logo

ޓެކްސަސްއަށްފަހު ނިއު މެކްސިކޯ ސްޓޭޓްގައިވެސް ފެންބޮޑުވެއްޖެ، ޓެކްސަސްއިން 110 މަރު، 180 މީހުން ގެއްލިފައި

profile

ސައިފް އަޒުހަރު - 09 ޖުލައި 2025 - 06:10

އެމެރިކާގެ ޓެކްސަސްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 110 އަށް އަރައިފިއެވެ.

https://wamco.com.mv/

މަރުވި މީހުންގެތެރޭގައި ގިނައީ ކުޑަކުދިންނެވެ. އެއީ، ބޯކޮށް ވާރޭވެހި ގުއާޑަލޫޕް ކޯރު ބަންޑުންވެ ދެމިގެންދިޔަ ފެނުގެ ސައިލާއެކު، ކޯރުގެ އައްސޭރިއަށް ވާގޮތަށް ހުރި ސަމަރ ކޭމްޕެއްގައި ތިބި ކުދިންތަކެއް އޮޔާގޮސްގެންނެވެ.

ފެނުގެ ސައިލާއެކު ގޮސް، ސަމަރ ކޭމްޕްގައި ތިބި ކުދިންގެ ތެރެއިން 27 ކުދިން ގެއްލުނެވެ. ކޯރުގެ ފެންގަނޑު ބޮޑު ބަންޑުން ޖަހާލަން ނެގީ އެންމެ 45 މިނެޓެވެ.

ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޓެކްސަސްގެ ކޭރ ކައުންޓީއަށެވެ. އެ ކައުންޓީން އެކަނިވެސް މިހާތަނަށް މަރުވެފައިވާ 94 މީހުން ފެނިފައި ވެއެވެ. އޭގެތެރޭގައި ސަމަރ ކޭމްޕުން ގެއްލުނު 27 ކުދިންވެސް ހިމެނެއެވެ.

180 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާތީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ރެސްކިއު ޓީމުތަކުގައި އެތައް ސަތޭކަ މެމްބަރުން މަސައްކަތް ކުރަމުން އެބަ ގެންދެއެވެ.

ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި ހެލިކޮޕްޓަރާއި، ޑްރޯންއާއި، ކުއްތާވެސް ބޭނުންކުރަމުންދާއިރު، ފެންބޮޑުވެފައި ވުމާއި، ޗަކަ ހެދިފައިވާތީއާއި، ބިޔަ ކުނިފުނިތައް ޖަމާވެފައިވާތީ، މީހުން ހޯދުމުގެ މަސައްކަތަށް ހުރަސްއެޅިފައި ވެއެވެ.

މޫސުން އިތުރަށް ގޯސްވެ، ބޯކޮށް ވާރޭ ވެހޭނޭ ކަމަށް ލަފާކޮށްފައިވާތީ، އޮފިޝަލުންވަނީ އެކަމުގެ އިންޒާރުވެސް ދީފައެވެ.

ޓެކްސަސްގައި ވެރިކަމުގައި ހުންނަނީ ރިޕަބްލިކަން ގަވަރްނަރެކެވެ. ހުކުރު ދުވަހު ޓެކްސަސްއަށް ދާނޭކަމަށް ރައީސް ޓްރަމްޕް ބުނެފައި ވާއިރު، ފެންބޮޑުވުން ފަދަ ކަންކަމުގައި ސްޓޭޓް ލެވެލްގައި މަސައްކަތް ކުރުމަށް ޓްރަމްޕް ބުނެފައިވުމާއި، ދުރާލާ އިންސާރުދޭ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ހުއްޓުވީ ޓްރަމްޕް ކަމުން، ޓެކްސަސް މައްސަލާގައި އެތައް ބައެއްގެ ނުރުހުމާއި ދެކޮޅުވެރިކަން އޭނާއަށް އަމާޒުވަމުން އެބަދެއެވެ.

ޓެކްސަސްގައި ފެންބޮޑުވެ، އެތައްބަޔަކު މަރުވެ އެތައް ބަޔަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެމެރިކާގެ ނިއު މެކްސިކޯ ސްޓޭޓަށްވެސް ގުގުރައި، ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ލިބެމުން އެބަދެއެވެ.

އެ ސްޓޭޓްގެ ކޯރުގެ ފެންގަނޑު، 30 މިނެޓްތެރޭ 20 ފޫޓަށް ބޮޑުވެ، ފެނުގެ ސައިލާއެކު އެތައް ގެއެއް އޮޔާ ގޮސްފައި ވެއެވެ. ނިއު މެކްސިކޯއިން މީހަކަށް ކަމެއް ވީކަމެއް އަދި ސާފެއް ނުވެއެވެ.

ޓެކްސަސްއާއި، ނިއު މެކްސިކޯ ސްޓޭޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ކޯރުތައް ބަންޑުންވެ ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު އެމެރިކާގެ ރައީސް ޓްރަމްޕް އަވަދިނެތި އުޅެނީ މުޖުރިމު ނަތަންޔާހޫ އެމެރިކާއަށް ގެންގޮސްގެން އޭނާއަށް ޚިދުމަތް ކުރުމުގައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay