
ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް---
މިހާރު ފެނިގެންދަނީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެންދީންތަކަށް ޖާގަ ދިނުމަށް މަގު ހުޅުވާލާތަން: ޑރ. ޖަމީލު

ޖިނާން ޙުސައިން ޖަބީން - 27 އޮކްޓޯބަރު 2026 - 14:36
މިހާރު ފެންނަމުންދާ މަންޒަރަކީ ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެނިހެން ދީންތަކަށް ފުރުސަތު ދިނުމަށް މަގުފަހިކުރަމުންދާ ތަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ، އެހެނިހެން ދީންތަކާއި ނަސްލުތަކުގެ މީހުންނާ ދެކޮޅުވެރިވުން ހުއްޓުވުމަށްޓަކައި މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މީސްމީޑިއާ މަންސަ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ބިލަކީ ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެނިހެން ދީންތަކަށް ފުރުސަތު ދީ، އެ ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުމަށް މަގުފަހިކޮށްދޭނެ ބިލެކެވެ. މިއީ ދުރާލާ ރާވައިގެން ކުރާ ކަމެއް ކަމަށް ވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.
"އިތުރަށް ދައްކަން ނުޖެހޭ މިންވަރަށް މިފެންނަނީ، މި ބިލަކީ ދުރާލާ ރާވައިގެން ރާއްޖޭގައި އިސްލާމް ދީން ނޫން އެހެންދީންތަކަށް ޖާގަ ދިނުމަށް މަގު ހުޅުވާލާތަން. ޔަހޫދީންނާ ދެކޮޅަށް ބަސްބުނުން މަނާމިކުރަނީ، އެމީހުން މިތަނުގައި ވަޒަންވެރި ކުރުވުމަށް. މިއީ ފިއްކަޑައިގެންދާ ޒާތުގެ ނުރައްކާތެރި ވާހަކަތައް ހުރި ބިލެއް،" - ޑރ. ޖަމީލް
ޑރ. ޖަމީލް މި ބިލު ސިފަކުރެއްވީ، އިސްލާމްދީނުގެ އަދާވާތްތެރިން އެކިއެކި ގައުމުތަކުގައި ތައާރަފުކުރަމުންދާ ނުރައްކާތެރި "ޔަހޫދީ އެޖެންޑާ"އެއްގެ ގޮތުގައެވެ. އަދި، މިފަދަ ބޮޑު ލާދީނީ ކަމެއް ކުރާނީ ކޮންމެވެސް ބަޔެއްގެ އަތްދަށުގައި ފިތުނީމާ ކަމަށް ވިދާޅުވެ، ޑރ. ޖަމީލް ވަނީ ރައީސް މުއިއްޒަށާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މީގެ އިތުރުން، މި ބިލުގެ ސަބަބުން ކީރިތި ގުރުއާނުގެ ތައުލީމް މަނާކުރާނެ ކަމުގެ ކަންބޮޑުވުން ޑރ. ޖަމީލް ފާޅުކުރެއްވިއެވެ. ގުރުއާނުގައި ޔަހޫދީންނާއި ނަސާރާއިންގެ ނުބައި ވާހަކަތައް ބަޔާންކޮށްފައިވާއިރު، މި ބިލަކީ ދިވެހި ގައުމިއްޔަތު ފުނޑާލާނެ ލާދީނީ ބިލެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެންމެފަހުން މުއިއްޒު އެނިކުންނެވީ ޔަހޫދީންގެ ދިފާއުގައި: އަލީ ހުސައިން
3 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބޮޑު އެއްވުމަށް ބާއްވަން ނިންމައިފި
20 ގަޑިއިރު ކުރިން

ދެން ދިވެހި ރާއްޖޭގައި ގާނޫނު ހަދާނީ އީގަލް ހިލްސް ކުންފުނިން: ފިއްޓޭ
ދުވަހެއް ކުރިން

ރަސްމާލޭގެ ބިން އީގަލް ހިލްސްއަށް: އެކުއިޒިޝަން އަގާއި ކުލި ނުލިބުމުން ވާ މާލީ ގެއްލުން
ދުވަހެއް ކުރިން


