ހަރުދަނާ މޮނިޓަރިންގް ނިޒާމަކާއި އައު ގަވާއިދުތަކާއެކީގައި ޑޮމެއިންގެ ޙިދުމަތައް މިމަހުގެ 17 ގައި ފަށާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ކަންކަން ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރު ވިދާޅުވީ 1984 އިން ފެށިގެން 2023 އާއި ހަމައަސް ރިކޯޑުކޮށްފައިވަނީ އަތުން ލިޔެގެން ފޮތަތަކެއްގައި ކަމަށެވެ.
ނިމިދިޔަ ސަރުކާރުތަކުން ޑޮމެއިން ބޭނުންކުރުމުގެ ހުއްދައިގެ ގޮތުގައި ދޫކޮށްފައިވާ ލިޔުމަކީ އެއްވެސް ސެކިއުރިޓީ ފީޗާއެއް އެއް ނުހިމެނޭ ކަމަށާއި، މި ޒަމާނަށް ނުފެތޭ، ސައްހަކަން ކަށަވަރުކުރަން އުނދަގޫ ލިޔުންތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ޑޮމެއިން ހިދުމަތްތައް ދިނުމަށް ހަރުދަނާ ގަވާއިދެއް އަދި އިދާރީ އުސޫލެއް ކަނޑައަޅާފައި ނުވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު ޑޮމެއިންގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ޑިޖިޓަލް ސިސްޓަމްގެ ސެކިއުރިޓީގެ ޔަގީންކަން ގެއްލިފައިވާކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"މި ހުޅުވާލަނީ 60 ދުވަހުގެ ތެރޭގައި އެ ހުރިހާ ލިޔެކިޔުންތައް ވެރިފައިކުރުމަށް. އާ ސެކިއުރިޓި ފީޗަރއާއެކު ޑޮމައިން ރެޖިސްޓްރީ އަދި ބޭނުންކުރުމުގެ ހުއްދަ ދޫކުރެވޭނެ." ޒަވީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި މަސައްކަތަކީ ޑޮމެއިންގެ ސައްހަކަް ކަށަވަރުކުރުމަށް ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ.
ވަޒީރު ވަނީ ޑޮމެއިންގެ މައްސަލަ ހައްލު ކުރުމަށް އެ ވުޒާރާއިން ނިންމާފައިވާ ގޮތުގެ ތަފްސީލް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ.
ޑޮމެއިންގެ މައްސަލަތައް ހައްލުކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނިންމާފައިވާ ގޮތް:
- ގަވާއިދުތައް އިސްލާހުކޮށް ގެޒެޓްކުރުން.
- އަލަށް ސެކިއުރިޓީ ފީޗާސްއާއެކު ފަރުމާކުރެވިފައިވާ ޑޮމެއިންގެ ރަޖިސްޓްރީ އަދި ބޭނުންކުރުމުގެ ހުއްދައަށް ބަދަލުކޮށް ތަޢާރަފްކުރުން.
- ޑޮމެއިން ޚިދުމަތް ދިނުމަށްޓަކައި ހަރުދަނާ އިދާރީ އުސޫލެއް އެކުލަވާއިލުން.
- އައު ސިސްޓަމެއް ތަޢާރަފްކޮށް ޑޮމެއިންގެ ޑާޓާބޭސް އެއް ވިއުގައަކުން ގުޅާލުން.
ވަޒީރު ވިދާޅުވީ މިދިޔަ ދައުރުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ޑޮމެއިންގެ ޙިދުމަތްތައް ނުދިނުމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ޑޮމެއިންގެ ޚިދުމަތްތައް ނުދީ އެއްކޮށް ހުއްޓާލުމަކީ ހައްލެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރޢްޖޭގައި މިހާރު 1200 އެއްހާ ޑޮމެއިން އުޅޭ ކަމަށް ލަފާކުރެވޭކަމަށެވެ. ނަމަވެސް ޑޮމެއިންގެ ޙިދުމަތާއި ގުޅޭ ރިކޯޑްސްތައް ރަނގަޅަށް ބެލެހެއްޓިފައިނުވާތީ ލިޔެކިޔުންތަކުގެ ސައްޙަކަން ކަށަވަރުކުރަން ދަތިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ޚިދުމަތަކީ ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު އަދި ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ޚިދުމަތެއް ކަމަށެވެ.