
ކޮތަޅު ބޮނޑި ވިއްކާއިރު ފީ ނުނަގާ ގޮތަށް ގާނޫނު ބަދަލުކުރަން ފާސްކޮށްފި

އާމިނަތު ޝަޒްލާ - 17 އޯގަސްޓު 2026 - 11:25
ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި، ގަނޑުކޮށް ކޮތަޅު ގަންނަ މީހުންގެ އަތުން ފީ ނުނަގާ ގޮތަށް ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހުށަހެޅުއްވި މި ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ، ބިލާ މެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލް ދިރާސާކުރުމަށް ފަހު މުޅި މަޖިލީހުގެ ކޮމިޓީން ވެސް ނިންމާފައިވަނީ އެއްވެސް ބަދަލެއް ނުގެނެސް، ބިލު އޮތް ގޮތަށް ފާސްކުރުމަށެވެ. މިއަދު މަޖިލީހުގެ ތަޅުމުން ފާސްކުރީ އެ ނިންމުމާ އެއްގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓެވެ.
ކުނި މެނޭޖްކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން ފީ ނެގުމުން އިސްތިސްނާވަނީ ތިން ބާވަތެކެވެ. އެއީ ޑިއުޓީ ފްރީ ފިހާރަތަކުން ދޭ ނުވަތަ ވިއްކާ ކޮތަޅާއި، ބަންދުނުކޮށް ހުންނަ ތާޒާ މަސް އަޅަން ބޭނުންކުރާ ކޮތަޅުގެ އިތުރުން، ކުނި މެނޭޖް ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ އެކަމާ ބެހޭ އެހެން އިދާރާއަކުން ކުނި އަޅަން ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިންލައިނާތަކެވެ.
ނަމަވެސް މިއަދު މަޖިލީހުން ފާސްކުރި ބިލުގައި ވަނީ އެ މާއްދާއަށް އަކުރެއް އިތުރުކޮށް، 50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ވެސް ފީ ނެގުމުން އިސްތިސްނާވާ ބާވަތްތަކުގެ ތެރޭގައި ހިމަނައިފަ އެވެ.
މި އިސްލާހު ގެންނަން ޖެހުނީ ކުނި މެނޭޖްކުރުމުގެ ގާނޫނު މިހާރު އޮތްގޮތުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ތަކުރާރުކޮށް އެތައް ފަހަރަކު ނަގަން ޖެހޭތީ އެވެ. އެގޮތުން ވިޔަފާރިކުރާ ފިހާރަތަކާއި ސައިހޮޓާ އަދި ރެސްޓޯރަންޓް ފަދަ ތަންތަނަށް ގަނޑުކޮށް ކޮތަޅު ގަންނައިރު، އެ ތަންތަނުން ވެސް ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ މަގުން ހޯލްސޭލަރުންނަށް ފީ ދައްކަން ޖެހުމުގެ ޝަކުވާ ބޮޑުވި އެވެ.
މީގެ އިތުރުން، ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ނިޒާމަށް ގެންނަން އެ ބިލުގައި ހުށަހަޅާފައިވާ އަނެއް މުހިންމު ބަދަލަކީ ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައި ނުވާ ތަންތަނުން ދޫކުރާ ކޮތަޅަށް ވެސް ފީ ނަގާ ގޮތަށް ހަމަޖެއްސުމެވެ. އަދި އެގޮތަށް ނަގާ ފީއާ މެދު އަމަލުކުރާނެ ގޮތުގެ ގަވާއިދެއް ހެދުމާއި، ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން ވެސް ޕްލާސްޓިކް ކޮތަޅަށް ފީ ނަގާކަން ކަށަވަރު ކުރުމަކީ ކަމާބެހޭ މިނިސްޓްރީން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލުކުރެއްވި ނަޖުމާއަށް ރައީސް ނަޝީދުގެ މަރުޙަބާ!
26 މިނިޓު ކުރިން

ލ. މާވަށު ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ހިއްކައި ނިމިއްޖެ
26 މިނިޓު ކުރިން

ރިސޯޓް ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަނީ
ގަޑިއިރެއް ކުރިން

މާލެ ޓެކްސީ ލައިނުގެ މައުލޫމާތުތަކެއް ލީކުކުރި މުވައްޒަފެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި
2 ގަޑިއިރު ކުރިން


