logo

ރިހެބިލިޓޭޝަންގައި ބައިވެރިވާ ކޮންމެ ދުވަހަކަށް ގައިދީންގެ ޙުކުމުން ދުވަހެއް އުނިވާ ގޮތަށް ހަދަނީ

profile

ޒިދާން މުޙައްމަދު - 29 އޯގަސްޓު 2024 - 15:05

ހޯމް މިނިސްޓަރ އިޙްސާން 'ސަގާފީ ގޯތި' ގުޅުވުމުގެ ހަފުލާގައި ވާހަކަދައްކަވަނީ -- ފޮޓޯ: ޒިދާން/ އަސްލު

ހޯމް މިނިސްޓަރ އިޙްސާން 'ސަގާފީ ގޯތި' ގުޅުވުމުގެ ހަފުލާގައި ވާހަކަދައްކަވަނީ -- ފޮޓޯ: ޒިދާން/ އަސްލު

ޖަލުގައި ގައިދުކޮށްފައި ތިބޭ މީހުން، ހެޔޮ ގޮތުގައި މުޖުތަމަޢަށް ނެރުމަށް ސަރުކާރުގެ އައު ސިޔާސަތެއް މިއަދު އިޢުލާންކޮށްފިއެވެ.

އައު ސިޔާސަތުގައި ވަނީ ޖަލުގައި ތިބޭ ގައިދީން ރިހެބިލިޓޭޝަންގައި ނުވަތަ ފަރުވާގައި ބައިވެރިވާ ކޮންމެ ދުވަހަކަށް އެ ގައިދީންގެ ޙުކުމުން ދުވަހެއް އުނިވާ ގޮތް ހެދުމެވެ. މިކަން އިޢުލާން ކުރައްވާފައިވަނީ މާފުށީގައި ޖަލުގައި ގާއިމުކުރި "ސަގާފީ ގޯތި" ހުޅުވަން ބޭއްވި ހާއްސަ ހަފުލާގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއެވެ.

މިނިސްޓަރ އިޙްސާން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ، ގައިދީންނަކީ ހަމައެކަނި ޖަލުގެ ތޭރިތަކުގައި ބަންދުކޮށްގެން ގެންގުޅޭ ބަޔަކަށް ހެދުމުގެ ބަދަލުގައި، އެ މީހުންނަކީ މުޖުތަމަޢަށް އަނބުރާ ނުކުންނަންވާ އިރަށް މަސައްކަތްތެރި އަދި އުފެއްދުންތެރި ބަޔަކަށް ހެދުން ކަމަށެވެ.

ސަރުކާރުން އިޢުލާންކުރި ސިޔާސަތުގެ ދަށުން، ގައިދީން ބޭނުން ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހޯދަން، ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވެވޭނެކަން މިނިސްޓަރ އިޙްސާން ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުމު ކަނޑައަޅުއްވާފައިވާ އައު ސިޔާސަތަކީ ގައިދީންގެ ތެރެއިން ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ގައިދީއަކީ، އެ މީހާ ބޭނުން ކޮންމެ ދާއިރާއަކުން ވިޔަސް މަސައްކަތް އުނގެނުމަށް މަސައްކަތްކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އެއް ދުވަސް ކެނޑޭނެ ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުން. މިކަން ހަރުދަނާ ގޮތެއްގައި ގެންދެވޭނެ އުސޫލުތައް ކަރެކްޝަނަލް ސާވިސަސް އިން ވަރަށް އަވަހަށް ކަނޑައަޅައި ހުރިހާ ގައިދީންނަށް އަންގާނެ.

މިނިސްޓަރ އިޙްސާން ވިދާޅުވި ގޮތުގައި އެކަން ހަރުދަނާ ގޮތެއްގައި ގެންދެވޭނެ އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރައްވާނެއެވެ. އަދި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ އިޙްސާން ވިދާޅުވީ، ޖަލުގައި ތައްޔާރުކުރާ ތަކެތި ޖަލުގެ އެތެރޭގައި އަދި އެއާޕޯޓުގައި ފަތުރުވެރިންނަށް ވިއްކޭނެ މަގުވެސް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މިތަކެތި ވިއްކައިގެން ލިބޭ ފައިދާގެ ބައެއް ގައިދީންނަށް އުޖޫރައެއްގެ ގޮތުގައި ދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މާލެއާ ކައިރި، ބްރިޖަކުން ގުޅާލެވޭ ހިސާބުގައި ސެންޓްރަލް ޖަލެއް ގާއިމްކުރުމަށް ވެސް މިހާރު ނިންމާފައި ވާކަމަށް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ. މި ޖަލުގެ މަސައްކަތް ތިން އަހަރުތެރޭ ނިންމައި، އޮޕަރޭޝަނަށް ގެނެވުމުން، ޖަލުގައި ގައިދީންނަށް ކުރަންޖެހޭ ޚަރަދު ވެސް ކުޑަވަނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން އުންމީދަކީ ޖަލުތަކަށް ކުރާ ޚަރަދު ކުޑަކޮށް ޖަލުތަކުން ނެރެވޭ ނަތީޖާ އިތުރުކުރުން ކަމަށް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.

މާފުށީ ޖަލުގައި ހުޅުވި "ސަގާފީ ގޯތިން" އާންމު ދިރިއުޅުމުގައި ކުރާ ހުރިހާ މަސައްކަތަކާއި ސަގާފީ ގިނަ މަސައްކަތްތައް ދަސްކޮށްދޭނެއެވެ. އޭގެެތެރޭގައި ފަންގިވިނުމާއި އޮޑިބަނުމާއި ތިލޭރުކަމާއި ކަސަބު ވިޔުން ފަދަ ކަންކަން ހިމެނެއެވެ. އަދި ތަފާތު ސަޤާފީ ކުޅިވަރުތައްވެސް ހިމެނެއެވެ.


tel:+9607331319