އިމިގްރޭޝަނުން ކުރަން ފެށީ ކުރަން ޖެހި ނުކޮށް އޮތް ކަމެއް!
އައިމިނަތު ރޫޔާ - 24 ޖެނުއަރީ 2025 - 13:05
ބިދޭސީންގެ މައްސަލައިގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ރާއްޖޭގައި ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑުވެ އޮތީ ގައުމުގެ އިގްތިސާދަށް ގެއްލުންވާ ހިސާބުގައެވެ. އެއްވެސް ބިރެއް، ޖެހިލުމެއްނެތި ބިދޭސީން ގެންދިޔައީ ކުދި އަދި މެދުފަންތީގެ ވިޔަފާރީތައް ވެސް ކުރަމުންނެވެ. ޑޮލަރު ވިޔަފާރީގައި ވެސް ބިދޭސީންނެވެ. ކަންމަތީ ފިހާރަތަކާއި ހޮޓާތަކުގައި ވެސް ބިދޭސީންނެވެ. ނުވިތާކަށް މާރުކޭޓު ގޮޅިތަކުގައިވެސް ބިދޭސީންނެވެ. އާންމު މިންގަނޑާއި ޚިލާފަށް ކާބޯތަކެތިވެސް އުފައްދައިގެން ވިއްކަނީއެވެ. ސިއްހަތަށް ނުރައްކާވާ ގޮތަށް ހަޑި މުޑުދާރު ތަންތާގައި އުޅޭ ބިދޭސީންވެސް ދަނީ އަތުލައިގަންނަމުންނެވެ. މިއީ އިއްޔެއަކު މިއަދަކު ޖެހިގެން އުޅޭ މައްސަލައެއް ނޫނެވެ.
ޒަމާންތަކެއް ވެފައިވާ މައްސަލަ ހައްލުކުރާނޭ، މި މައްސަލައަށް އިހުމާލު ވާނޭ މީހަކު މީގެކުރިން ނުވީއެވެ. މާރާމާރީއާއި މަސްތުވާތަކެތީގެ މައްސަލަތަކުގައާއި ހަށިވިއްކުމުގައިވެސް ގިނަ އަދަދެއްގެ ބިދޭސީން ޝާމިލްވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން އެނގެއެވެ.
އާންމު މިންގަނޑާ ޚިލާފަށް ބިދޭސީން ތައްޔާރުކޮށްފައި ހުރި ކާބޯތަކެތި ---ފޮޓޯ:އިމިގްރޭޝަން
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި ބިދޭސީންގެ މައްސަލަ އޮތީ ގައުމުގެ މިނިވަންކަމަށް ނުރައްކާވާ ހިސާބުގައެވެ. ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑުވީ ކުރީ ސަރުކާރުތަކުން ބިދޭސީންގެ ދަފްތަރު ބަލަހެއްޓާފައިނުވާތީއެވެ. މީގެކުރިން ވެރިކަން ކުރި އެއްވެސް ސަރުކާރަކަށް ރާއްޖެއަށް އައި ބިދޭސީންގެ ސީދާ އަދަދު އެނގޭކަށް ނެތެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ސީދާ އަދަދު ދެނެގަންނަން ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓްރީން ވަނީ 'ކުރަނގި' ގެ ނަމުގައި އޮޕަރޭޝަނެއް ފަށައިފައެވެ. އަދުގެ ސަރުކާރުން ދަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް، ގަވާއިދާ ޚިލާފާ އުޅޭ ބިދޭސީން ދެނެގަނެ އެމީހުން ޑިޕޯޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިޔަށް އޮތް 3 އަހަރުތެރޭ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ ސިލްސިލާ އޮޕަރޭޝަންތައް ހިންގަމުންނެވެ ސަރުކާރުން ވަނީ ، މަނީ އެކްސްޗޭންޖް ވިޔަފާރިތަކުގައި ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށް އަމަލުކުރަން ފަށާފައެވެ.
ސަރުކާރުން ވަނީ ބިދޭސީންގެ މައްސަލަ އަށް ހާއްސަކޮށް "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި އެޕްލިކޭޝަން އެއް ވެސް ތައާރަފުކޮށްފައެވެ. އިމިގްރޭޝަނުން ބުނީ ޕޯޓަލް އިފްތިތާހްކުރި ދުވަހުން ފެށިގެން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 1061 މައްސަލަ ބަލައިފައިވާނޭ ކަމަށެވެ. ނިމިދިޔަ އަހަރަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް ބުރަ ބޮޑު މަސައްކަތްތަކެއް ކުރެވުނު އަހަރެކެވެ. ނުޤަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަކީ ރައީސް ޑރ. މުޢިއްޒުގެ ވަރަށް ޚާއްސަ ވަޢުދުފުޅެކެވެ.
