logo

ބިދޭސީންނާ މެދު އިހުމާލުވުމުން ބޮޑު ޖޫރިމަނާއެއް އަންނަ ބިލު ތަސްދީގުކޮށްފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 01 ސެޕްޓެމްބަރު 2024 - 23:51

ރައސް ޑރ. މުހައްމަދު މުއިއްޒު ބިލް ތަސްދީގުކުރައްވަނީ

ރައސް ޑރ. މުހައްމަދު މުއިއްޒު ބިލް ތަސްދީގުކުރައްވަނީ

ރާއްޖޭގައި މަސައްކަތް ކުރަން ގެންނަ ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ފާސްކުރި ވަޒީފާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ހުސްވި އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އެވެ.

ވަޒީފާގެ ގާނޫނަށް ގެނެސްފައިވާ އެންމެ މުހިއްމު އެއް އިސްލާހަކީ ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ހެދުމެވެ. އެގޮތުން މިހާރު އެ ގާނޫނުގެ ދަށުން އިހުމާލުވާ ކޮންމެ ބިދޭސީއަކަށް، 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް އިސްލާހުގައި ވެ އެވެ. އަދި އެ މީހުންނާ މެދު އިހުމާލުވާ މީހުންގެ ލިސްޓެއް އާއްމުކޮށް، އެ ފަރާތްތަކަށް ދޭ ހިދުމަތްތައް ވަކި މުއްދަތަކަށް ހުއްޓާލެވޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައި ވެއެވެ.

ބިދޭސީންނާ މެދު އިހުމާލުވީ ކަމަށް ގާނޫނުގެ ދަށުން ބެލެވޭނީ މުސާރަ ނުދިނުމާއި، ވަޒީފާގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އަސާސީ ކަންކަމުގައި ގާނޫނާ ހިލާފުވުމާއި އެ މީހުން ރާއްޖެ ގެނައުމަށްފަހު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުމާއި ބިދޭސީ މަސައްކަތްތެރިޔާ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދައިކުރުވައިފި ނަމަ އެވެ. މިއިން ކުށެއްކޮށްފިނަމަ، 100،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްއެ ބިލުގައި ވަނީ ކަނޑައަޅާފަ އެވެ.

މީގެއިތުރުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް އެއް ގައުމަކުން އެންމެ ގިނައިން ގެނެވޭނީ 100،000 މީހުން ކަމަށް ކުރިން ގާނޫނުގައި އޮތް ގޮތަށް ބަދަލު ގެނެސް، ބިދޭސީން ރާއްޖެ ގެނެވޭނެ އަދަދާ ދާއިރާތައް ގަވާއިދަކުން ކަނޑައެޅުމުގެ ބާރު ލިބޭ ގޮތަށް ވެސް އެ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ. އެގޮތުން ލޭބާ މިނިސްޓްރީން އެ އަދަދުތައް ކަނޑައެޅުމަށް ފަހު، އަހަރަކު ދެ ފަހަރު އާއްމުކުރަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

tel:+9607331319