logo

ޕީއެންއެފްގެ މެމްބަރުން އެހެންޕާޓީތަކަށް ބަދަލެއް ނުކުރަން: އީސީ

profile

މުޙައްމަދު ފަޟްލޫން - 18 ސެޕްޓެމްބަރު 2026 - 12:05

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މެންބަރުން، ގަސްދުގައި އެހެން ޕާޓީތަކަށް ބަދަލުކުރަމުންދާ ކަމަށް ބުނެ އެ ޕާޓީން ކުރި ތުހުމަތުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޮގުކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލައާ ގުޅިގެން ޕީއެންއެފުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލް އާއި އެ ކޮމިޝަނުގެ އިސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅާފައެވެ. އަދި އެ މައްސަލަ ބަލައިގެންފައިވާ ކަމަށް ވެސް އެ ޕާޓީން ހާމަކުރެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި މެންބަރުން އިތުރުކުރުމުގެ މަސައްކަތް ފެށުނީއްސުރެ ޢާންމުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން އެންމެ ބޮޑަށް ލިބެމުންދާ ޝަކުވާއަކީ، މީހުންނަށް ނޭނގި އޮޅުވާލައިގެން ޕާޓީތަކަށް ވެއްދުމާއި ވަކިކުރުމުގެ މައްސަލައެވެ.

އެ ކޮމިޝަނުން އިތުރަށް ބުނެފައިވަނީ، މި މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ހޯދުމަށްޓަކައި އެކި ދުވަސްވަރު ސިޔާސީ ޕާޓީތަކާއި ކަމާގުޅުންހުރި މުއައްސަސާތަކާ މަޝްވަރާކޮށް، ގިނަގުނަ އިސްލާހީ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން، ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް އީ ފާސް ތައާރަފުކުރުމާ ގުޅިގެން، އެ ނިޒާމަކީ އާންމު ރައްޔިތުން ބަލައިގަންނަ، ނުހަނު އިތުބާރު ހުރި އަދި ދެފުށް ފެންނަ ނިޒާމަކަށް ވެގެން ގޮސްފައިވާ ކަމަށްވެސް އީސީގެ ބަޔާނުގައި ވެއެވެ.

ހަގީގަތް އޮޅޭގޮތަށް، އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކުގެ މެންބަރޝިޕް ނިޒާމާމެދު އާންމުންގެ އިތުބާރު ގެއްލުވައިލުމަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ކުރަމުންދާ ދޮގު ތުހުމަތުތައް އެ ކޮމިޝަނުން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށާއި، ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319