
އިންސާނާ ދުނިޔެއަށް ފޮނުއްވި މަޤްސަދު
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 07 އޮކްޓޯބަރު 2025 - 04:32
އިންސާނާ ދުނިޔެއަށް ފޮނުއްވީ މާތް ﷲ އަށް އަޅުކަންކުރުމަށެވެ. ހެޔޮ ގޮތުގައި ދިރިއުޅެ އުހުރަވީ ހަޔާތް ބާއްޖަވެރި ކުރުމަށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއީ މީސްތަކުން ޚަލްޤުކުރައްވައި، ރިޒްޤުދެއްވައި، އެބައިމީހުންގެ ކަންކަން ރާއްވަވައި ހިންގަވާ އިލާހެވެ. އެބައިމީހުންގެ ވެރި އިލާހެވެ. އެއިލާހަށް މެނުވީ އަޅުކަންކުރުން ހުއްދަވެގެންނުވެއެވެ. މީސްތަކުންގެ މައްޗަށް ލާޒިމުވެގެންވަނީ ހަމައެކަނި އެއިލާހަށް އަޅުކަންކުރުމަށެވެ.
މީސްތަކުން ކުރާ އަޅުކަންތަކުގެ ތެރެއިން ﷲ ސުބުޙާނަހޫ ވަތަޢާލާ ޤަބޫލުކުރައްވަނީ އެއިލާހު ރުއްސަވާގޮތަށް ކުރެވޭ އަޅުކަމެކެވެ. އެއިލާހު ރުއްސަވާގޮތާ ޚިލާފަށް ކިތަންމެމޮޅަށް، ކިތަންމެ އުނދަގުލުން އަޅުކަމެއް ކުރިނަމަވެސް އެކަމަކީ އެއިލާހު ޤަބޫލުކުރައްވާނޭ ކަމެއް ނޫނެވެ. ބޭރުފުށުން އަޅުގަނޑުމެންނަށް އެއީ ވަރަށް ރަނގަޅުކަމެއްކަމުގައި ދެކުނުނަމަވެސްމެއެވެ. ބައެއް މީސްމީހުން ﷲއަށް އަޅުކަންކުރުމުގައި ތަފާތުގޮތްތައް ހަދައި، ތަފާތު ކަންކަން ހެޔޮކަންކަމުގެ ނަމުގައި ކުރާތަން ފެނިދާނެއެވެ. އަދި ބޭރުފުށުން އެއީ ވަރަށް ރަނގަޅު، ދީނުގެ ތެރެއިންވާ ކަމެއްކަމުގައިވެސް ހީކުރެވިދާނެއެވެ. އެހެންނަމަވެސް، ﷲ ސުބުޙާނަހޫ ވަތަޢާލާ ރުއްސަވާކަމެއްކަމުގައި އެކަންނުވާކަމުގައިވާނަމަ އެކަމަކީ ބޭކާރުކަމެއްކަމުގައިވެދެއެވެ. އަދި ޘަވާބެއް ނުލިބޭތާގައި ފާފަވެރިވެގެންވެސް ހިނގައިދާނެއެވެ.
ކަންމިހެންހުރިއިރު، ﷲ ސުބުޙާނަހޫ ވަތަޢާލާ ރުއްސަވާ ކަންކަމަކީ ކޮބައިކަން ދެނެގަތުމަކީ، އެއިލާހަށް ޙައްޤުގޮތުގައި އަޅުވެތިވާމީހާއަށް އެންމެ މުހިއްމުވާނެކަމެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ރުއްސަވާ އަޅުކަންތަކަކީ ކޮބައިކަން އެނގެން އޮތް މަގަކީ ސާފުމަގެކެވެ. އެމަގެއްގައި ކަސިޔާރުކަމެއްނެތް ސީދާވެގެންވާ މަގެކެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފޮތާއި، އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ފޮތް ބާވާލެއްވީ އެއިލާހު ރުއްސަވާވޮޑިގެންވާ ގޮތް ބަޔާންކޮށްދެއްވުމަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ފޮނުއްވީ އެފޮތުގައިވާ ކަންކަން ޢަމަލީގޮތުން ބަޔާންކޮށްދެއްވައި، އެފޮތުގެ މަގަށް ގޮވާލެއްވުމަށެވެ. އެހެންކަމުން، މި ދެމަޞްދަރަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ރުއްސަވާވޮޑިގެންވާ ގޮތް ބަޔާންކުރައްވާފައިވާ ހަމައެކަނި ދެ މަޞްދަރެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާން ބާވާލެއްވި މަޤްޞަދު ބަޔާންކުރައްވައި ވަޙީ ކުރައްވާފައިވެއެވެ.
