logo
ހޮރުމޯޒް ކަނޑު އޮޅީގައި އޮތް ބޯއްޓެއްގެ އަލިފާން ނިއްވަނީ، ފޮޓޯ: ފޮރިން ޕޮލިސީ ރިސާޗް އިންސްޓިޓިއުޓް

ހޮރުމޯޒް ކަނޑު އޮޅީގައި އޮތް ބޯއްޓެއްގެ އަލިފާން ނިއްވަނީ، ފޮޓޯ: ފޮރިން ޕޮލިސީ ރިސާޗް އިންސްޓިޓިއުޓް

އީރާނުން އަސްކަރީ ފިޔަވަޅުތައް ވަރުގަދަކުރަނީ

profile

އާމިނަތު ޝަޒްލާ - 23 ނޮވެމްބަރު 2026 - 12:05

އެމެރިކާއިން ކުރިމަތިކުރަމުންދާ ހުރަސްތަކާއި ފިއްތުންތަކާ ދެކޮޅަށް، އަސްކަރީ ހަރަކާތްތައް ވަރުގަދަކުރުމުގެ ހުރިހާ އިޚްތިޔާރެއް އީރާނަށް މިހާރު ހުޅުވާލެވިފައިވާ ކަމަށް އެ ގައުމުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ މެދުއިރުމަތީގެ މަސްރަހު ނުހަނު ބޮޑަށް ނުތަނަވަސްވެ، ކަނޑުގެ ސަރަހައްދުތަކުގައި ބާރުގެ ބޭނުންކުރުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

https://wamco.com.mv/

އަލްޖަޒީރާގެ ރިޕޯޓްތައް ބަޔާންކުރާ ގޮތުގައި، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނާއި، ހާއްސަކޮށް ކަނޑުގެ ސަރަހައްދުތައް ބަންދުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އީރާނުގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

އީރާނުގެ ސަރުކާރުން ފާހަގަކުރާ ގޮތުގައި، އެ ގައުމުގެ ވިޔަފާރީގެ މައިބަދަ ގުޅިފައިވަނީ ކަނޑުމަގުގެ ދަތުރުފަތުރާއެވެ. ހާއްސަގޮތެއްގައި، އެ ގައުމަށް އެތެރެކުރާ މުދަލާއި ބޭރުކުރާ މުދަލުގެ ގާތްގަނޑަކަށް 80 އިންސައްތައަށްވުރެ ބޮޑު ބައެއް ބިނާވެފައިވަނީ ސްޓްރެޓީޖިކް ގޮތުން ނުހަނު މުހިންމު ހޯރްމޫޒް ކަނޑުއޮޅިއަށާއި ދެކުނު ބަނދަރުތަކަށެވެ. އެހެންކަމުން، މި ސަރަހައްދުތަކުގެ ދަތުރުފަތުރަށް އެޅޭ ކޮންމެ ހުރަހަކީ، އީރާނުގެ އިގްތިސާދަށާއި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތަށް ސީދާ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމުގައި ބެލެވެއެވެ.

އެމެރިކާގެ މިފަދަ ކަނޑުގެ ބަންދުކުރުންތަކަށް ނިމުމެއް ގެނައުމަށްޓަކައި އީރާނުން މިހާރު ދަނީ އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. ވެރިރަށް ތެހެރާންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރުގެ ދެ މާއްދާއަކަށް އަލިއަޅުއްވާލައްވާފައެވެ.

ބަގާއީ ވިދާޅުވީ އދ. ގެ ޗާޓަރުގެ 4 ވަނަ މާއްދާގައި ކޮންމެ ގައުމަކުންވެސް އަނެއް ގައުމެއްގެ ސަރަހައްދީ ފުރިހަމަކަމަށާއި ސިޔާސީ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ބާރުގެ ބޭނުންކުރުމުން ނުވަތަ ބިރުދެއްކުމުން އެއްކިބާވާންޖެހޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި، އެމެރިކާއާއި އިސްރާއީލުން ގުޅިގެން ހަނގުރާމަ ފެށުމުގެ އިތުރުން، މިހާރު ކުރިއަށްގެންދާ ކަނޑުގެ ބަންދުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އެމެރިކާއިން ޣައިރު ގާނޫނީ ގޮތެއްގައި ބާރުގެ ބޭނުންކުރުން ދެމެހެއްޓުމެވެ.

ހަމައެއާއެކު، އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގައި އަމިއްލަ ނަފްސުގެ ދިފާއުގައި އަސްކަރީ ފިޔަވަޅު އެޅުމުގެ ހައްގު ކޮންމެ މެންބަރު ގައުމަކަށްވެސް ލިބިދޭކަން ފާހަގަކުރައްވައި، ބަގާއީ ވިދާޅުވީ އެމެރިކާގެ މި އުދުވާނާ ދެކޮޅަށް އަމިއްލަ ދިފާއުގައި ފިޔަވަޅު އެޅުމުގެ ފުރިހަމަ ހައްގު މިހާރު އީރާނަށް ލިބިފައިވާ ކަމަށެވެ.

ތަރުޖަމާނު އިތުރަށް ހާމަކުރެއްވި ގޮތުގައި، އީރާނުގެ ސިޔާސީ، ޑިޕްލޮމެޓިކް އަދި ދިފާއީ އެންމެ މަތީ މަސްއޫލުވެރިން މިހާރު ދަނީ މަސްރަހު ވަރަށް ގާތުން ދިރާސާކޮށް، ގޮތްތައް ނިންމަމުންނެވެ. އަދި އީރާނުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދިނުމާ މެދުވެސް ސީރިއަސް މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އީރާނުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެމުންދަނީ މަޑުމައިތިރިވުމުގެ ބަދަލުގައި، ކުރިމަތިލުންތައް ވަރުގަދަކޮށް އަސްކަރީ ގޮތުން ޖަވާބުދާރީވުމުގެ އިޚްތިޔާރަށެވެ.

ފާއިތުވި މަސްތަކުގައި މެދުއިރުމަތީގެ ހަމަޖެހުން ގެއްލި، ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އުފެދިފައިވާއިރު، އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ މި ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށާއި ވިޔަފާރި ދަތުރުފަތުރަށް ބޮޑެތި ލޮޅުންތަކެއް އަރައި، ސަރަހައްދީ ސުލްހައަށް އިތުރު ނުރައްކާތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ބައިނަލްއަގުވާމީ މުރާސިލުން އިންޒާރުދެއެވެ.

https://wamco.com.mv/
tel:+9607331319