logo

ހިރިމަރަދޫގެ ހުރިހާ ރައްޔިތުންނަށް މަރުހަބާ ކިޔާނަން: ތުލުސްދޫ ކައުންސިލުގެ ރައީސް

profile

އާމިނަތު ޝަފާ - 13 ސެޕްޓެމްބަރު 2024 - 17:53

ކ ތުލުސްދޫ

ކ ތުލުސްދޫ

ހދ. ހިރިމަރަދޫގެ ހުރިހާ ރައްޔިތުން ކ. ތުލުސްދޫއަށް ބަދަލުވާން އެދޭނަމަ އެކަމަށް ހޫނު މަރުހަބާއެއް ކިޔާނެ ކަމަށާއި އެރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ކައުންސިލުން ތައްޔާރަށް އޮތްކަަމަށް ތުލުސްދޫ ކައުންސިލުން ބުނެފިއެވެ.

ތުލުސްދޫ ކައުންސިލުގެ ރައީސް އަސްލަމް މޫސާ "އަސްލު ޓީވީ" އަށް ވިދާޅުވީ ހިރިމަރަދޫގެ ހުރިހާ ރައްޔިތުން ތުލުސްދޫއަށް ބަދަލުވުމަކީ ވަރަށް ބޮޑަށް އެދޭކަމެއް ކަމަށެވެ.

"ތަރައްގީ ގެނައުމަށް ކޮންމެ ރަށަކުންވެސް އެދޭނެ. އާބާދީ އިތުރުވުމަކީވެސް ތަރައްގީއެއް. ޓޫރިޒަމަށް މިހާރުވެސް ފައްކާކުރަމުންދާ މިރަށުގައި އަލަށް ކުރިއަށްދާ ފަތުރުވެރިކަމުގެ މަޝްރޫއުތަކުގެ ސަބަބުން 1000 އެއްހާ ވަޒީފާ އަލަށް އުފެދޭނެ. ރަށަކު ނެތް މި ވަޒީފާތައް އަދާކުރާވަރަށް މީހުންނެއް". އަސްލަމް މޫސާ

ތުލުސްދޫއިން ތައުލީމާއި ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށާއި މި ނިންމުމުގައި ކުލަ ޖެހިގެން ހިނގައްޖެނަމަ މިއީ ތުލުސްދޫގެ ރައްޔިތުންނަށްވެސް ލިބޭނެ ބޮޑު ކުރިއެރުމެއްކަމަށް އަސްލަމް ވިދާޅުވިއެވެ.

އާބާދީގައި 600 މީހުން ހަމަނުވާ ހދ. ހިރިމަރަދޫ ރައްޔިތުން މާލެ އަތޮޅުގެ ވެރިރަށް، ތުލުސްދޫއަށް ބަދަލުވާން ބޭނުންވާކަން ހާމަކޮށްފައިވަނި މިދިޔަ ހަފްތާގެ ތެރޭގައެވެ.

މި ކަން ހާމަކުރެއްވީ ހިރިމަރަދޫ ކައުންސިލާއެކު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ބޭއްވެވި ބައްދަލުވުމުގައި، ހިރިމަރަދޫ ކައުންސިލުގެ މެންބަރުންނެވެ.

މި އަހަރުގެ ފެބުރުވަރީމަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހިރިމަރަދުއަށް ވަޑައިގެން އެ ރަށު ކައުންސިލާ ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ރަށުގެ ތަރައްޤީއަށް ޓަކައި ކުރަން ބޭނުންވާ ކަންކަން އެ ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

ވަރަށް ކުޑަ އާބާދީއެެއް ދިރިއުޅޭ ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ރަށުން ނުލިބޭތީ، އެ ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އަންނަނީ މާލެއަށާއި، ކުޅުދުއްފުށީ ސިޓީއަށް ހިޖުރަކުރަމުންނެވެ.

ހިރިމަރަދޫ ކައުންސިލާއެކު ވަޒީރު ބޭއްވެވި ބައްދަލުވުމުގައި، ހިރިމަރަދޫ ރައްޔިތުން އެދުނު ފަދައިން އެރަށު މީހުން ތުލުސްދޫއަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގައި ވަޒީރަށް ކޮށްދެވެން އޮތް ހުރިހައި މަސައްކަތެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

tel:+9607331319