logo

ޕްރެސް ކޮންފަރެންސް ބޭއްވުމަކީ ޤާނޫނާ ޚިލާފުކަމެއްނޫން: މިނިސްޓަރ އިޙްސާން

profile

ޒިދާން މުޙައްމަދު - 31 އޯގަސްޓު 2024 - 16:30

ހޯމް މިނިސްޓަރ އިޙްސާން

ހޯމް މިނިސްޓަރ އިޙްސާން

ޕްރެސް ކޮންފަރެންސް ބޭއްވުމަކީ ޤާނޫނާ ގަވައިދާ ހިލާފުކަމެއް ނޫންކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ މިހެން ވިދާޅުވީ ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ.

ޑޮލަރު ކާޑުގެ ލިމިޓް އުވާލަން ގައުމީ ބޭންކުން ނިންމުމާ ގުޅިގެން އިދިކޮޅުން ބަޣާވާތް ކުރަން އުޅުނުކަމަށް ތުހުމަތުކޮށް އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ތަހުގީގުކުރަން ފަށާފައެވެ.

ފުލުހުން ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާއި ހިލާފަށް ދިވެހި ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް، ސިޔާސީ ފަރާތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ހަމަ އެވަގުތު ސޯޝަލްމީޑިއާގެ ބޮޓް އެކައުންޓުތައް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީފައިވާ ކަމަށެވެ.

މިދަނޑިވަޅުގައި ކުރީގެ މިނިސްޓަރ އަމީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ ހަފްތާގައި އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ ފަރާތުން ޕްރެސްއެއް ބޭއްވުމަށް ވިސްނަމުންދާ ކަމަށެވެ. ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު ނުވާ ގޮތަށް އެކަން ކުރަން އެންމެ ދުވަހަކާއި ވަގުތަކީ ކޮބައިތޯ މިނިސްޓަރ އިޙްސާން އާއި ޕޮލިސް އަދި ހޯމް މިނިސްޓްރީ ޓެގު ކުރައްވައި އަމީރު ޕޯސްޓުގައި ސުވާލުކުރައްވާފައިއެވެ.

"މި ފެށޭ ހަފްތާގައި އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ ފަރާތުން ޕްރެސް ކޮންފަރެންސެއް ބާއްވަން އެބަ ވިސްނާ. ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު ނުވާނެ ގޮތަކަށް މިކަން ކުރަން އެންމެ ރަނގަޅު ދުވަހަކީ، ވަގުތަކީ ކޮބައިތޯ؟ އަންނަ ހަފުތާގެ އެއްވެސް ދުވަހަކު ދައުލަތުގެ އެއްވެސް އިދާރާއަކުން ބޮޑު ނިންމުމެއް ނިންމައި އިއުލާނު ކުރުމަށް ހަމަޖެހިފައިވޭތޯ"

އަމީރު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓަށް ރައްދު ދެއްވައި މިނިސްޓަރ އިޙްސާން ވިދާޅުވީ ޕްރެސްއެއް ބޭއްވުން ގާނޫނާ ގަވާއިދާ ހިލާފު ކަމަށް އެއްވެސް މުއައްސަސާއަކުން ނާންގާނެ ކަމަށެވެ.

"ޕްރެސް ކޮންފަރެންސްއެއް ބޭއްވުމަކީ ގާނޫނާއި ގަވާއިދާ ހިލާފް ކަމެއް ނޫން. އެގޮތަށް އެއްވެސް މުއައްސަސާއަކުން ނާންގާނެ."

އެކަމަކު ޕްރެސް ކޮންފަރެންސް ބާއްވާ ގަޑީގައި ބައިވަރު އެހެން އިއްތިފާގުތައް ދިމާވިއްޔާ ޝައްކު އުފެދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ޖަގަހަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވަނީ ބޭންކުގެ ނިންމުމާއެކު އިދިކޮޅު ފަރާތްތަކުން ބަޣާވާތް ކުރަން އުޅުނީ ވަރަށް ދުރާލާ ރާވައިގެން ކަމަށް ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލްގެ ބޯޑުގައި ސަރުކާރު މެޖޯރިޓީ އޮތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ބީއެމްއެލްގެ ބޯޑުގައި ތިއްބެވި ޑިރެކްޓަރުންގެ ތެރެއިން ސަރުކާރަށް ނިސްބަތްވަނީ ހަތަރު ޑިރެކްޓަރުން ކަމަށެވެ.

ބީއެމްއެލްއިން ގެނައި ކުއްލި ބަދަލާއެކު ރައްޔިތުންގެ ނުރުހުން އަމާޒުވެފައިވަނިކޮށް އެ ނިންމުން ފަހުން ވަނީ އަނބުރާ ގެންގޮސްފައެވެ.

tel:+9607331319