logo

ވޯޓަރ ބަންކަރިންގެ ހިދުމަތް ހޯދަން ޕެނަމާގެ ބޯޓެއް އިހަވަންދިއްޕޮޅަށް އަންނަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 01 އޮކްޓޯބަރު 2024 - 11:42

ވޯޓަރ ބަންކަރިންގެ ހިދުމަތް ހޯދުމަށް ޕެނަމާގެ އޮއިލް ޕްރޮޑަކްސް ޓޭންކަރެއް އިހަވަންދިއްޕޮޅުގައި ބަނދަރުކުރަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު މިއަދު ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ، އިހަވަންދިއްޕޮޅުގައި ސަރުކާރުން ހުޅުވާފައިވާ އުތުރު މެރިޓައިމް ސާވިސަސް ފެސިލިޓީން ލިބޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ބޭރުގެ ފަރާތްތަކުން ހޯދަމުންދާ ކަމަށެވެ.

އެގޮތުން، އެ ފެސިލިޓީން ހިދުމަތް ހޯދުމަށްޓަކައި ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ އޮއިލް ޕްރޮޑަކްޓްސް ޓޭންކަރެއް، އަންނަ ބުރާސްފަތި ދުވަހު އިހަވަންދިއްޕޮޅަށް ބަނދަރު ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ.

މި ބޯޓުން ހޯދުމަށް އެދިފައިވާ ޚިދުމަތް ތަކުގެ ތެރޭގައި ހިމެނެނީ:

  • ޕައިލެޓޭޖް ޚިދުމަތް
  • ފްރެޝް ވޯޓަރ ބަންކަރިންގ
  • ކުރޫ ޗޭންޖް (ރާއްޖެއިން ބޭރުން އަންނަ 6 ކުރޫއެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހއ. އަތޮޅަށް ގެންގޮސް ބޯޓަށް އަރުވައިދީ، ބޯޓުގައި ތިބި 9 ކުރޫއެއް ބޯޓުން ބާލައިގެން ގެންގޮސް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ފުރުވާލުން / މިވަގުތައް ޖުމުލަ 15 ކުރޫ ޗޭންޖް، މިއަދަދު އަދި އިތުރު ވެދާނެ ކަމަށް ބެލެވޭ)
  • ކާބޯތަކެތި ސަޕުލައި ކޮށްދިނުން
  • ސްޕެއަރ ޕާޓްސް ސަޕުލައި ކޮށް ދިނުން

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ މި ބޯޓަށް ހިދުމަތް ދިނުމުގައި އެމްޕީއެލްގެ އިތުރުން، އަމިއްލަ ކުންފުނިތައް ވެސް ބައިވެރި ވާނެ ކަމަށެވެ.

މީގެއިތުރުން، އެ ބޯޓުގެ ބައެއް ކަހަލަ މެއިންޓެނެންސް މަސައްކަތްތައް ކުރަން ޖެހޭތީ، އެ ބޯޓު އިހަވަންދިއްޕޮޅުގައި 5 ވަރަކަށް ދުވަހު މަޑުކުރަން ޖެހިދާނެކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ އެގޮތަށް ދިމާވެއްޖެ ނަމަ، އެސަރަހައްދުގެ ރައްޔިތުންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.

ރާއްޖޭގެ މެރިޓައިމް ދާއިރާ ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ރާއްޖޭގެ އުތުރުން ދަތުރު ކުރަމުން ގެންދާ، ރާއްޖެއިން ބޭރުގެ ބޯޓު ފަހަރަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށް ދިނުމަށް “އުތުރު މެރިޓައިމް ސާވިސަސް” ގެ ނަމުގައި ބަންކަރިން އާއެކު އެހެނިހެން ވެސް ހިދުމަތްތައް ލިބޭގޮތަށް އިހަވަންދިއްޕޮޅުގައި ޚާއްސަ ފެސިލޓީއެއް ހުޅުވީ މިދިޔަ ސެޕުޓެމްބަރ މަހު 18 ވަނަ ދުވަހު އެވެ.

https://wamco.com.mv/
tel:+9607331319