
އަކްރަމް ކަމާލުއްދީން
ގުޅީފަޅު ހިއްކުން ހުއްޓުވައިފި ނަމަ، ދައުލަތަށް ބޮޑު ގެއްލުމެއް ވާނެ: އަކްރަމް

ޝުރުފާ މުހައްމަދު - 15 ފެބްރުއަރީ 2024 - 14:20
ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓުވައިފި ނަމަ، ދައުލަތަށް އެކަމުގެ ބޮޑު ގެއްލުމެއް ވާނެ ކަމަށް ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
އަކްރަމް މިހެން ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓުވުމަށް ސިވިލް ކޯޓަށް އާންމުންގެ މީހަކު ހުށަހަޅާފައިވާ މައްސަލަ އަކާ ގުޅިގެންނެވެ. ސިވިލް ކޯޓުގައި އެ މައްސަލަ ކުރިއަށްދާތީ އެ މަޝްރޫގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލަން ހައިކޯޓުން އިއްޔެ ވަނީ އަމުރެއް ނެރެފައެވެ. އެކަމަކު ދައުލަތުން އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމާއި އެކު، އެ ކޯޓުން ވަނީ މަޝްރޫއު ކުރިއަށް ގެންދިއުމަށް އަމުރުކޮށްފައެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނެރުނު އަމުރުގައި ވަނީ ހައި ކޯޓުގެ އަމުރު ތަންފީޒުވެއްޖެ ނަމަ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބެލެވޭތީ ހައި ކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅަން އަންގާ ކަމަށެވެ.
މި މަޝްރޫއު ފެއްޓެވި ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ސަރުކާރުގައި، މިކަމުގައި އެންމެ އިސްކޮށް އުޅުއްވި އޭރު ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އަސްލު އާ ވާހަކަދައްކަވަމުން ވިދާޅުވީ މި މަޝްރޫއު ހުއްޓާލުމަކީ ދައުލަތަށް އޭގެ ބޮޑެތި ގެއްލުންތަކެއް އުފުލަން ޖެހޭނެ ކަމެއް ކަމަށެވެ. ކޮންމެ މަޝްރޫއެއްވެސް އެގްރީމަންޓް ހަދައި އަމަލީ މަސައްކަތް ފެށުމަށް ފަހު ހުއްޓާލައިފި ނަމަ، އޭގެ ބަދަލުގައި އަގު ދައްކަން ޖެހޭ އިރު މި މަޝްރޫ އަކީ މިހާރު ބޮޑުބައި ނިމިފައި އޮތް މަޝްރޫއެއްކަން ފާހަގަކުރައްވާ ވިދާޅުވީ މަޝްރޫއު ހުއްޓުވާފައި އޮންނަ ކޮންމެ ދުވަހަކަށް އެތައް ޚަރަދެއް ހިނގާނެ ކަމަށެވެ.
"އެހެން ހަމަ ބުނެލާ އިރަކަށް ހުއްޓާލާކަށް ނުޖެހޭނެ. ހުއްޓާލައިފި ނަމަ ޖެހޭނީ އައިޑަލް ޗާޖު ދައްކަން. އެއަށް ސަރުކާރުން ގާތްގަނޑަކަށް 3 ލައްކަ ޑޮލަރު ދާނެ. އެއީ ދައުލަތަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. އެއީ ޓެކްސް ޕޭޔަރުންގެ މަނީ." އަކްރަމް ވިދާޅުވިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އަކްރަމް ވިދާޅުވީ، ތިމާވެއްޓަށް ގެއްލުމެއް ވާނެ ވަރުގެ އެއްވެސް ކަމެއް މި މަޝްރޫގައި ނޯންނާނެ ކަމަށެވެ. މި މަޝްރޫ އަކީ އީޕީއޭ މެދުވެރިކޮށް އީއައިއޭ ރިޕޯޓު ހަދައި، އެ ރިޕޯޓަށް ރިއާޔަތްކޮށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މައްސަލައެއް އުޅޭ ކަމަށްވަންޏާ އީޕީއޭއިން ވެސް ބަލާނެ. އީޕީއޭއިން އެކަން ހުއްޓުވާނެ. ހުންނާނެ ނަގަން ޖެހޭ މެޝަރސް ތަކެއް. އީޕީއޭގަ ސުވާލު ކުރެއްވީމަ އެނގިވަޑައިގަންނަވާނެ. އެބޭފުޅުން ބައްލަވާނެ. އެ ބޭފުޅުން މޮނިޓަރ ކުރައްވާނެ. އީޕީއޭއިން އެޕްރޫވްކޮށްގެން މި މަސައްކަތް ފެށީ ވެސް." އަކްރަމް ވިދާޅުވިއެވެ.
2019 ވަނަ އަހަރު ފެށި މި މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މިއީ ރާއްޖޭގައި ތިމާވެށީގެ މައްސަލަ އެއްގައި މިފަދަ މަޝްރޫއެއް ހުއްޓުވި ފުރަތަމަ ފަހަރެވެ. އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާ އަށް 65 ހެކްޓަރު ހިއްކާށެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމަވައިފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ބަހެއް ނެތި ރަސްމާލެ ވިއްކައިފިނަމަ ރައީސްގެ މައްޗަށް ދައުވާކުރެވޭނެ: އަލީ ހުސައިން
3 ގަޑިއިރު ކުރިން

"ރަސްމާލެ މަޝްރޫއު ހިންގުމަކީ ރަނގަޅު ކަމެއް ކަމަކަށް ނުފެނޭ، ރެފަރަންޑަމަކަށް ދާންޖެހޭ"
3 ގަޑިއިރު ކުރިން

ކާރިސާތަކަށް ހޭލުންތެރިކުރުމާއި ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
4 ގަޑިއިރު ކުރިން

އަރިދަފުސްރޯގާ އާއި އިންފްލުއެންޒާ ފެތުރޭތީ ސަމާލުވާން އެދިއްޖެ
4 ގަޑިއިރު ކުރިން