“ހަމަކަށަވަރުން، ޙައްޤުގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ، ﷲ އެދިވޮޑިގަންނަވާ ގޮތުގެމަތިން، މީސްތަކުންގެ މެދުގައި ޙުކުމްކުރެއްވުމަށެވެ. ޚިޔާނާތްތެރިންގެ ދިފާޢުގައި މަސައްކަތް ކުރައްވާ ބޭކަލަކުކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ!” އަދި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދައްކަވާ ދެއްވާފައިވާގޮތަކީ ﷲ ރުއްސަވާ، އެއިލާހުގެ ޙަޟްރަަތުން ރަޙްމަތާއި ޘަވާބަށް އެދޭމީހާއަށް އޮތްމަގުކަން ބަޔާންކުރައްވައި ވަޙީ ކުރައްވާފައިވެއެވެ.
“ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.”
ވުމާއެކު، އަޅުކަމެއް ކުރާއިރު މިކަމަށް ސަމާލުވުމަކީ ވަރަށްވެސް މުހިއްމުކަމެކެވެ.
އިސްލާމީ ތިލަފަތުގެ ދަރުސަކުން ލިޔުމެއްގައި ވެއެވެ. ގިނަ ބައަކު މިއަދު އުޅެނީ ﷲ ތަޢާލާއަށް އަޅުކަން ކުރުމަކީ ބުރަކަމަކަށްވެގެންނެވެ. އެއީ އެކަމުގައި ހުރި ލުއިފަސޭހަ ގޮތްތައް ނުއެނގޭތީއެވެ.
ފުރަތަމަ ކަމަކަށް ފަރުޟު 5 ނަމާދުކުރަމުން ގެންދާށެވެ. އެހެނީ ފުރަތަމަ ކަމަކީ ނަމާދުކުރުމެވެ. ދެން ހުރި ކަންކަން އަންނާނީ ނަމާދުކުރުމުގެ ފަހަތުންނެވެ.
ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑި ނުގަންނަވާ ބާޒާރުތަކެވެ. މާރުކޭޓްތަކެވެ. އެކަމަކު އެނގޭހެއްޔެވެ؟ ޢަބްދުﷲ އިބްން މަސްއޫދުގެ ބަސްފުޅެއްގައިވަނީ މާރުކޭޓެއްގައި އުޅޭއިރުވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރާނަމަ އެމީހަކަށް އެހުރެވެނީ އަޅުކަންކުރުމުގައެވެ. މިބަސްފުޅު ބަޔާންކުރައްވާފައިވަނީ އިބްން ތައިމިއްޔާ ރަޙިމަހުﷲ އެވެ.
ލިބިގަންނަން އޮތް ފިލާވަޅަކީ ކޮންމެ ތަނެއްގައި ކޮންމެ ކަމެއް ކުރުމުގައި އުޅުނު ނަމަވެސް އެމީހަކު ﷲ ތަޢާލާގެމަތިން ހަނދުމަކުރާނަމަ އެމީހަކަށް އެހުރެވެނީ އަޅުކަމަކުރުމުގައި ކަމެވެ. އެހެންކަމަށްވާއިރު އެކަމަށް ސަމާލުކަންދީފިނަމަ އަޅުކަންކުރުން ގިނަ ކުރަން އޮންނާނީ ކޮން އުނދަގޫކަމެއް ހެއްޔެވެ؟
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން