logo

މެރިޓައިމް ސަރވިސް ހޯދަން އިހަވަންދިއްޕޮޅަށް ފުރަތަމަ ބޯޓު!

profile

ޝުރުފާ މުހައްމަދު - 03 އޮކްޓޯބަރު 2024 - 21:39

މެރިޓައިމް ސަރވިސް ހޯދަން އިހަވަންދިއްޕޮޅަށް ފުރަތަމަ ބޯޓު--- ފޮޓޯ: އެމްޕީއެލް

މެރިޓައިމް ސަރވިސް ހޯދަން އިހަވަންދިއްޕޮޅަށް ފުރަތަމަ ބޯޓު--- ފޮޓޯ: އެމްޕީއެލް

އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ޚިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދު މިއަދު ހެނދުނު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފި އެވެ.

ޔޫ.އެމް.އެސްގެ ދަށުން ތަޢާރަފްކުރި ބައެއް ޚިދުމަތްތައް ހޯދުމަށް މިއަދު ހެނދުނު އިހަވަންދިއްޕޮޅަށް ބަނދަރުކުރީ "ޖިއަން ޖިއޭ" (JIAN JIE) ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެކެވެ.

ޕެނަމާއަށް ނިސްބަތްވާ މި ބޯޓް ދަތުރުކުރަމުންދަނީ ޔޫއޭއީގެ އަބޫ ދާބީން ފުރައިގެން ޗައިނާއަށް ދިއުމަށެވެ. މި ބޯޓުން ކުރޫ ޗޭންޖްވާ ފަޅުވެރިން ވަނީ މިއަދު ހަވީރު އުލިގަމަށް ފައިބައި އުލިގަމުގައި ހަދާފައިވާ "ސީމަންސް ރެސްޓް އޭރިޔާ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ. ބޯޓުގެ ފަޅުވެރިންނަށް އުލިގަމުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ފަޅުވެރިންނަށް މަރުހަބާ ކިޔުމަށް ބޮޑުބެރުގެ ހަރަކާތްތައް ކުރިއަށްގެންދިޔަ އެވެ. އަދި އުލިގަމުގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ފަޅުވެރިންނަށް މަރުހަބާ ކިއުމުގެ ހަރަކާތުގައި ބައިވެރިވި އެވެ. މި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ސީ.އީއޯ މުޙައްމަދު ވަޖީހް އިބްރާހިމް، ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ އަދި އުލިގަން ކައުންސިލްގެ ރައީސް އަޙްމަދު މުއާޒް މުޙައްމަދު ބައިވެރިވެވަޑައިގަތެވެ.

އުލިގަމުގައި މިއަދު ހުޅުވި "ސީމަންސް ރެސްޓް އޭރިޔާ" އަކީ އުލިގަމުގައި އެމް.ޕީ.އެލް އިން ޤާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެތެރެވާ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް، އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލައި ބައެއް ކުޅިވަރުތައް ކުޅެވޭގޮތަށް ހަދާފައިވާ ތަނެކެވެ. އުލިގަމަށް ފޭބި ފަޅުވެރިންގެ ތެރޭގައި ހިމެނޭ "ޖިއަން ޖިއޭ" (JIAN JIE) ބޯޓުގެ ކެޕްޓަން ބުނީ ބޯޓު ދަތުރުކުރުމުގައި އޭނާ ހޭދަކުރި 20 އަހަރުގެ ތެރޭގައި "މިހާ ފުރިހަމަ މެހެމާންދާރީއެއް އަދި ދުވަހަކުވެސް ތަޖުރިބާ ނުކުރެވޭ" ކަމަށެވެ.

އިހަވަންދިއްޕޮޅަށް މިއަދު ބަނދަރުކުރި އުޅަނދުން ވަނީ ޔޫ.އެމް.އެސްގެ ޚިދުމަތުގެ ދަށުން ކްރޫ ޗޭންޖްގެ ޚިދުމަތާއި ފެނާއި ސަޕްލައި ކުނި ނައްތާލުން އަދި ބައެއް ސްޕެއަރ ޕާޓްސް ހޯދުމަށް އެދިފަ އެވެ. އަދި މެއިންޓެނަންސްގެ ބައެއް މަސައްކަތްތައްވެސް ކުރަންޖެހޭތީ ފަސް ވަރަކަށް ދުވަހު އިހަވަންދިއްޕޮޅުގައި މި އުޅަނދު މަޑުކުރާނެ ކަމަށް ލަފާކުރެވެ އެވެ.

ކްރޫ ޗޭންޖް ޚިދުމަތުގައި މި އުޅަނދުގައި މި ވަގުތު ތިބި 9 ކްރޫ ރާއްޖެއިން ފުރުވާލާނެ އެވެ. އަދި ރާއްޖެއަށް ވައި މަގުން އަންނަ 6 ފަޅުވެރިން ހއ.އަތޮޅަށް ގެންގޮސް، އެ ބޯޓަށް އެރުވުމުގެ އިންތިޒާމްތައް ކުރިއަށް ގެންދާނެ އެވެ. މި އުޅަނދަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެމް.ޕީ.އެލްގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތައްވެސް ބައިވެރިވާނެ އެވެ. އުތުރުގައި މެރިޓައިމްގެ ޚިދުމަތްތައް ފެށީ ދިވެހިރާއްޖޭގެ އިޤްތިސާދު ސިންދަފާސްކޮށް، މެރިޓައިމްގެ ދާއިރާއިން އިޤްތިސާދަށް އިތުރު މަންފާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަގައިގެން ފެށި މަސައްކަތުންނެވެ.

https://wamco.com.mv/
tel:+9607331319