logo

ޔަހޫދީންގެ އަމަލުތަކުން ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށް ވަނީ ނުރައްކާވެފައި: އިޙްސާން

profile

އަހުމަދު ޒަލީފު - 23 މޭ 2024 - 11:45

މިނިސްޓަރ ޢަލީ އިޙްސާން

މިނިސްޓަރ ޢަލީ އިޙްސާން

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން މުޅި ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާވެފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤަތަރުގައި މިހާރު ކުރިއަށްދާ ގްލޯބަލް ސެކިޔުރިޓީ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ އިސްރާޢީލުން ފަލަސްޠީނަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ދިވެހި ކޮންމެ ރައްޔިތެއްގެ ހިތަށް އަސަރުކުރާ ކަމަށެވެ. އަދި ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވުމާއި ހަމަޖެހުމާއި އަމާންކަމަށް ލޯބި ކުރާ ޤައުމެއްކަމަށްވުމުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާނުލައި ހިނދެއްގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލުމުގައި ދިވެހިން ދެމިތިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އިސްރާޢީލުން ފަލަސްތީނަށް ދެމުންދާ ޙަމަލާތަކަކީ އިންސާނިއްޔަތާ ދެކޮޅު ޢަމަލެއް ކަމަށެވެ. އަދި ދުނިޔޭގައި ހަމަޖެހުމާއި އަމާންކަން ޤާއިމްކުރުމަށް ކުރާ މަސައްކަތަށް މީގެ ސަބަބުން ހުރަސްއެޅި، ދުނިޔޭގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވެފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ހުރިހާ ދިވެހި ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް ދެމުންދާ ޙަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އިސްރާޢީލަށް ގޮވާލަން. އަދި އިސްރާޢީލުންނަށް ޙައްޤު އެހެން ތަނަކުން އާބާދުވުމަށް ބިމެއް ހޯދުމަށް ގޮވާލަން. ބައިނަލްއަޤުވާމީ މުޖުތަމަޢުތަކުން އިސްރާޢީލުން ފަލަސްތީނުގެ ބިން ހިސާރުކުރުމަށް ފުރުޞަތުދީގެން ނުވާނެ." ވަޒީރު ވިދާޅުވިއެވެ.

ގްލޯބަލް ސެކިޔުރިޓީ ފޯރަމްގައި ދުނިޔޭގެ ސަލާމަތަށް ނުރައްކާވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. އެގޮތުން ދުނިޔޭގެ ސަޕްލައިން ޗެއިނަށް އަންނަ ބަދަލުތަކާއި މޫސުމީ ބަދަލުތަކާއި ކާބޯތަކެތީގެ ސަލާމަތާއި ބައެއް ޤައުމުތަކުން އެހެން ޤައުމުތައް އަޅުވެތިކޮށްގެން ތިބޭ ތިބުމާ ބެހޭގޮތުން ފޯރަމްގައި މަޝްވަރާކުރާނެއެވެ. ފޯރަމްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޖުރިބާކާރުންނާއި ޤައުމުތަކުގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ.

tel:+9607331319