
މޯލްޑިވިއަނަށް އެމްޑީޕީ އިން ދޭންޖެހޭ 3.6 މިލިއަން ރުފިޔާ ދައްކަން ކޯޓުން ބޭރު އެއްބަސްވުމަކަށް

މުޙައްމަދު ފަޟްލޫން - 03 ޖުލައި 2026 - 08:34
އެމްޑީޕީން އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އަށް ދައްކަންޖެހޭ 3.6 މިލިއަން ރުފިޔާ ހޯދުމަށް، ކޯޓުން ބޭރުގައި ސެޓްލްމަންޓް އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން އެމްޑީޕީން ކުރި ދަތުރުތަކަށް ޖުމްލަ 5.6 މިލިއަން ރުފިޔާ ދައްކަންޖެހެއެވެ.
މި ފައިސާ ދައްކައި ހަލާސްކުރުމަށް 2024 ވަނަ އަހަރު ދެ ފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން، ކޮންމެ ހަ މަހަކުން އެއްފަހަރު ފައިސާ ދައްކަމުން ގޮސް، 2027 ވަނަ އަހަރުގެ ނިޔަލަށް މުޅި އަދަދު ނިންމުމަށް އޮތީ ކަނޑައަޅާފައެވެ. ނަމަވެސް، މިހާތަނަށް އެމްޑީޕީން ދައްކާފައިވަނީ ދެ މިލިއަން ރުފިޔާއެވެ.
އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ، އައިލެންޑް އޭވިއޭޝަނުން ވަނީ އެ އެއްބަސްވުން ބާތިލުކޮށް، ދައްކަންޖެހޭ ބާކީ 3.6 މިލިއަން ރުފިޔާ އެއްފަހަރާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
މި މައްސަލައިގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފައިސާ ދެއްކުން ލަސްވީ ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކަމަށް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.
އަދި ފައިސާ ދެއްކުމަށް އެމްޑީޕީން އިތުރު މުއްދަތަކަށް އެދުނު ނަމަވެސް، އައިލެންޑް އޭވިއޭޝަނުން އެކަމަށް އިއުތިރާޒުކޮށްފައިވާ ކަމަށްވެސް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.
ސެޓްލްމަންޓް އެއްބަސްވުން ބާތިލުކޮށް، ބާކީ އޮތް 3.6 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ޖުލައި 29 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް، އެމްޑީޕީން އެ ފައިސާ ދައްކާފައިނުވާތީ، ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއް އައިލެންޑް އޭވިއޭޝަނުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.
އައިލެންޑް އޭވިއޭޝަނުން ކޯޓުގައި އެދިފައިވަނީ ފައިސާ ނުދައްކާތީ އެމްޑީޕީގެ ބޭންކް އެކައުންޓްތައް ހިފެހެއްޓުމަށެވެ. މީގެ އިތުރުން، ދައުލަތުގެ ބަޖެޓުން އެ ޕާޓީއަށް ދޫކުރާ ފައިސާގެ ތެރެއިން އެ އަދަދު އުނިކޮށް، ކޯޓު މެދުވެރިކޮށް އެ ފައިސާ ހޯދުމަށްވެސް ވަނީ އެދިފައެވެ.
މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން އެންމެ ފަހުން އިއްޔެ ނިންމާފައިވަނީ، ދެ ފަރާތުން ވެސް ސެޓްލްމަންޓް އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މާފުށީގައި މާރަނގަ މާކެޓުގެ ޖުލައި މަހުގެ އެޑިޝަން ފަށައިފި
24 މިނިޓު ކުރިން
.webp&w=3840&q=75)
ފައިނޭންޝަލް އެކްސްޕޯ: މިރެއާއި މާދަމާރޭ ހަވާ އަރުވާނީ
24 މިނިޓު ކުރިން

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ގަޑިއިރެއް ކުރިން

ފަވަރަ މެދުވެރިކޮށް މިހާތަނަށް 100 ބިލިޔަން ރުފިޔާގެ މުޢާމާލަތް ކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)