logo

ފެނަކައިން ކޮށްފައިހުރީ ވައްކަން، ފިޔަވަޅު އަޅާނަން: މެމްބަރު އަފޫ

profile

އާމިނަތު ޝަފާ - 04 ޖުލައި 2024 - 09:00

މެމްބަރު އަފޫ ރައީސް މުއިއްޒާއެކު

މެމްބަރު އަފޫ ރައީސް މުއިއްޒާއެކު

މިދިޔަ ފަސް އަހަރުގެ ދައުރުގައި ފެނަކައިން ކޮށްފައިހުރީ ވައްކަން ކަމަށާއި އެކަންކަން ބަލައި ފިޔަވަޅު އަޅާނެކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު އަފޫ ހާމިދު ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވީ އަސްލު ޓީވީގެ ދިވެހިންގެ ރާއްޖެ މެމްބަރު ޕްރޮގްރާމްގައި "ފެނަކައިގެ ހިޔާނާތް އަދި ދައުލަތުގެ ދަރަންޏާ ބެހޭ ބިލު" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުންނެވެ. މެމްބަރު ވިދާޅުވީ ރައްޔިތުންގެ މާލިއްޔާގައި ހުންނަ ފައިސާއަކީ ސަރުކާރުތަކުން ބޭނުންހާގޮތަކަށް ހޭދަކުރަން ހުރި ފައިސާއެއްނޫންކަމަށާއި ޕީއެންސީގެ މި ސަރުކާރުން ރައްޔިތުންގެ ލޯ ލާރިއަކަށްވެސް ހިޔާނާތްތެރިނުވާނެކަމަށް. އަދި ދައުލަތް ހިންގަނީ ފައިސާ ޗާޕްނުކޮށްކަމަށާއި އިންޓަރެސްޓް ބޮޑުކޮށް އެންމެ ލޯނެއްވެސް ސަރުކާރުން މިހާތަނަށް ނަގާފައިނުވާކަމަށް މެމްބަރު ވިދާޅުވިއެވެ. ފެނަކައިގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ފެނަކައަކީ ވަކި ބައެއްގެ ތަރިކަ މުދަލެއްނޫންކަމަށެވެ. އަދި ކުރީ ސަރުކާރު ނިމިގެން ދިޔައިރު ކުންފުނީގެ ހާލަތު އޮތީ ކިހިނެތްތޯ ބަލާލަންޖެހޭކަމަށް މެމްބަރު ވިދާޅުވިއެވެ.

ޕީއެންސީގެ ހުރިހާ މެމްބަރުންގެވެސް ކަންބޮޑުވުމަކީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކުން ރައްޔިތުން މަހުރޫމްވާތަން ފެނުން. މިހާރު އިންޖީނެއްގެ އަޑީތެޔޮ ބަދަލުކުރަންވެސް ޖެހެނީ ކަރަންޓް ކަނޑާލަން. މިދިޔަ ވެރިކަމުގައި 2023 ގައި 200 މިިލިއަން ރުފިޔާގެ 2 ލޯނު އެބައޮތް ނަގާފައި. މިހާރު ފެނަކައިން އެދަނީ އެ ލޯނު ދައްކަމުން. އެކަމަކު ކުރެވުނީ ކޮންކަމެއްތޯ؟ ކުންފުނިތަކަކީ އަބަދު ގެއްލުމުގައި ހިންގޭނެ ކުންފުނިތަކެއް ނޫން. ކީއްވެގެންތޯ އެންމެ ސާވިސް ސެންޓަރެއް ފެނަކައިގެ ނެތީ؟ ކީއްވެގެންތޯ ފެނަކައިގައި އެންމެ ލޭންޑިންކްރާފްޓެއް ނެތީ؟

ފެނަކައަކީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތެއް ދޭންޖެހޭ ކުންފުންޏެއްކަމަށްވާއިރު މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް ޒިންމާކުރުވާ ފިޔަވަޅު އަޅަންޖެހޭނެކަމަށް އަފޫ ވިދާޅުވިއެވެ.

