"އިންތިޚާބުތައް ބޭއްވީމަ ސަރުކާރުން ރައްޔިތުންނާ ހަމައަށް ގޮސް އެ ކުރަން ޖެހޭ ކަންތައްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީ، އެ އަޑު އަހާ އެ ކަންތައްތައް ކޮށްދިނުމަށް ސަރުކާރުން ނޫނީ އެހެންވެސް ފަރާތަކުން ވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރޭ. އެއީ ދެ ކޮމަންޑޫ ދޭތެރެ ބައްދާލުން ކަމުގައި ވިޔަސް އެކަން އެ ކުރެވެނީ ހަމަ ރައްޔިތުންގެ ހައްގުގައި" މިއީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ނާޒިލް ވަނީ ވިދާޅުވެފައިފައިވާ ޖުމްލައެކެއެވެ.
މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 2022 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ފެއްޓީ، އޭރު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރުމުގެ މަގްސަދުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ނާޒިލް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވީ، އޭރު އެ ދާއިރާގެ މެމްބަރަކަށް ހުންނެވި ހުސައިން ވަހީދު އަވަހާރަ ވުމާއި ގުޅިގެންނެވެ. 2022 ވަނަ އަހަރު އެ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވާއިރު، އެ ބައި އިލެކްޝަންގެ ކެމްޕޭން ދުވަސްވަރު ސަރުކާރުން ވަނީ މަތި ކޮމަންޑުއާއި ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއެއް ފަށާފަ އެވެ. އޭގެ ފަހުން ބޭއްވި އިންތިޚާބު އޭރު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ރާޝިދު ވަނީ ކާމިޔާބުކުރައްވާފައެވެ. މެމްބަރު ނާޒިލް ވިދާޅުވީ، އިންތިޚާބުތަކަކީ ބާއްވަން ޖެހޭ އެއްޗެއް ކަމަށެވެ. އަދި ރައްޔިތުންނާ ހަމައަށް ސަރުކާރުތަކުން ދަނީ އަދި ބޭނުންވާ ކަންތައްތައް ފުއްދައިދެނީ ވެސް އިންތިޚާބުތައް ބާއްވާތީ ކަމަށް މެމްބަރު ވިދާޅުވި އެވެ.
އޭރު ނިކަން ފާޅުގައި އެމްޑީޕީން އެއްބަސްވީ ޕާޓީން ބޭނުންވާ ކަންކަން ހާސިލުކުރުމަށްޓަކައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރާކަމަށެވެ. މީހުން ބުނާތީ އިވެއެވެ. ބެދޭ މަޅިއެއް ނުފެންނާނެއެވެ. މިވީ ހަމަ އެހެންތާއެވެ. އެމްޑީޕީއަކަށް މިއަދު އޭރު ބުނެވުނު ވާހަކަތަކާއި އެއްބަސްވެވުނު ކަންކަމެއް ނުފެނުނެވެ. ކުއްލިއަކަށް މިހާރު ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރުން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާންތައްވެސް ނެރެނީއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ދައުލަތުގެ މުދަލާއި ވަސީލަތްތަކަށް ނުފޫޒު ފޯރުވައި ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތްތައް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް ކުރަމުންދާ ކަމަށް ، އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. ހަަމަ އެ ނޫސް ބަޔާނުގައި މީގެކުރިން އުފެދުނު ޕީޕީއެމްގެ ސަރުކާރެކޭ އެއްގޮތަށް މިވަގުތު އޮތް ޕީއެންސީގެ ސަރުކާރުން ވެސް ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ވަޒީފާއަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ޝަކުވާތައް ލިބޭ ކަމަށްވެސް ބުނީއެވެ.
ނުވިތާކަށް ޕާޓީއަށް މީހުން ވެއްދުމަށް ޓަކައި ފޯމު ފުރުމުގެ މަސައްކަތް، ސަރުކާރުގެ އިމާރާތްތަކުގައި އަދި މަސައްކަތުގެ ރަސްމީ ގަނޑިތަކުގައި ކުރަމުން ގެންދާތީއާއި، މުވައްޒަފުން ލައްވާ އެކަން ކުރުވަމުން ގެންދާތީ ބައެއް ތަންތަނުގެ މަސައްކަތަށް ދަތިވަމުންދާ ކަމަށް އެ ތަންތަނުގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބެމުންދާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ވެސް އަޅުވައިފިއެވެ.
އަދިވެސް އެއްފަހަރު ހަނދާންކޮށްލަދޭނަމެވެ. 2022 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ފެއްޓީ، އޭރު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރުމުގެ މަގްސަދުގައި ކަމަށް ވެސް ބުނީ ހަމަ އެ އެމްޑީޕީންނެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބު ކުޑަތަންވެފައި ވަނިކޮށް ކަނޑުންނާއި ފަޅުން ރައްޔިތުންނަށް ގޯތި ދޫކުރީވެސް ހަމަ އެ އެމްޑީޕީންނެވެ.އިންތިޚާބާއި ދިމާކޮށް ވަޒީފާ ދޭނެ ކަމުގެ ޔަޤީންކަން ދީ، ޕާޓީއަށް ފޯމްފުރުވުމުގައިވެސް އުޅުނީ ތިޔަ ޕާޓީންނެވެ. އަދި ރިޔާސީ އިންތިޚާބާއި ދިމާކޮށް ކުންފުނިތަކަށް ނުކަތާ ވަރަށް، މުވައްޒިފުންލީވެސް ހަމަ އެމްޑީޕީންނެވެ. އޭރު ތިމާމެން ދައުލަތުގެ ވަސީލަތްތަަށް ނަހަމަ ގޮތުގައި ބޭނުންކުރި ހަދާން ނެތުނީ ހާދަހާވާ އަވަހަށެވެ.
އަނެއްކާވެސް މެމްބަރު ނާޒިލްގެ އެ ޖުމްލަ ތަކުރާރުކޮށްލާނަމެވެ. "އިންތިޚާބުތައް ބޭއްވީމައި ސަރުކާރުން ރައްޔިތުންނާ ހަމައަށް ގޮސް އެ ކުރަން ޖެހޭ ކަންތައްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީ، އެ އަޑު އަހާ އެ ކަންތައްތައް ކޮށްދިނުމަށް ސަރުކާރުން ނޫނީ އެހެންވެސް ފަރާތަކުން ވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރޭ. އެއީ ދެ ކޮމަންޑޫ ދޭތެރެ ބައްދާލުން ކަމުގައި ވިޔަސް އެކަން އެ ކުރެވެނީ ހަމަ ރައްޔިތުންގެ ހައްގުގައި” - ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް
އަމިއްލައަށް ހޭވުނު ހަޑިމަތިން ހަނދާން ނެތިއްޖެއެވެ. ހުރިހާ ކަމެއްގައި ވެސް އެހެން މީހުން ކުށްވެރިކުރަން އެ ކުރާ މަސައްކަތް މިއަދު ފެއިލްވެއްޖެއެވެ. އެމްޑީޕީއެވެ. ރައްޔިތުންނަށް އޮޅުވާލަން އުޅެގެން ތިޔަ ވީ މިސްކިތު ހުޅުޖެހި މީހާއަށް ވެސް ވީވަރެވެ.