.webp&w=3840&q=75)
އެމެރިކާއިން އަލަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނު ވައިގެ ދަތުރުފަތުރުތައް ހުއްޓުމަކަށް!

އާމިނަތު ޝަޒްލާ - 25 ސެޕްޓެމްބަރު 2026 - 10:30
އެމެރިކާއިން އަލަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން، އީރާނުގެ އެއާލައިންތައް ޔޫއޭއީ އާއި އޮމާން ފަދަ އަވަށްޓެރި ގައުމުތަކަށް ދަތުރުކުރުން އިއްޔެ ދުވަހު މަނާކޮށްފިއެވެ. މިއީ އީރާނާއެކު ވިޔަފާރީގެ މުއާމަލާތްކުރާ ތިންވަނަ ގައުމުތަކުގެ ކުންފުނިތަކަށް އަމާޒުކޮށް އެމެރިކާގެ ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން ކުރިމަތިވި ފުރަތަމަ ބޮޑު ނަތީޖާއެވެ.
މެދުއިރުމަތީގެ އެންމެ ބޮޑު ދަތުރުފަތުރުގެ މަރުކަޒު ކަމަށްވާ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކުރި ގޮތުގައި، އެމެރިކާގެ އާ ސިޔާސަތާ ގުޅިގެން އީރާނުގެ އެއާލައިންތަކުގެ ހުރިހާ ދަތުރުތަކެއް ވަކި ގޮތެއް އަންގަންދެން މިހާރު ވަނީ މެދުކަނޑާލާފައެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮމާން، ޖޯޖިއާ، އަޒަރުބައިޖާން އަދި އިރާގުގެ ވެރިރަށް ބަޣުދާދަށް ކުރާ ދަތުރުތައް ވެސް މިހާރު ވަނީ ހުއްޓާލާފައެވެ. އަދި ޝީއީ މުސްލިމުންގެ ދީނީ ގޮތުން މުހިންމު ބިމެއް ކަމަށްވާ އިރާގުގެ ނަޖަފްގައި އޮންނަ އެއާޕޯޓަށް ދަތުރުތައް ބަދަލުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެއެވެ.
މިމަހުގެ 23 ގެ ފަހުން އީރާނުގެ އެއާލައިންތަކާ އެކު މުއާމަލާތްކުރާ ބައިނަލްއަގުވާމީ ކޮންމެ ކުންފުންޏަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަން ވޮޝިންޓަނުން ވަނީ އިޢުލާންކޮށްފައެވެ. މިއީ މުޅި ދުނިޔޭގައި ހަރަކާތްތެރިވާ އީރާނުގެ މަދަނީވައިގެ އުޅަނދުފަހަރުގެ ދަތުރުފަތުރުތައް އެއްކޮށް ހުއްޓުވުމުގެ މަގުސަދުގައި ނިންމާފައިވާ ނިންމުމެކެވެ.
ތެހެރާންގެ އިމާމް ޚުމައިނީ އެއާޕޯޓުގެ އިއްޔެގެ ދަތުރުތަކުގެ ތާވަލުގައި އަފްޣާނިސްތާން، އަރްމީނިއާ، ޗައިނާ، އިރާގު، ޕާކިސްތާން، ތަޖިކިސްތާން އަދި ތުރުކީ ފަދަ ގައުމުތަކަށް ކުރާ ދަތުރުތައް ހިމެނިފައިވީ ނަމަވެސް، އީރާނާ ވިޔަފާރީގެ ގޮތުންނާއި ދަތުރުފަތުރުގެ ގޮތުން އެންމެ ގާތް ގުޅުމެއް ބާއްވަމުން އައި އަވަށްޓެރި ޚަލީޖީ ގައުމުތަކަށް ކުރާ އެއްވެސް ދަތުރެއް އެ ތާވަލަކުން ނުފެނެއެވެ.
