
ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ---
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބޮޑު އެއްވުމަށް ބާއްވަން ނިންމައިފި

ޖިނާން ޙުސައިން ޖަބީން - 27 އޮކްޓޯބަރު 2026 - 13:08
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ މަޝްރޫއާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އަންނަ ނޮވެމްބަރު މަހުގެ ހަަވަނަ ދުވަހު ބޮޑު އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
ރަސްމާލޭގައި އެހެނިހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުމާ ދެކޮޅަށް އުފައްދާފައިވާ ގައުމީ އިއްތިހާދުން މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އެވެ. އިމްރާން ވިދާޅުވީ، ރާއްޖޭގެ ދީނީ އަސާސްތަކާއި ސަގާފީ ހަމަތަކާ ނުގުޅޭ ތަފާތު ނަސްލުތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުވުމާ ގުޅޭ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދަންވާނީ، އެކަމާ މެދު ދިވެހި ރައްޔިތުންގެ ސީދާ ބަސް ހޯދުމަށްފަހުގައި ކަމަށެވެ. ވަކިން ހާއްސަކޮށް، ޒަޔަނިސްޓު ޔަހޫދީން ރާއްޖޭގައި ވަޒަންވެރިކުރުވުމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝެއިހް އިމްރާން ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި، ސުންނީ މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަކީ، ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށްޓަކައި އޮތް އެންމެ ބޮޑު ގާނޫނީ ބާރެވެ. އެހެންކަމުން މި މައްސަލައިގައި ދިވެހި ރައްޔިތުންގެ ސީދާ ބަހެއް ހޯދުމަށް އޭނާ ވަނީ ރައީސް މުއިއްޒަށާއި ސަރުކާރުގެ އިސް ފަރާތްތަކަށް ގޮވާލައްވައިފައެވެ.
"މި ސަބަބާ ހުރެ އަޅުގަނޑުމެންގެ ހަރަކާތުން މި ގޮވާލަނީ މި ޕްރޮޖެކްޓް ހިންގަންވާނީ ރަސްމާލޭގައި އެ ބޭފުޅުން ރާވަމުން އެގެންދާ ކަންކަން ހިންގަންވާނީ ދިވެހި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށްފަހުގައި ނޫނީ ރިފަރަންޑަމަކަށްފަހުގައި. ރައީސް މުއިއްޒު ވަނީ ދިވެހި ރައްޔިތުންގެ ހިޔާލު ހޯދުން ނުވަތަ ރިފަރަންޑަމަކަށް ދިއުން ވަރަށް ފަސޭހަ ވެސް ކުރައްވައިފަ. އެއީ އެ މަނިކުފާނު މިފަދަ ކަންކަން ކުރައްވަން ބޭނުންފުޅުވާލެއް ބޮޑުކަމުން ކަމަށްވެސް ވެދާނެ،" --- އިމްރާން ވިދާޅުވިއެވެ.
ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމަކީ، ރިފަރެންޑަމަކަށް ތާއީދުކުރާ ރައްޔިތުން އެކަން ހާމަކުރުމަށް ބާއްވާ ބޮޑު ހަރަކާތެއް ކަމަށާއި، މި އެއްވުމުގައި މާލެއާއި އަތޮޅުތެރޭގެ ހުރިހާ ރައްޔިތުން ވެސް ބައިވެރިވުމަށް އިމްރާން ވަނީ އިލްތިމާސްކުރައްވައިފައެވެ. އޭނާ އިތުރަށް ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމަށްޓަކައި ރައްޔިތުން ނުކުމެ، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައެވެ.
ގުޅުން ހުރި ޙަބަރުތައް

އެންމެފަހުން މުއިއްޒު އެނިކުންނެވީ ޔަހޫދީންގެ ދިފާއުގައި: އަލީ ހުސައިން
5 ގަޑިއިރު ކުރިން

"މިހާރު ފެނިގެންދަނީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެންދީންތަކަށް ޖާގަ ދިނުމަށް މަގު ހުޅުވާލާތަން"
19 ގަޑިއިރު ކުރިން

ދެން ދިވެހި ރާއްޖޭގައި ގާނޫނު ހަދާނީ އީގަލް ހިލްސް ކުންފުނިން: ފިއްޓޭ
ދުވަހެއް ކުރިން

ރަސްމާލޭގެ ބިން އީގަލް ހިލްސްއަށް: އެކުއިޒިޝަން އަގާއި ކުލި ނުލިބުމުން ވާ މާލީ ގެއްލުން
ދުވަހެއް ކުރިން


