logo

ބޭންކުތަކަށް އެމްއެމްއޭ އިން ދޫކުރާ ޑޮލަރު %25 އިތުރުކުރަނީ

profile

މުޙައްމަދު ފަޟްލޫން - 25 ޖޫން 2026 - 13:50

ފަތުރުވެރިކަމުގެ ދަށް ދުވަސްވަރާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 25 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން ނިންމައިފިއެވެ.

https://wamco.com.mv/

މިއީ ފަތުރުވެރިކަން މަދުވާ ދުވަސްވަރު އިގްތިސާދަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށާއި، އެކި ބޭނުންތަކަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ މަގުސަދުގައި އެ އޮތޯރިޓީން އެޅި ފިޔަވަޅެކެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ޖޫން މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި، ކޮންމެ ހަފްތާއަކު ބޭންކުތަކަށް ވިއްކާ ޑޮލަރުގެ ނިސްބަތް ޖުމްލަކޮށް 25 އިންސައްތަ އިތުރުވާނެއެވެ.

މި ނިންމުމަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވި ނަމަވެސް، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑަށް ބަދަލެއް ނައިސް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ވަގުތީ ފިޔަވަޅެކެވެ.

މީގެ މައިގަނޑު ބޭނުމަކީ ބޭންކިންގ ނިޒާމުގެ ތެރޭގައި ބޭރު ފައިސާގެ ތާށިކަން ކުޑަކޮށް، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ވިޔަފާރިތަކަށާއި އާންމުންގެ އެކި ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް ދޫކުރި ބޭރު ފައިސާގެ މިންވަރު، 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 72 އިންސައްތަ ވަނީ އިތުރުވެފައެވެ.

އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި، ބޭރު ފައިސާގެ ޑިމާންޑް އެންމެ ބޮޑަށް އިތުރުވެފައިވަނީ ބޭސްފަރުވާއަށާއި ތައުލީމީ ބޭނުންތަކަށް ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކާ ގުޅިގެންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk