
ކަލްމޭގީ ތޫފާނުގެ ސަބަބުން ފެންބޮޑުވެ ފިލިޕީންސް އަށް ބޮޑެތި ގެއްލުންތަކެއް!

މުހައްމަދު މުޝްރިފް - 05 ނޮވެމްބަރު 2025 - 14:35
ފިލިޕީންސްގެ މެދުތެރޭ ސަރަހައްދަށް ބާރުގަދަ ކަލްމޭގީ ތޫފާން (ލޯކަލް ނަން: ޓީނޯ) އެރައި ގަދަ ވަޔާއި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 90 އަށް އަރައިފިއެވެ. ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި، މި އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
މި ތޫފާނުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ސެބޫ ޕްރޮވިންސަށެވެ. އެގޮތުން، ސެބޫ ޕްރޮވިންސުން އެކަނި ވެސް 76 މީހުން މަރުވެފައިވާކަމަށް، އެ ޕްރޮވިންސްގެ އޮފިޝަލް ރިޕޯޓްތަކުން ހާމަކުރެއެވެ. އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅުނު ފިލިޕީންސްގެ އެއާ ފޯސްގެ ހެލިކޮޕްޓަރެއް ވެއްޓި މަރުވި ސިފައިންގެ 6 މީހުން ވެސް މަރުވި މީހުންގެ ތެރޭގައި ހިމެނެއެވެ.
ސެބޫ ސިޓީގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، މަގުތަކުގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ބޮޑެތި ގެއްލުންތައްވެ، އިމާރާތްތަކުގެ ފުރާޅުމަތީގައި ގިނަ އަދަދަކަށް ރައްޔިތުން ވަނީ ތާށިވެފައި އެބަހުއްޓެވެ.
ފިލިޕީން ރެޑް ކްރޮސް އިން ބުނި ގޮތުގައި، އެހީއަށް އެދި ގިނަ އަދަދެއްގެ މީހުން ގުޅާފައި ވެއެވެ. ނަމަވެސް، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެނުގެ ލެވެލް ދަށަށް ދަންދެން އެހީގެ މަސައްކަތްތައް ހުއްޓާލަން ޖެހިފައިވާ ކަމަށެވެ.
ގިނަ ސަރަހައްދުތަކުގެ ކަރަންޓުގެ ހިދުމަތް ކެނޑިފައި ވާއިރު، މުވާސަލާތުގެ ހިދުމަތްތަކަށް ވެސް ވަނީ ބުރޫއަރާފައެވެ. ސެބޫގެ ގަވަރުނަރު ޕަމޭލާ ބަރިކުއާޓްރޯ ވަނީ މި ފެންބޮޑުވުމަކީ "މިހާތަނަށް ދިމާނުވާ ވަރުގެ" ހާދިސާއެއް ކަމަށް ސިފަކުރެއްވާފައެވެ.
ތޫފާން ކަލްމޭގީ މިހާރު ވަނީ ޕަލަވާން ޕްރޮވިންސާ ދިމާލުން ދެކުނު ޗައިނާ ކަނޑާ ދިމާލަށް ދަތުރުކޮށްފައެވެ. ނަމަވެސް އެ ސަރަހައްދުގައި ހާލުގައި ޖެހިފައިވާ މީހުން ހޯދައި ސަލާމަތް ކުރުމުގެ މަސައްކަތްތައް ދަނީ މެދުނުކެނޑި ކުރިއަށް ގެންދަމުންނެވެ.
ފިލިޕީންސްއަކީ ކޮންމެ އަހަރަކު ވެސް ވިއްސަކަށް ތޫފާނުގެ އަސަރު ފޯރާ ގައުމެކެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތޫފާންތައް އިތުރަށް ބާރުގަދަވަމުންދާ ކަމުގެ ސައިންޓިފިކް ހެއްކެއްކަމަށް މާހިރުން ދެކެއެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓު މަރުކަޒުތަކަށް އޮފިޝަލުން ތަމްރީނުކުރުން- ހުވަދުއަތޮޅު ދެކުނުބުރީގެ ޕްރޮގްރާމުތައް
6 ގަޑިއިރު ކުރިން

ބަނގުރާފުޅިތަކާއެކު ހަތަރު މީހަކު ހައްޔަރު
6 ގަޑިއިރު ކުރިން

ސަރުކާރުގެ ޕޮލިޓިކަލް ޑައިރެކްޓަރު ވަކިކޮށްފި
6 ގަޑިއިރު ކުރިން

ގަވައިދާ ޙިލާފު ސިގިރެޓު ވިޔަފާރި- ބިދޭސީ މީހާގެ ބަންދު އިތުރުކޮށްފި
11 ގަޑިއިރު ކުރިން


