
އޮލިމްޕިއާކޯސް އާއި ރެއާލް މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން..
އެމްބާޕޭގެ ހަތަރު ލަނޑާއެކު، އޮލިމްޕިއާކޯސް އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން - 26 ނޮވެމްބަރު 2025 - 23:08
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ގްރީސްގެ އޮލިމްޕިއާކޯސް އާއި ދެކޮޅަށް ސްޕެއިންގެ ރެއާލް މެޑްރިޑުން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 4-3 ގެ ނަތީޖާއަކުން ރެއާލް ކާމިޔާބުކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި އިނގިރޭސިވިލާތުގެ ލިވަޕޫލް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، އޮލިމްޕިއާކޯސް އެންމެ ފަހުން ކުޅުނު މެޗުގައި ނެދަލޭންޑްސްގެ ޕީއެސްވީ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
އަނިޔާގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިންތަކަކާއި ނުލައި ރެއާލް މެޑްރިޑުން ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އޮލިމްޕިއާކޯސް އިންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 3-1 ގެ ނަތީޖާއަކުން އާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އޮލިމްޕިއާކޯސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން، މިހާފުގައި އެޓީމުން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު ރެއާލް މެޑްރިޑުން ވެސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ރެއާލްގެ ހަތަރު ލަނޑު ވެސް އެޓީމުގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ ކާމިޔާބުކުރިއިރު، އޮލިމްޕިއާކޯސްގެ މެހެދީ ޓަރެމީ، ޗިކުއިންހޯ އަދި އައްޔޫބް އެލް ކާބީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ފަސް މެޗުން ރެއާލް މެޑްރިޑަށް 12 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި އޮލިމްޕިއާކޯސް އިން ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި ދެޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 33 ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ރޮނާލްޑޯ އަދި ކޯމަންގެ ލަނޑުތަކާއެކު އަލް އަހްލީ ބަލިކޮށް އަލް ނަސްރުން ލީގު ހޯދުމާއި ފިޔަވަޅެއް ކައިރިއަށް ޖެހިލައިފި
4 މަސް ކުރިން

އެތްލެޓިކޯ މެޑްރިޑުން އާސެނަލް މޮޅުވިޔަނުދީ ހިފަހައްޓައިފި
4 މަސް ކުރިން

އަމިއްލަ ދަނޑުގައި ޑަމަކް އަތުން އަލް ހިލާލްއަށް އުނދަގޫ މޮޅެއް
4 މަސް ކުރިން

ފަހަތުން އަރައި ޕީއެސްޖީ އިން ބަޔާން މިޔުނިކު ބަލިކޮށްފި
5 މަސް ކުރިން


