ސައިލެންސަރާއި ބަރުގޮނު މޮޑިފައިކޮށްގެން ދުއްވަނިކޮށް ފުލުހުންގެ ބެލުމުގެ
ދަށަށް ގެންގޮސްފިނަމަ، އެ އުޅަނދު އަނބުރާ ލިބޭނީ މަސް ދުވަސް ފަހުން ކަމަށް ކަނޑައަޅައި
"ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާ ބެހޭ ގަވާއިދު" އިސްލާހުކޮށްފި
އެވެ.
މާލެ ސަރަހައްދުގައި މިފަހަށް އައިސް އެކްސިޑެންޓުތައް ހިންގާ އަދަދު އިތުރުވެފައިވާއިރު ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ތަންފީޒީ އިދާރާތަކަށް އަންގަވާފަ އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށ ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމަށް ރައީސް ވަނީ އަންގަވާފަ އެވެ.
ރައީސްގެ އެ އެންގެވުމާ އެއްގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިއަދު އެ ގަވާއިދަށް ބަދަލު ގެނެސްދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރުކޮށްފަ އެވެ.
އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަކަށް ބަލާލާއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އުޅަނދަކާ ހަވާލުވުމުގެ ކުރިން ޖޫރިމަނާ ދެއްކި ކަމުގެ ލިޔުމުގެ އިތުރުން އިސްލާހުގައި ވާގޮތުން ޖޫރިމަނާގެ ފައިސާ ދެއްކުމާ ގުޅެ އެއްބަސްވުމެއް އޮތް ނަމަ، އެކަން އެނގޭނެ ލިޔުމަކާއި އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުންދާ ކަމުގެ ލިޔުމާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް އެ އުޅަނދެއް ގެނެވުނު ސަބަބާ ގުޅިގެން ދައްކަން ޖެހޭ ޖޫރިމަނާ ވެސް ދެއްކިކަމުގެ ލިޔުން ހުށަހަޅަން ޖެހޭ ކަމަށް ބަޔާންކޮށްފައި ވެއެވެ.
އެކަމަކު ކުރިން އެ ގަވާއިދު އޮތް ގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އުޅަނދަކާ ހަވާލުވުމުގެ ކުރިން ވެރިފަރާތުން ހުށަހަޅަން ޖެހެނީ އެއްވެސް ޖޫރިމަނާއެއް އޮތް ނަމަ، އެ ފައިސާ ދެއްކި ކަމުގެ ލިޔުން ނުވަތަ ފައިސާ ދައްކަމުންދާ ކަމުގެ އެއްބަސްވުމެއް އެކަންޏެވެ.
އެ ގަވާއިދުގައި އެންމެ ބޮޑު އިސްލާހެއް ގެނެސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް އުޅަނދުތައް ގެނެވޭ ހާލަތްތަކަށާއި އެ ހާލަތްތަކާއި ގުޅިގެން އުޅަނދުތައް ދޫކުރެވޭ މުއްދަތުތަކަށެވެ. އެގޮތުން ސައިލެންސަރާއި ބަރުގޮނު "މޮޑިފައި" ކޮށްގެން ދުއްވާނަމަ، އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭނެ ކަމާއި، އެފަދަ އުޅަނދުތައް ވެރިފަރާތައް ދޫކުރެވޭނެ މުއްދަތު އެ ގަވާއިދުގައި ވަކިން ބަޔާންކޮށްފައިވެ އެވެ.
ކުރިން އެ ގަވާއިދުގައި ހަމަ އެކަނި އޮންނަނީ އުޅަނދުގެ އަސްލު ގެއްލޭ ގޮތަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދެއް ނަމަ، އެ އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށެވެ. އެކަމަކު މިހާރު އެ ގަވާއިދުގައި ސައިލެންސަރާއި ބަރުގޮނު "މޮޑިފައި" ކޮށްފައިވާ އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އެގޮތުން ގަވާއިދުގައި ބުނެފައިވަނީ ސައިލެންސަރުގެ އަޑުގަދަކޮށްގެން އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅަނދަށް ބަދަލު ގެނެސްގެން ހިފަހައްޓައިފިނަމަ، އެ އުޅަނދުގެ ވެރިފަރާތައް އެ އުޅަނދެއް ދޫކުރާނީ "މޮޑިފިކޭޝަން" ރަނގަޅުކޮށް، މޮޑިފައިކުރި ސައިލެންސަރު ނުވަތަ ބަރުގޮނު ފުލުހުންގެ ބެލުމުގެ ދަށުން ނައްތާލައި، ހިފެހެއްޓި ތާރީހުން ފެށިގެން 30 ދުވަހުގެ މުއްދަތު ހަމަވުމުން ކަމަށެވެ.
މީގެއިތުރުން، ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތައް، 48 ގަޑިއިރު ތެރޭގައި އަނބުރާ ވެރިފަރާތަށް ހަވާލުކުރެވޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައި ވެއެވެ. ކުރިން އެ ގަވާއިދު ބުނާގޮތުން އެފަދަ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށުން ދޫކުރާނީ 15 ދުވަސް ފަހުން ނެވެ.
ގަވާއިދާ ހިލާފަށް ރެޖިސްޓްރީ ނަންބަރެއް ހަރުކޮށްގެން ދުއްވާފައިވާ އުޅަނދެއް ހިފަހައްޓައިފިނަމަ، އެ އުޅަނދެއް ވެރިފަރާތައް ދެން ދޫކުރާނީ 30 ދުވަހުގެ ތެރޭގަ އެވެ. ކުރިން ގަވާއިދު އޮތް ގޮތުން ނަމަ 15 ދުވަހުން އެގޮތަށް ހިފަހައްޓާ އުޅަނދުތައް ދޫކުރެވެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދާ އަނބުރާ ހަވާލުވުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުވެފައިނުވާ އުޅަނދުތަކާ ގުޅޭ މައުލޫމާތު ފަސޭހައިން ފެންނަ ގޮތަށް ގެޒެޓުގައާއި ފުލުހުންގެ ވެބްސައިޓުގައި އާއްމުކުރަން ޖެހޭއިރު އެ މައުލޫމާތު ހާމަކުރާ ތާރީހުން ފެށިގެން 60 ދުވަހުގެ މުހުލަތެއް އުޅަނދާ ހަވާލުވުމަށް އުޅަނދުވެ ވެރިފަރާތައް ދޭންޖެހޭ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި އެ މުއްދަތުގައި އުޅަނދާ ހަވާލުނުވާނަމަ އެ އުޅަނދުގެ ރެޖިސްޓްރޭޝަން ބާތިލުކުރުމަށް ފުލުހުން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ކަމަށާއި ބާތިލުކުރަން ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި ރެޖިސްޓްރޭޝަން ބާތިލުކުރުމަށްފަހު މިނިސްޓްރީން ފުލުހުންނަށް އަންގަން ޖެހޭކަމަށް ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.