logo

އަރިދަފުސްރޯގާ އާއި އިންފްލުއެންޒާ ފެތުރޭތީ ސަމާލުވާން އެދިއްޖެ

profile

މުޙައްމަދު ފަޟްލޫން - 10 ނޮވެމްބަރު 2026 - 11:44

އަރިދަފުސްރޯގާ އާއި އިންފްލުއެންޒާ ފެތުރޭތީ ސަމާލުވާން އެޗްޕީއޭ އިން އެދިއްޖެއެވެ.

https://wamco.com.mv/

މިދުވަސްވަރު ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުންނާއި، ގޯތިގެދޮރާއި އާންމު ތަންތަނުގައި ފެން ހަރުލާ ގޮތަށް ހުންނަ ތަކެތީގައި މަދިރި އާލާވުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުގެ އިތުރުން، ވައިގެ މަގުން ވާސިލުވާ އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފަދަ ބަލިތައް ވެސް މި ދުވަސްވަރު އިތުރުވަމުންދާކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އިންފްލުއެންޒާއާއި އާދައިގެ އަރިދަފުސް ރޯގާގެ އަލާމާތްތައް އެއްގޮތް ނަމަވެސް، މިއީ ތަފާތު ދެ ވައިރަހަކުން ޖެހޭ ދެ ބައްޔެކެވެ.

އާދައިގެ ރޯގާއާ އަޅާބަލާއިރު އިންފްލުއެންޒާއަކީ މާ ނުރައްކާތެރި ބައްޔެކެވެ. އެހެންކަމުން، އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންގެ އިތުރުން ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުން މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ އިސްކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މި ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތައް:

މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަން ނައްތާލުމާއި، ހަށިގަނޑު ނިވާވާ ފަދަ ހެދުން އެޅުމުގެ އިތުރުން މަދިރި ލޯޝަން ބޭނުންކުރުން.

ސައިބޯނި ލައިގެން ގަވާއިދުން ރަނގަޅަށް އަތްދޮވުން އާދަކުރުން.

ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ ނުވަތަ މީހުން ގިނަ ތަންތަނަށް ދާންޖެހޭ ހާލަތްތަކުގައި މާސްކު އެޅުން.

ކެއްސައި ކިނބިހިއަޅާއިރު އަނގައާއި ނޭފަތް ނިވާކުރުން.

ބަލިޖެހިއްޖެނަމަ ގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި، ހާލަތު ގޯސްވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން.

މީގެއިތުރުން، އަމިއްލަ ސާފުތާހިރުކަމަށް ފަރުވާތެރިވުމަށާއި، މުޖުތަމައުގައި މި ބަލިތައް ފެތުރުން ހުއްޓުވުމަށް އެންމެހައި ފަރުދުން ގުޅިގެން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

https://wamco.com.mv/
tel:+9607331319