ފެނަކައިންދަނީ 502 ޖަނަރޭޓަރު ބަލަހައްޓަމުން. އޭގެ ޔެރެއިން އަޅުގަނޑުމެންނާ ހަމައަށް އައިއިރު 300 އެތައް ޖެންސެޓު ހުރީ ބޭނުންނުކުރެވޭވަރުވެފައި. މިހާރު މަދުވާނެ 2 ޖެންސެޓުން ރަން ކުރާ ރަށެއް. ކިހިނެތްތޯ ހަދާނީ އެތަނުން އެއް ޖެންސެޓަށް މައްސަލައެއް ދިމާވެއްޖެނަމަ. 4 ދުވަސް ނަގާނެ ކަރަންޓް ފޯރުކޮށްދޭން. މިހާރު މި ސަރުކާރުގައި އެމްޑީ މުއާޒު މުހައްމަދު ރަޝީދުގެ ޒައާމަތުގެ ދަށުގައި އެބަ ފެނޭ ބަދަލުތައް އަންނަތަން. އެކަމަކު ދުވަސް ނަގާނެ ފެނަކަ ކޮޅަށް ޖަހަން.

މިދިޔަ ސަރުކާރުގައި މުޅިންހެން ފެނަކަ ބޭނުންކޮށްފައިވަނީ ސިޔާސީ ބޭނުމަށްކަން ހާމަކޮށް މެމްބަރު ވިދާޅުވީ ފެނަކައިން ކުރީ ސަރުކާރުގައި ކުރީ ވައްކަންކަމަށެވެ.

މިސާލަކަށް ބަލާނަމަ ކުރީ ސަރުކާރުގައި ބައެއް ރަށްރަށުގައި އެބަހުރި އެރަށުގެ ނަމުގައި ނެގެން ނެތީމަ އެހެން ރަށެއްގެ ނަމުގައި މުވައްޒަފުން ނަގާފައި. 4 ލައްކަ ރުފިޔާ އެބަ ހޭދަވޭ މުސާރައަށް. ކުރީގައި ހުރި ފެނަކަ އެމްޑީ ތިނަދޫ ގައްދޫ ވާދޫގައި 34 މިލިއަން ރުފިޔާ ހަމައެކަނި ކޮއްތު ފައިސާއަށް ހަރަދުކޮސްފައި އެބަހުރި.

އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އަޅާންޖެހޭ މީހުންނާމެދު ފިޔަވަޅުވެސް އަޅާނެކަމަށް އަފޫ ވިދާޅުވިއެވެ. ކުރީ ސަރުކާރުގެ ވާހަކަ ދައްކަން ބޭނުންނުވާކަމަށާއި އެހެންނަމަވެސް މިއަދު ފެނަކަ މިހާލަތައް ވެއްޓެންޖެހުނީ ކުރީ ސަރުކާރުން ކަންކޮށްފައި އޮތްގޮތުންކަމަށް މެމްބަރު ވިދާޅުވިއެވެ. ފެނަކައަކީ މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު އެންމެ ބޮޑަށް ދަރާފައިވާ އެއް ކުންފުނި. ފެނަކަ ނަގާ ކޮޅަށް ޖެހުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާ ބަލާއިރު އޮޕަރޭޝަނަލް ޕްރޮފިޓަބިލިޓީ 117 އިންސައްތައިގެ ކުރިއެރުމެއް ހޯދައި ހިންގުމުގެ ހަރަދު 4 އިންސައްތަ ވަނީ ކުޑަކުރެވިފައިކަމަށް ފެނަކައިގެ ތަފާސްހިސާބުތަކުން ދައްކައެވެ. ސީއެސްއާރްއަށް ކުރަމުން އައި ހަރަދު 96 އިންސައްތައަށް ވަނީ ދަށްކުރެވިފައެވެ. ފެނަކައިން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްވެސް ފުރަތަމަ ކުއާޓަރުގައިވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން 20 ރަށެއްގައި ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ އިތުރުކޮށް ޖުމްލަ 10.7 މެގަވޯޓު ފެނަކައިގެ ކެޕޭސިޓީއަށް އިތުރުކުރެވިފައިވާކަން ކުންފުނިންވަނި ފާހަގަކޮށްފައެވެ. ފެނަކައިން އަންނަނީ 157 ރަށެއްގައި އަސާސީ ހިދުމަތް ފޯރުކޮށްދެމުންނެވެ.

tel:+9607331319