އެގޮތުން ސަރުކާރުން ވަނީ މަސައްކަތްތެރިންގެ ގޮތުގައި ބޭރު ޤައުމުތަކުން ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދު ކަނޑައެޅުމުގެ ބާރު އެކަމާ ގުޅޭ ވުޒާރާއަކަށް ލިބޭ ގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހެއް ގެނެސްފައެވެ. ސަރުކާރުގެ ފަރާތުން ވަޒީފާއާބެހޭ ޤާނޫނަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި އިސްލާހުގައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައަޅާނީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ކަމަށެވެ. އަދި އެ ޤަވާއިދުގައި އަހަރެއްގެ ތެރޭގައި ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅުމުގައި އެކިއެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތަށް އަދި ހުނަރުގެ މިންވަރަށް ބިނާކޮށް ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތައްވެސް ކަނޑައެޅޭނެކަމަށް އިސްލާހުގައިވެއެވެ. މިގޮތަށް ކަމެއް ކަނޑައަޅަންވާނީ ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށް އެސެސްމަންޓެއް ހަދައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ވަޒީފާދޭ ފަރާތްތަކުން ބިދޭސީން މަސައްކަތް ކުރާނެ ވަރކް ސައިޓް ރަޖިސްޓްރީކޮށް. ހޯދަންޖެހޭ ހުއްދަތައް ހޯދައި ކޯޓާ ހޯދަންޖެހޭނެއެވެ. އަދި ބިދޭސީ މީހާގެ ވަޒީފާދޭ ފަރާތް ނުވަތަ ވަޒީފާ އަދާކުރާ ސައިޓް ބަދަލުކުރެވޭނީ ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކުންކަމަށްވެސް އިސްލާހުގައިވެއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ބަލައި ފާސްކުރާ އިންސްޕެކްޓަރުންނަށް ލިބިގެންވާ ބާރުތައްވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ނޯޓިސް ދިނުމަކާ ނުލައި ވަރކްސައިޓަށް ވަދެ ބަލައި ފާސްކުރުމުގެ ބާރު އެ އިންސްޕެކްޓަރުންނަށް ލިބެއެވެ. ނަމަވެސް އެއީ މީހުން ދިރުއުޅޭ ތަނެއްނަމަ އެތަނުގެ ވެރިފަރާތުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް ޤާނޫނަށް ގެންނަ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. މި އިސްލާހުގެ ދަށުން ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމާއި ވަރކް ސައިޓް ބަންދުކުރުމާއި އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުން އަދި އެ ބިދޭސީ މީހާއަށް ވަޒީފާދޭ ފަރާތުގެ ހުއްދަ ބާތިލުކުރުމުގެ ބާރު އެއިރެއްގައި ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާއަކަށް ލިބެއެވެ.
ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށްފަހު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައްވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، އިހުމާލުވާ ފަރާތްތަކުގެ މައުލޫމާތު އާއްމުކުރުމަށްފަހު، އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރާނެއެވެ. އަދި ތަކުރާރުކޮށް އިހުމާލުވާނަމަ ޖޫރިމަނާ ކުރުމުގެ އިތުރުން ގަވާއިދުގެ ދަށުން ކަނޑައަޅާ މުއްދަތަކަށް އެ ފަރާތަކަށް ދޭ ޚިދުމަތްތައް ހުއްޓާލުމަށްވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.
އަދުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ބިދޭސީންގެ މައްސަލަ ބޮއްސުންލާފައި އޮތީ ކުރީ ސަރުކާރުތަކުގެ އިހުމާލުންނެވެ. މީގެ ކުރިން ރާއްޖޭގައި އުޅުނު ބިދޭސީންގެ އެއްވެސް މައުލޫމާތެއް ނޭނގުމަކީ ބިރުގަންނަންޖެހޭ ނުރައްކާބޮޑު ކަމެކެވެ. ހިތާމައަކީ ބިދޭސީންގެ މައްސަލަ އޮތީ ކުރީ ސަރުކާރުތަކުން އަޅާނުލާ ދޫކޮށްލާފައި އޮތުމެވެ. ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާއިއެއްގޮތަށް އިމިގްރޭޝަން އިން ކުރަން އެ ފެށީ ކުރަންޖެހިފައި އޮތް، އެހެންނަމަވެސް ނުކޮށް ދޫކޮށްލައިފައި އޮތް ކަމެކެވެ. ފާއިތުވި އަހަރުގައި އިމިގްރޭޝަން އިން ބިދޭސީން ހައްލުކުރުމަށް ކުރި މަސައްކަތަށް ހަމަ "އޭ ސްޓާރ" ދޭ ވަރުވެއެވެ.
ގުޅުން ހުރި ޙަބަރުތައް
ޤަަވައިދާ ޚިލާފަށް ބަޔަކު އެތެރެކޮށްގެން އިމިގްރޭޝަންގެ ދެ އޮފިޝަލަކު ވަޒީފާއިން ވަކިކޮށްފި
2 އަހަރު ކުރިން
ޖަޕާނު މީހާ ދޫކޮށްލައިފި! ކޮންމެ ދުވަހަކު އިމިގްރޭޝަން އަށް ހާޒިރު ވާންޖެހޭ!
2 އަހަރު ކުރިން
ހަަށިވިއްކަނިކޮށް ހައްޔަރު ކުރި ދެ އަންހެނުން ޑީޕޯޓްކޮށްލަނީ
2 އަހަރު ކުރިން
ޕާސްޕޯޓް ހަދާ މިންވަރު އިތުރުވެ، އިމިގްރޭޝަނަށް ބާރު ބޮޑުވެއްޖެ
2 އަހަރު ކުރިން