިނުމުގެ ގޮތުންނެވެ.
ސަރުކާރުގެ "އެންޓި-އިންކަމްބެންސީ" ނުވަތަ އާންމުކޮށް ވެރިކަން ކުރާ ޕާޓީއަކަށް ދައުރުގެ މެދުތެރެއިން އަންނަ އިންތިޚާބުތަކުގައި ދިމާވާ "ނުރުހުމުގެ ވޯޓު" ނުވަތަ ޕްރޮޓެސްޓް ވޯޓުގެ ފުރިހަމަ ފައިދާ އެމްޑީޕީން އަށް ލިބުނީއެވެ
އެމްޑީޕީ އިން "މުސަޅު" ހެދިގެން އުޅުން
މި ކާމިޔާބީއަކީ އެމްޑީޕީއަށް ލިބުނު ބޮޑު ކުރިއެރުމެއް ނަމަވެސް، މިއީ މުސަޅު ހެން ނިދާލަން އޮށޯންނަންވީ ވަގުތެއް ނޫނެވެ. އޭގެ ބަދަލުގައި، ކަންޒުކަހަބު ފަދައިން ސާބިތުކަމާއެކު ރޭސް ނިމެންދެން މަސައްކަތުގައި ދެމިތިބެންވީ ވަގުތެވެ. މިއަދު އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން އުޅޭ ގޮތުން ހީވަނީ، އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުވާނެކަން ކަށަވަރުވެފައި އޮތުމުން، އިތުރަށް މަސައްކަތް ކުރަން ނުޖެހޭނެ ކަމަށް ގަބޫލުކޮށްގެން އުޅޭ ހެންނެވެ.
މިއީ ސީދާ މުސަޅު، ކަންޒުކަހަބަށް މަލާމާތްކޮށްފައި ނިދަން އޮށޯތް އޮށޯތުމާ އެއްފަދަ ކަމެކެވެ. ރައްޔިތުންގެ ވޯޓަކީ ކޮންމެ ވަގުތަކުވެސް ބަދަލުވެދާނެ އެއްޗެކެވެ. ސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، ކަންކަން އިސްލާހުކުރަން ފަށައިފިނަމަ، މިއަދު މި ފެންނަ އުފާވެރިކަން ބަދަލުވާން ނަގާނީ މަދު ދުވަސްކޮޅެކެވެ.
ނިންމުން
ސިޔާސީ ރޭހަކީ ހުއްޓުމެއް އޮންނަ އެއްޗެއް ނޫނެވެ. ޕީއެންސީން މިހާރު ދަނީ އެމީހުންނަށް ވީ ނާކާމިޔާބީގެ ސަބަބުތައް ދެނެގަނެ، "ކަންޒުކަހަބެއް" ފަދައިން މަޑުމަޑުން ނަމަވެސް އަލުން ހަކަތަ ހޯދަމުންނެވެ. އެމްޑީޕީން ގަބޫލުކުރަންވީ ހަގީގަތަކީ، އޭޕްރީލް 4 ގެ ކާމިޔާބީއަކީ ރިޔާސީ އިންތިޚާބުގެ "ޕްރިވިއު" އެއް ނޫން ކަމެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށް، ބޮޑާކަމެއް ނެތި، ހުއްޓުމެއްނެތި މަސައްކަތް ނުކޮށްފިނަމަ، ރޭސް ނިމޭ ރޮނގު ކައިރިން އެމްޑީޕީއަށް ފެންނާނީ ހީނުކުރާ ފަދަ ހިތްދަތި މަންޒަރެކެވެ. ބޯކިބާ ބަހަން އުޅުނު ދެ ބުޅަލަށް ހިޔަޅު ލަނޑުދން ފަދައިން މުޅި ބޯކިބާ އެހެން ހިޔަޅަކު އައިސް އެމްޑީޕީ އަތުން ޖަހައިގަތުމްކީވެސް ދުރުކަމެއް ނުނެވެ.
ގުޅުން ހުރި ޙަބަރުތައް
ހަނގުރާމައިގައި ބޭނުންކުރަން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދީފައިނުވާނެ: ސަރުކާރު
5 ގަޑިއިރު ކުރިން

ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނީ ރައްޔިތުންނަށް ބުރަ ނުވާނެހެން: ހާރިޖީ ވަޒިރު
5 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސްގެސްޕޯޓްސް ސްކޮލަރޝިޕް ލިބޭ އެތުލީޓު ހޮވައިފި
8 ގަޑިއިރު ކުރިން

ބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް!
11 ގަޑިއިރު ކުރިން


.gif&w=3840&q=75)