ބަންކަރިންގ ޚިދުމަތާއެކު އުފެދޭ ކުނީގެ އިތުރުން ބޭނުން ކޮށްފައިވާ ތެޔޮ، "ޔޫޒްޑް އޮއިލް" މެނޭޖް ކުރުމުގެ ޚިދުމަތް ވެސް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވެއްޖެއެވެ.
އިހަވަންދިއްޕޮޅުގައި ފެށި އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް) އަށް ވެމްކޯގެ ފަރާތުން ބައެއް ޚިދުމަތްތައް ހޯދުމަށް މިއަދު ވެމްކޯއާއި މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)އާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ. އެމްއޯޔޫގައި ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ. އެމްޕީއެލްގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުޖުތަބާ ވިދާޅުވީ ވެމްކޯގެ ދައުރަކީ ބަންކަރިންގ ޚިދުމަތް ދޭއިރު، ބޯޓުފަހަރުގައި އުފެދޭ ކުނިތަކާ ހަވާލުވުން ކަމަށެވެ. މި ޚިދުމަތް ދޭއިރު ވެމްކޯއިން ބޯޓުތަކުން ކުނި ނެގުމުގެ އިތުރުން "ޔޫޒްޑް އޮއިލް" ވެސް މޭނޭޖް ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށާ އެކަމަށް ޚާއްސަކޮށް ޤާއިމް ކުރެވޭ ސެންޓަރުން ކުނިތައް ކުނބުރުދޫގައި ޤާއިމުކުރެވޭ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ގެންދެވޭނެ ކަމަށެވެ.
ހޯރަފުށި ކަމުގައިވިއަސް އުލިގަމު ކަމުގައިވިއަސް ކުޑަ ސެންޓަރެއް ޤާއިމްކުރެވޭ މި ދެންނެވި ރީޖަނަލް ފެސިލިޓީއަށް ޓްރާންސްފަރ ކުރުމުގެ މަސައްކަތް ކުރަމުންދާނީ. މިއީ ހަމަ ވަށާޖެހޭ ގޮތަށް އޮތްކަމެއް. - ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް
އިތުރަށް ވާހަކަދައްކަވަމުން މުޖުތަބާ ވިދާޅުވީ އެއީ މިހާރުވެސް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާ ކަމެއް ކަމަށެވެ. އޭގެ އިތުރުން ކުނބުރުދޫގައި އަރާފޭބުމުގެ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް ވެސް ވިދާޅުވިއެވެ. މި ޚިދުމަތް ފަށާއިރު މި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރާނީ ކުޅުދުއްފުށީގައި ޤާއިމްވެ ތިބި މުވައްޒަފުން ކަމަށް ވެމްކޯއިން ބުންޏެވެ. އަދި އެކުންފުނީގެ ލޭންޑިންގް ކްރާފްޓް ބޭނުންކޮށްގެން ކުނި އުފުލުމުގެ މަސައްކަތް ކުރާއިރު، މި ޚިދުމަތް ފުޅާވާ ވަރަކަށް އިތުރު ވަޒީފާގެ ފުރުސަތުތައްވެސް އުފެދިގެންދާނެ ކަން ވެމްކޯއިން ފާހަގަކުރެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ މިހާރު ޚިދުމަތްތައް ފެށިގެން ކުރިއަށްދާ އިންޓަރނޭޝަނަލް ބަންކަރިންގގެ ޚިދުމަތް ދެވެނީ. މިކަމުގައި ދިވެހި ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކެއް ބައިވެރިވެގެން ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކުންފުންޏަކީ އެސްޓީއޯގެ އިތުރުން އެމްޕީއެލް ކަމަށާ ކުރިއަށް އޮތްތަނުގައި ވެމްކޯގެ އިތުރުން ފެނަކަވެސް ބައިވެރިވާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
ރާއްޖޭގެ މެރިޓައިމް ދާއިރާ ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ރާއްޖޭގެ އުތުރުން ދަތުރު ކުރަމުން ގެންދާ، ރާއްޖެއިން ބޭރުގެ ބޯޓު ފަހަރަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށް ދިނުމަށް “އުތުރު މެރިޓައިމް ސާވިސަސް” ގެ ނަމުގައި ބަންކަރިން އާއެކު އެހެނިހެން ވެސް ހިދުމަތްތައް ލިބޭގޮތަށް އިހަވަންދިއްޕޮޅުގައި ޚާއްސަ ފެސިލޓީއެއް ހުޅުވީ މިދިޔަ ސެޕުޓެމްބަރު މަހު 18 ވަނަ ދުވަހުއެވެ.