logo

އަސްލު އޮންލައިން: ހުރިހާ ކަމެއްގެ އަސްލު ބުނެދިނުމުގައި ދެ އަހަރު!

profile

ޒިދާން މުޙައްމަދު - 26 ޑިސެމްބަރު 2024 - 07:20

ތެދަށް ވުރެ ދޮގު ފެތުރޭ ބާރުމިން ހަލުވިއެވެ. ނޫސްވެރިކަމުގެ ނަމުގައި ފިތުނަ ފަސާދަ އުފެއްދުމަށް ޚަބަރާއި މައުލޫމާތު ފެތުރުމަކީ މިހާރު އާންމުވަމުންދާ ވަބާއެކެވެ. ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ހަގީގަތާ ޚިލާފު އެތައް ވާހަކައެއް އެބަ ފެތުރެއެވެ. މިނިވަން ހަގީގީ ނޫސްވެރިކަމަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައެްކަލަކީ މިއެވެ.

https://wamco.com.mv/

މިހުރިހާ ކަމެއް އެނގި ތިބެމެ، ރައްޔިތުންނާ ހަމައަށް ޒިންމާދާރު ކަމާއެކު ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް މީގެ ދެ އަހަރު ކުރިން "އަސްލު" އޮންލައިން ވުޖޫދުވިއެވެ. 26 ޑިސެންބަރު 2022 ގައި ވުޖޫދަށް އައި މިނޫހުގެ މަގުސަދަކީ ހުރިހާ ކަމެއްގެ "އަސްލު" ބުނެދިނުމެވެ.

ފޭރާން ހެޔޮ ނޫސްވެރިކަމަކީ ތެދު ހާމަކުރުމެވެ. ކަންވީގޮތުގެ އަސްލު ގެނެސްދިނުމެވެ. ދިވެހިރާއްޖެއަކީ ދުލާއި ގަލަމުގެ މިނިވަންކަން ވަރަށް ފަހުން ހޯދި ގައުމެކެވެ.

އިސްލާހުކުރެވުނު ފެހި ޤާނޫނު އަސާސީގެ ދަށުން ނޫސްވެރިކަމުގެ މިނިވަންކަން ލިބުނެވެ. އެ ޤާނޫނުގެ 29 ވަނަ މާއްދާއިން އެ ހައްގު ކަށަވަރުކޮށްދެއެވެ.

އެކަން ވެގެން ދިޔައީ ގައިދުކުރެވިފައިވާ އެތައް ގަލަމެއް ހިނގަން ފެށުމަށެވެ. އެމީހެއްގެ ހިތަށް އެރިގޮތަށް، ހައްދެއް ހުދޫދެއްނެތި ލިޔަން ފެށުނެވެ. ނަތީޖާއަކީ މަޢުލޫމާތުގެ ވެށި އިންތިހާއަށް ކިލަނބުވުމެވެ.

ދިވެހިންގެ މެދުގައި ފެންނަމުންދާ ބައެއް ނޫސްވެރިކަމަކީ ހަބަރާއި މައުލޫމާތު ފެތުރުމުގެ ނޫސްވެރިކަމެއް ނޫނެވެ. އެއް ބަޔަކު ސިޔާސީ ގަލަން ހިންގަމުންދާއިރު، އަނެއް ބަޔަކު ހިންގަނީ ފިތުނައިގެ ގަލަމެވެ. މިއީ ބަދަލެއް އަންނަންޖެހޭ ކަމެކެވެ. މިކަން މިގޮތުގައި ދެމިގެންދާނަމަ، އަސްލަކީ ކޮބައިކަމެއް، ދޮގަކީ ކޮބައި ކަމެއް ދެނެގަންނަން ނޭނގި، ރައްޔިތުން ވަލުވަންނަ ގޮތް ދިމާވާނެއެވެ.

ގަލަމަކީ ނުރައްކާތެރި ހަތިޔާރެެކެވެ. އަދި އިލްމާއި ހިލްމުގެ އަސާސެއް ވެސްމެއެވެ. ލިޔުންތެރިކަމުން ގައުމެއް އާރާސްތުކޮށް، ފަހިކޮށްދެއެވެ. ހަމައެގޮތަށް ލިޔުންތެރިކަމަކީ، އިންސާނީ ކަރާމާތްނަގާލާ، ގައުމުތައް ބައިބައިކުރާ ކަމެކެވެ.

އިންސާނާގެ އެންމެ ބޮޑު ފަހުރަކީ އަބުރުވެރިކަމެވެ. އެ އަބުރު ބައެއް ފަހަރު ނޫސްވެރިކަމުގެ ތެރެއިން ނަގާލާތަން ފެނެއެވެ. މިވާހަކަތައް މިހެން ދެއްކި ނަމަވެސް، ނޫސްވެރިކަމުގެ މޫރިތިކަމުގައި، ސައްހަ މައުލޫމާތު ފަތުރާ ނޫސްވެރިން ވެސް މިގައުމުގައި މަދެއް ނޫނެވެ.

މާޒީއާއި މިއަދުގެ އަސްލުން ވުޖޫދުވެ، މީގެ ދެ އަހަރު ކުރިން ހިނގަން ފެށީ ދިވެހިންނަށް އެންމެ އިތުބާރުކުރެވޭ "އަސްލު" ނޫހެވެ. ރައްޔިތުންގެ އިތުބާރު ދަމަހައްޓާ، ނަގަހެއްޓުމަށް ރެއާއި ދުވާލު ކެނޑިނޭޅި ‘އަސްލު’ ނޫހުން މިދަނީ މަސައްކަތް ކުރަމުންނެވެ. ‘އަސްލު’ ވުޖޫދުކުރުމުގެ މައިގަނޑު މަގުސަދަކީ، އިއްޔެއާއި މިއަދުގެ އަސްލު ގެނެސްދިނުމެވެ. ބުނި ބުނުމުގެ އަސްލެވެ. ކަންވީ ގޮތުގެ އަސްލެވެ. އަސްލު މަންޒަރެވެ.

މި ތަޖުރިބާގެ އަލީގައި މީގެ އަހަރެއްހާ ދުވަސްކުރިން އަސްލުން މިވަނީ ބްރޯޑްކާސްޓިންގ ސިނާއަތުގެ ތެރެއަށްވެސް ނުކުމެފައެވެ. 25 ޖެނުއަރީ 2023 ގައި ވުޖޫދުވި "އަސްލު ޓީވީ" އާއި "އަސްލު އޮންލައިން" އަކީ މިއަދު އެއް ކުޑައެއްގެ ދަށުން، ހުރިހާ ކަމެއްގެ އަސްލު ބުނެދެމުންދާ ތިޔަ ބޭފުޅުންގެ އެކުވެރިޔާއެވެ.

"އަސްލު" ގެ މި މަސައްކަތުގައި ކީރިވަންތަވެރި މާތްالله ހެޔޮ ތައުފީގު މިންވަރުކުރައްވާށިއެވެ. އާމީން!

https://wamco.com.mv/
https://eportal.mwsc.com.mv/e-pay