ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެ މުވައްޒަފުންނަށް ލޯންގް ސަރވިސް އެވޯޑު ދީފިއެވެ.
މި އެވޯޑް ހަވާލުކުރުމަށް ބުދަ ދުވަހުގެރޭ ބޭއްވުނު ހަފްލާގައި ބޭންކަށް 15، 20، 25، 30 އަދި 35 އަހަރުގެ މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ 29 މުވައްޒަފުންނަށް އެވޯޑު ހަވާލުކުރެވުނެވެ.
މި ހަފްލާގައި 3 މުވައްޒަފަކަށް ވަނީ ބޭންކަށް 35 އަހަރުގެ މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާތީ ހާއްސަ އެވޯޑެއް ދީފައެވެ. މީގެ އިތުރުން 3 ފަރާތަކަށް ވަނީ 30 އަހަރުގެ މުއްދަތަކަށް ބޭންކަށް ހިދުމަތް ކޮށްދެއްވިކަމުގެ އެވޯޑު ދީފައެވެ.
އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވަނީ އެ ބެންކަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު، އަދި ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާ ބޭންކެވެ. އަދިހަމައެހެންމެ ބޭންކުގައި މިވަގުތު ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ %99 އަށް ވުރެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ދިވެހީންނެވެ.
ބޭންކުގެ މުވައްޒަފުންނަށް ވަޒީފާގެ ފުރުސަތާއި މަސައްކަތަށް ބޭނުންވާ ތަމްރީނުދިނުމާއި އިންސާނީ ހުނަރު ތަރައްގީ ކުރުމާއި ވަޒީފާގެ ކުރިއެރުންތައް ފޯރުކޮށްދެވެއެވެ. ބޭންކުގައި ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑު އަދި ލޯންގް ސަރވިސް އެވޯޑު ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.