
ކެމްޕޭންގައި ރައީސްޑރ މުއިއްޒު ކުރެއްވި މަސައްކަތް ވަޒީރުންނާއި މެމްބަރުން ނުކުރޭ: ރިޔާޒް ރަޝީދު

މުޙައްމަދު ފަޟްލޫން - 22 އޭޕްރީލު 2026 - 10:40
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ރައީސްޑރ މުއިއްޒު ކުރެއްވި މަސައްކަތް ވަޒީރުންނާއި މެމްބަރުން ނުކުރައްވާ ކަމަށް ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ރިޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި އެކި ފަންތީގެ އިންތިޚާބުތައް ދެކެވަޑައިގެންނެވި އިރު، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު ކުރެއްވި ފަދަ ވަރުގަދަ އަދި މިންނެތް މަސައްކަތެއް ކުރެއްވި ރައީސަކު ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ރިޔާޒް ވަނީ އެކަމަކީ ރައީސް ޑރ މުއިއްޒު ރައްޔިތުންނަށް ޓަކައި ވެލެއްވި ގުރުބާނީ އެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ރަމަޟާން މަހުގެ ބަރަކާތްތެރި ދުވަސްތަކާއި، ޝައްވާލު މަހުގެ ހަ ރޯދަ ހިއްޕަވައިގެން ހުންނަވައި، ގަދަ އަވީގައި ކެތްތެރިކަމާއެކު ރައީސް ކުރެއްވި މަސައްކަތްޕުޅަކީ އާދައިގެ ކަމެއް ނޫން ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މާލެ، ހުޅުމާލެ، އަދި ވިލިގިލީގެ ގޭގެއަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވައި، "ޑޯޓުޑޯ" (ދޮރުންދޮރަށް) ޙަރަކާތްތަކުގައި އެމަނިކުފާނު އަމަލީގޮތުން އުޅުއްވި މަންޒަރު ދެކެވަޑައިގެންނެވި ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި އެއީ އިޚުލާޞްތެރިކަމުގެ އިންތިހާ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
ނަމަވެސް، ހިތާމައަކީ އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ފަރާތުން އެފަދަ ހިތްވަރެއް ނުފެނުންކަމަށް ރިޔާޒްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ސޯޝަލް މީޑިއާއިން ބަލާލި ކަމުގައިވިޔަސް، ރައީސް ކުރެއްވި ވަރުގެ މަސައްކަތެއް ކުރި އެއްވެސް މެންބަރަކު ނުވަތަ ވަޒީރަކު ފެންނާކަށް ނެތް ކަމަށް ރިޔާޒް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.
އިންތިޚާބުގެ ނަތީޖާއާއެކު ރައްޔިތުން ދެއްވި މެސެޖުތަކަށް އިޙްތިރާމްކުރައްވައި، ސަރުކާރު ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަވަން ފަށްޓަވާފައިވާކަން މިއަދު ހާމަވެފައިވާ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަސްޖެހޭ އަދި ޤާބިލުކަން ކުޑަ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން މަޤާމުތަކުން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، އެމަނިކުފާނުގެ ސާބިތުކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެއްކަމަށް ރިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް އައްޔަނު ކުރައްވާ ބޭފުޅުންގެ ތަޢުލީމީ ފެންވަރު ވަޒަންކުރެއްވުމަށް، ސްޓޭޓް މިނިސްޓަރުންނަށް މާސްޓާސް ޑިގްރީ އަދި ޑެޕިއުޓީ މިނިސްޓަރުންނަށް ފުރަތަމަ ޑިގްރީ އޮތުން ލާޒިމުކުރެއްވުމަކީ، އެމަނިކުފާނު އެއްވެސް ނުފޫޒެއްގެ ދަށުނުވެ ހުންނެވިކަމުގެ އަލިގަދަ ހެއްކެކެވެ.
މި ނިންމުންތަކުން ސާބިތުކޮށްދެނީ، ނޭދެވޭ އެއްވެސް ކަމަކަށް ފުރުޞަތު ނުދެއްވައި، ރައްޔިތުންގެ މަތިވެރި މަޞްލަޙަތު އިސްކުރައްވައިގެން މަސައްކަތްކުރައްވާނެ ވަރުގަދަ ޝަޚްޞިއްޔަތެއް އެމަނިކުފާނުގެ ކިބައިގައި ހުރުމުން ކަމަށް ވެސް ރިޔާޒްވަނީ ވިދާޅުވެފައެވެ.
ފެންނަ ނުފެން ވޯޓަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު އޮތް ތާއިދު ދައްކުވާދިން އިންތިޚާބެއް ނޫން ކަމަށާއި އެ އިންތިޚާބަކީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގި ވޯޓެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މާލިއްޔަތު ކޮމިޓީއަށް ޒަމީރު, 241 ކޮމިޓީ އަށް ހަމަދު ހަމަޖައްސައިފި
2 ގަޑިއިރު ކުރިން

ހައްޖު ކިޔު ދިގުވުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ދިމާވާ މައްސަލައެއް: ޑރ ޝަހީމް
3 ގަޑިއިރު ކުރިން
ވީޢައިއޭގެ ޓްރެފިކަށް ވަގުތީ ބަދަލުތަކެއް ގެނެސްފި
3 ގަޑިއިރު ކުރިން

ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، ރާފިއުގެ އެޑްވައިޒަރަކަށް މާއްޓޭ އައްޔަންކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)