އެމެރިކާއިން ކަނޑައަޅާފައިވާ ވައިގެ ބަންދު ތަންފީޒުކުރުމަކީ މަސްރަޙު އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ. އީރާނުގެ އިސް އޮފިޝަލަކު ބުދަ ދުވަހު ވިދާޅުވި ގޮތުގައި، އެމެރިކާގެ މި ނިންމުމަށް ތަބާވާ ސަރަޙައްދީ ކޮންމެ ޤައުމެއްގެ އެއަރޕޯޓްތަކަކީ ބޭނުންނުކުރެވޭނެ ތަންތަނަށް ހަދާނެއެވެ.
މީގެ އިތުރުން، ޔަމަނުގެ ޙޫޘީން ފޮނުވާލި ހަ ބެލިސްޓިކް މިސައިލެއް ހުއްޓުވާފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން އިއްޔެ ވަނީ ބުނެފައެވެ. ޙޫޘީން ބުނެފައިވާ ގޮތުގައި އެމީހުން ވަނީ ސައުދީގެ އެކި އަމާޒުތަކަށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ޙަމަލާތަކެއް ދީފައެވެ. ސައުދީ އަރަބިއްޔާއާއި ޙޫޘީންނާ ދެމެދު އިތުރުވަމުންދާ މި ކުރިމަތިލުންތަކަކީ މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއިން މި މަހު އަލަށް އުފެދުނު ހަނގުރާމައިގެ މައިދާނެކެވެ.
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ މަޑުޖެހިފައި އޮތުމާއެކު، ވޮޝިންޓަނުން މިހާރު ވަނީ އައު އުކުޅެއް އިޚްތިޔާރުކޮށްފައެވެ. އެއީ އީރާނުގެ ކުންފުނިތަކާއެކު މުޢާމަލާތްކުރާ ތިންވަނަ ޤައުމުތަކުގެ ކުންފުނިތަކަށް އަމާޒުކޮށްގެން، "ސެކަންޑަރީ ސެންކްޝަންސް" ނުވަތަ ދެވަނަ ދަރަޖައިގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، މާލީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ފުޅާކުރުމެވެ.
ނިމިދިޔަ މަހު ޓްރަމްޕް ވަނީ މި އައު އިސްތިރާތީޖީއަކީ "އިޤްތިޞާދީ ޑީ-ޑޭ" އެއްގެ ގޮތުގައި ސިފަކޮށްފައެވެ. އޭނާ މިކަން އަޅާކިޔާފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާއާއި އެކުވެރި ދައުލަތްތަކުން ނާޒީންގެ ބާރުގެ ދަށުގައި އޮތް ފްރާންސަށް ދިން ވަރުގަދަ ހަމަލާއާއެވެ.
ވައިގެ ދަތުރުފަތުރުތައް މަނާކުރުމުގެ ފިޔަވަޅު ދިގުލައިގެން ހިނގައްޖެނަމަ، އޭގެ ސަބަބުން އީރާން ބައިނަލްއަޤްވާމީ މުޖުތަމައުން އެކަހެރިވުން އިތުރުވެ، އެޤައުމުގެ އިޤްތިޞާދީ ކާރިސާ އިތުރަށް ގޯސްވެގެންދާނެއެވެ. އީރާނުގެ ކަނޑުގެ ބަނދަރުތައް މިހާރުވެސް އޮތީ އެމެރިކާގެ ބަންދުކުރުންތަކާ ކުރިމަތިލާން ޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި
10 ގަޑިއިރު ކުރިން

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ދިނީ ގާނޫނާ ހިލާފަށް: ރައީސް ޔާމީން
11 ގަޑިއިރު ކުރިން

ޞައްޙަ ޢަޤީދާއަކީ ހުރިހައި ހެޔޮ ޢަމަލެއްގެ ބިންގާ: ހުކުރު ޚުޠުބާ
12 ގަޑިއިރު ކުރިން

ނަތަންޔާހޫ ޕޯޑިއަމަށް އެރުމާއެކު ދިވެހި ވަފުދު މިފަހަރުވެސް މާލަން ދޫކޮށް ނުމުމެއްޖެ!
14 ގަޑިއިރު ކުރިން


