logo

ބިދޭސީންގެ ވަރކް ސައިޓްތައް ރެޖިސްޓްރީ ކުރުމުގައި ލުއިތަކެއް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 08 ސެޕްޓެމްބަރު 2024 - 22:15

މާލޭގައި ބިދޭސީންތަކެއް މަސައްކަތް ކުރަނީ

މާލޭގައި ބިދޭސީންތަކެއް މަސައްކަތް ކުރަނީ

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން މަސައްކަތް ކުރާ ވަރކް ސައިޓް ރެޖިސްޓްރީކުރުމުގައި ލުއި ފަސޭހަތަކެއް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ދީފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބިދޭސީން ގެނައުމަށް އެދި ވަޒީފާ ދޭ ފަތާތްތަކުން ހުށަހަޅަން ޖެހޭ ފޯމުތައް މުރާޖާކޮށް، ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަމާ އެކު ދެނެގަނެވޭ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، އެއީ ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމާ ގުޅިގެން މިނިސްޓްރީން ދޭ އެކި އެކި ހިދުމަތްތަކާ ގުޅިގެން ހުށަހަޅާ ފޯމުތައް ، ވަޒީފާ ދޭ ފަރާތްތަކަށް ލުއި ފަސޭހަވާނެ ގޮތަކަށް ވަކިކޮށް، އެ ފަރާތްތަކުން ހުށަހަޅާ ފޯމުތަކާއި އެ ފޯމުތަކުގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުން ގެނެވުނު ބަދަލުތަކެއް ކަމަށެވެ.

އެގޮތުން، ބިދޭސީން މަސައްކަތްކުރާ ވަރކް ސައިޓް ރެޖިސްޓްރީކުރުމަށް ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި މަސައްކަތުގެ ބާވަތައް ބަލައި، ކޮންމެހެން ހުށަހަޅަން ޖެހޭ ލިޔެކިއުންތައް ވަނީ ފާހަގަކޮށްފަ އެވެ. އެ ލިޔެކިޔުންތަކަކީ:

  • ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަރކް ސައިޓް ރެޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމެންޓް ފޯމް (ކޮންސްޓްރަކްޝަން)
  • ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަރކް ސައިޓް ރެޖިސްޓްރީކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމެންޓް ފޯމް
  • ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ބިމެއް/ އިމާރާތެއް އެކްސްޕެޓް ސިސްޓަމްގައި ވަރކް ސައިޓްގެ ގޮތުގައި ރެޖިސްޓްރީކުރުމަށް އެދި ހުށަހަޅާ އިގުރާރު
  • ކުއްޔަށް ނަގާފައިވާ ބިމެއް/ އިމާރާތެއް/ އުޅަނދެއް އެކްސްޕެޓް ސިސްޓަމްގައި ވަރކް ސައިޓްގެ ގޮތުގައި ރެޖިސްޓްރީކުރުމަށް އެދި ހުށަހަޅާ އިގުރާރު
  • އިންސްޓޯލްމެންޓަށް ނަގާފައިވާ އުޅަނދެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިތްގެ ގޮތުގައި ރެޖިސްޓްރީކުރުމަށް އެދި ހުށަހަޅާ އިގުރާރު

މިނިސްޓްރީން ބުނީ، އެ ފޯމުތައް ހުށަހަޅަންޖެހޭ ހާލަތްތަކާއި ފޯމު ފުރާނެ ގޮތާއި ފޯމު ފުރާއިރު ފާހަގަކުރެވޭ އާއްމު މައްސަލަތަކާއި ގުޅޭ މައުލޫމާތު ކޮންމެ ފޯމެއްގެ ފަހަތުގައިވާ "ހެލްޕު ޕޭޖް" އިން ލިބިގެންދާނެ ކަމަށެވެ. އަދި ފޯމު ހުށަހަޅާ ގޮތަށް އޮތަސް، އެ މިނިސްޓްރީން ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކުގެ އަސްލު ބަލަން ބޭނުންގެން އެދިއްޖެ ހިނދެއްގައި އެ މިނިސްޓްރީއަށް އެ އެއްބަސްވުމުގެ އަސްލު ހުށަހަޅަން ޖެހޭނެ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން، ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަރކް ސައިޓް ރެޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ވަރކް ސައިޓް ޑިކްލަރޭޝަން ފޯމަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އެ ފޯމުތައް ހުށަހަޅަން ޖެހޭނީ، މިނިސްޓްރީން ބުނިގޮތުގައި ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށް، ނުވަތަ ސިވިލް ކޯޓު ނުވަތަ މެޖިސްޓްރޭޓް ކޯޓުގައި ރެޖިސްޓްރީކުރުމަށްފަހު އެވެ. ނޯޓަރައިޒްކޮށްފި ނަމަ އެކަމުގެ ސެޓްފިކެޓް ހުށަހަޅަން ޖެހޭނެ އެވެ.

މިކަންކަން ފާހަގަކޮށް މިނިސްޓްރީން އެދިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބިދޭސީން މަސައްކަތްކުރާ ވަރކް ސައިޓް ރެޖިސްޓްރީކުރަން ހުށަހަޅާއިރު ބަދަލު ގެނެސްފައިވާ ފޯމުތައް ފުރިހަމަ ކުރުމަށެވެ. އަދި އެ ފޯމުތައް ފުރިހަމަނުކުރާނަމަ، އެޕްލިކޭޝަން 'އިން ކޮމްޕްލީޓް' ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

tel:+9607331319