
ފިޔޯރީގައި އަންނަ އަހަރަށް މަސްފެކްޓްރީއެއް ހުޅުވަނީ

ރިޟްވާން މޫސާ - 14 މާރިޗު 2026 - 14:58
ގދ. ފިޔޯރީގައި ޤާއިމުކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މަސްވެރިންގެ ދުވަހަށް އެތަން އޮޕަރޭޝަނަށް ގެނައުމަކީ އަމާޒެއް ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ފިޔޯރީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާ ތަރައްޤީ ކުރުމަށްޓަކައި 6.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ، ސޭން ޕްރައިވެޓު ލިމިޓެޑާއެވެ.
މަސްފެކްޓްރިއެއް އެރަށުގައި އެޅުމަށްޓަކައި ބޭނުންވާނެ ބިން ހިއްކުމުގެމަސައްކަތް މިހާރު އެރަށުގައި ވަރަށް ބާރު ސްޕީޑުގައި ކުރިއަށް އެބަ ދެ އެވެ. އެ މަސައްކަތް ވަނީ މިދިޔަ މަހުގެ ތެރޭގައި ފަށާފަ އެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ، ފިޔޯރީގެ މަސް ބަންދުކުރާ ކާރުޚާނާ ތަރައްޤީ ކުރުމަށްޓަކައި ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
އަދި އެ ކާރުޚާނާ ތަރައްޤީ ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއް އެކުލަވާލާފައިވާކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ބިންހިއްކާ ނިމެންވާއިރަށް ކާރުޚާނާ ތަރައްޤީ ކުރުމަށް އޮންނާނީ ތައްޔާރުވެފައި ކަމަށެވެ
މި މަޝްރޫޢުގެ ދަށުން ކުރިން 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް ނިންމާފައި އޮތްނަމަވެސް މިހާރު އެރަށުގައި ޤާއިމްކުރަނީ 3000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ދުވާލަކު 100 ޓަނުގެ ދަޅުގައި މަސް ބަންދު ކުރެވޭ ކާރުޚާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއްވެސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.






.gif&w=3840&q=75)