logo

ޞައްޙަ ޢަޤީދާއަކީ ހުރިހައި ހެޔޮ ޢަމަލެއްގެ ބިންގާ: ހުކުރު ޚުޠުބާ

profile

އާމިނަތު ޝަޒްލާ - 25 ސެޕްޓެމްބަރު 2026 - 10:07

ޞައްޙަ ޢަޤީދާއަކީ، މުސްލިމެއްގެ ހުރިހައި ޢިބާދާތާއި، ހެޔޮ ޢަމަލާއި، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ ބިންގާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މަޢުޟޫއަށެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ދިރިއުޅުމުގައި ހަމަޖެހުމާއި އުފާވެރިކަމަކީ ކޮންމެ އިންސާނަކުވެސް އެދޭ ކަމެކެވެ. ނަމަވެސް، ޒަމާން ތަރައްޤީވެ މާއްދީ ގޮތުން އެތައް ފަސޭހަތަކެއް ލިބިފައިވީ ނަމަވެސް، މިއަދު މުޖުތަމަޢުގައި ނުތަނަވަސްކަމާއި، ހިތާމައާއި، އެކަނިވެރިކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި، ދެދުނިޔޭގެ ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމުގައި ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

މީގެއިތުރުން، އިންސާނާގެ އެތެރެފުށް އިޞްލާޙުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޚުޠުބާގައި ވިދާޅުވީ، އެ މީހެއްގެ އެތެރެފުށް އިޞްލާޙުކޮށްފި މީހާގެ ބޭރުފުށް މާތް ﷲ އިޞްލާޙުކޮށްދެއްވާނެ ކަމަށެވެ. އަދި އެ މީހަކާއި މާތް ﷲއާ ދެމެދުގައިވާ ގުޅުން އިޞްލާޙުކޮށްފި މީހާއަށް، އެ މީހަކާއި މީސްތަކުންނާ ދެމެދުގައިވާ ކަންތައްތައް ﷲ ފުއްދަވައިދެއްވާނެ ކަމަށާއި، އާޚިރަތުގެ ކަންތައްތަކަށް އިސްކަންދީފި މީހާގެ ދުނިޔޭގެ ކަންތައްތައްވެސް އެކަލާނގެ ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ދީނީ ހޭލުންތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވަމުން ޚުޠުބާގައި އިތުރަށް ވިދާޅުވީ، އިސްލާމްދީނުގެ އުޞޫލުތައް ބޮޅަކަށްފަހު ބޮޅެއް ނެއްޓި ދެމިގަނެގެންދާނީ ޖާހިލިއްޔަތުގެ ޙަޤީޤަތް ނޭނގޭ ޖީލެއް އިސްލާމީ އުންމަތުގައި އުފެދުމުން ކަމަށެވެ. އެހެންކަމުން، ޞައްޙަ ޢަޤީދާގެ މަތިވެރި ނިޢުމަތަކީ އަންނާންއޮތް ޖީލުތަކަށް ރައްދުކޮށްދޭންޖެހޭ މަތިވެރި އަމާނާތެއްކަން ޚުޠުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.

މިއަދުގެ ޚުޠުބާ ނިންމަވާލައްވަމުން ވަނީ، ދުނިޔޭގެ ވަގުތީ އުފަލާއި ޒީނަތްތެރިކަން ހޯދުމުގައި މާބޮޑަށް މަޝްޣޫލުނުވެ، ދާއިމީ ޙަޔާތް ކަމުގައިވާ އާޚިރަތުގެ ކާމިޔާބީއަށްޓަކައި، ސާފުސީދާ ހިތެއްގެ ވެރިއަކަށްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެންމެހައި މުސްލިމުންނަށް ގޮވާލައްވާފައެވެ.

https://wamco.com.mv/
tel:+9607331319