
ވީޑިއޯ ނުފަތުރާ: ފުލުހުންގެ ހާއްސަ އިލްތިމާސްއެއް!

އާމިނަތު ޝަޒްލާ - 31 އޯގަސްޓު 2026 - 10:18
ހުޅުމާލޭގެ އަމާން އުދަރެސް ޓަވަރަކުން ކުޑަ ކުއްޖަކު ވެއްޓިފައިވާ ހިތްދަތި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، އެ ވީޑިއޯ އިތުރަށް ދައުރުނުކުރުމަށާއި ސޯޝަލް މީޑިއާ އެކައުންޓްތަކާއި ޕޭޖުތަކާއި ގްރޫޕުތަކުން ނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ، މިފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުކުރުމަކީ އެ ކުއްޖާގެ ޒާތީ މިނިވަންކަމާއި ކަރާމާތަށް ސީދާ އަރައިގަނެވޭ ކަމެއް ކަމަށެވެ. އަދި މިފަދަ ވީޑިއޯތައް ފެތުރުމުން ކުއްޖާގެ އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިގެންދާނެ ކަމަށާއި، މި ހިތްދަތި މަންޒަރުތައް ބަލާ ކުޑަކުދިންނާއި ނާޒުކު ހާލަތުގައި ތިބި ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ ވަކި ކަންތައްތަކެއް ކުރުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ. އެގޮތުން، ވީޑިއޯ ޑައުންލޯޑް ނުކުރުމަށާއި ރީޕޯސްޓް ނުކުރުމަށް ފުލުހުން ވަނީ ގޮވާލާފައެވެ. އަދި، ހާދިސާއާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވީޑިއޯ ނެގުމަށް ރިޕޯޓްކޮށް، ވީޑިއޯ ފޮހެލުމަށް އެހެން ފަރާތްތަކަށްވެސް ބާރުއެޅުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އަމާން އުދަރެސް 2 ގެ ތިންވަނަ ބުރިންނެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:35 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އަދި ޓަވަރުން ވެއްޓިފައިވަނީ އުމުރުން 16 އަހަރުގެ ދިވެހި އަންހެން ކުއްޖެއް ކަމަށްވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޓަވަރަކުން ކުއްޖަކު ވެއްޓިގެން މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ އެ ހޮސްޕިޓަލަށް ގެނެސްފައެވެ. ނަމަވެސް، މިވަގުތު ޑޮކްޓަރުން އެ ކުއްޖާއަށް ފަރުވާދެމުން އަންނާތީ، ކުއްޖާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މިހާރު ދަނީ އަޅަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ މިންވަރު އިތުރުވެއްޖެ
16 ގަޑިއިރު ކުރިން

ސަރުކާރުގެ ސިޔާސީ މަގާމްތައް މިދަނީ މަދުކުރަމުން: ރައީސް
16 ގަޑިއިރު ކުރިން

ޓޫރިޒަމް ޖީއެސްޓީ އިސްލާހު ރައީސް ތަސްދީގުކުރައްވައި ޤާނޫނަކަށް!
17 ގަޑިއިރު ކުރިން

ހުޅުމާލޭގެ މަގުތައް އަމާންކުރުމަށް މަޝްވަރާކޮށްފި
17 ގަޑިއިރު ކުރިން


